މަސްތުގެ ހާލަތުގައި ހުރެ، ހައިވޭގައި ސައިކަލުމަތީ އޮށޯވެގެން ނުރައްކާތެރިކޮށް ދުއްވުމަށްފަހު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި މަގުމަތީގައެވެ.
ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި އާންމުކުރި މައުލޫމާތުގައި ބުނީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ވެހިކަލެއްގައި ޖެއްސި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އުމުރުން 26 އަހަރުގެ އަޙްމަދު ފާރިޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގި ގޮތުގެ ތަފުސީލު ހާމަކުރަމުން ފުލުހުން ބުނީ، އެ ދުވަހުގެ ފަތިހު 03:52 އެހައިކަންހާއިރު، ހެލްމެޓް ނާޅައި، ސައިކަލުމަތީގައި އޮށޯވެގެން ނުރައްކާތެރިކޮށް ހުޅުމާލެއިން މާލެއަށް ހައިވޭގައި ސައިކަލެއް ދުއްވާފައިދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން އޭނާ ދެނެގަނެ، މާލޭގެ ޓްރެފިކް ލައިޓް ކައިރިން މަޑުކުރުމަށް ފުލުހުން އެންގުމުން، އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން އޭނާ ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ފިލަން މަސައްކަތްކޮށްފައެވެ.
އޭނާ ފިލަން ދުއްވުމުން ފުލުހުންގެ ވެހިކަލް އޭނާގެ ފަހަތުން ގޮސް، މަޑުކުރުމަށް ތަކުރާރުކޮށް އެންގި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި އޭނާ ދުއްވި ސައިކަލު ފުލުހުންގެ ކާރުގައި ޖެހި ވަނީ އެކްސިޑެންޓްވެފައެވެ. މި ހާދިސާގައި ފުލުހުންގެ ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
އެކްސިޑެންޓަށްފަހު އޭނާ ވަނީ ސައިކަލު އެ ސަރަހައްދަށް ދޫކޮށްލުމަށްފަހު ފިލަން ދުވެފައެވެ. އެހެންނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކުރި މަސައްކަތުން، މާލޭގެ މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި އަޙްމަދު ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ މީހެކެވެ. އެގޮތުން އޭނާ ނުދައްކައި އޮތް ޓްރެފިކް ޖޫރިމަނާގެ އަދަދު 44،000 ރުފިޔާއަށް އަރައެވެ. މީގެއިތުރުން ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމުގެ އިތުރުން ލޯގަނޑު ނުޖަހައި ދުއްވުމުގެ ރެކޯޑު އޭނާގެ މައްޗަށް އޮތް ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ހަމައެއާއެކު، ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް އުޅަނދު ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމުގެ އިތުރުން، ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުމުގެ ރެކޯޑުތައް ވެސް އޭނާގެ އޮތް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!