ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުއާ ގުޅިގެން ފުރިހަމަ އެއްބަސްވުމެއް ޤާއިމުކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނާއި މިހާރު ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ ތެރެއިން މަޝްވަރާތައް ކުރުމަށްފަހު ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުމުގައި މިރޭ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ ރިއަލްއެސްޓޭޓުގެ ޤާނޫނެއް ތަޢާރަފުކުރުމަށް ސަރުކާރުން ނިންމެވީ ވަކި މަޝްރޫޢަކަށް ޚާއްސަކޮށްގެން ނޫންކަމަށެވެ. އަދި މި މަޝްރޫޢުގައި ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފު އެއްވެސް ކަމެއް ހިމެނޭތޯ އެ ރައްޔިތު މީހާ ކުރި މި ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ސަރުކާރުން އީގަލް ހިލްސްއާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ "ކޮމާޝަލް ޓާމް" އެއްބަސްވުމެއްގައި ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެކި ދާއިރާތައް ކުރިއަރުވަން ޖެހޭކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވީ، އިޤްތިޞާދުގައި އައު ސިނާޢަތްތައް އުފެއްދުމަށް ރިއަލްއެސްޓޭޓް ޤާނޫނުގެ އިތުރުން މިހާރު ހުރި ޤާނޫނުތަކަށްވެސް އިޞްލާޙު ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، މި ޤާނޫނާއެކު ރާއްޖޭގައި އައު ސިނާޢަތެއް އުފެދި، މުޅި ރާއްޖޭގައިވެސް އެފަދަ މަޝްރޫޢުތައް ހިންގުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި މަޝްރޫޢުއަކަށް އަމާޒުކޮށްގެން އެކުލަވާލާނެ ޤާނޫނެއް ނޫން ކަމަށެވެ. އަދި މި ޤާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައިވެސް މިފަދަ މަޝްރޫޢު ހިންގުމުގެ ފުރުޞަތު ބޭރުކުންފުނިތަކަށް ވެސް އޮންނާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
''ރާއްޖޭގެ ކުންފުނިތަކަށްވެސް އޮންނާނެ. އެގޮތަށް އަޅުގަނޑުމެން މި ޤާނޫނު އެކުލަވާލަނީ. މި ޤާނޫނު އެކުލަވާލެވުނީމަ މި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ރަސްމާލެ ބަޔަކާ ހަވާލުކުރަނީނަމަ އެކަން ކުރިއަށްގެންދާނީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރެޒިޑެންސީ ވިސާ ދޫކުރަމުން އަންނަކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި އެ ބަދަލުތައް އޭރު ސަރުކާރުން ގެންނެވީވެސް ރާއްޖޭގައި ރިއަލްއެސްޓޭޓް މާކެޓެއް އުފެއްދުމުގެ މަޤްޞަދުގައި ކަމަށާއި، ރަސްމާލޭގައި ހިންގާ މަޝްރޫޢުގައިވެސް ޢަމަލުކުރާނީ އިމިގްރޭޝަން ޤާނޫނުގެ ދަށުން ވިސާ ދޫކުރުމުގެ އުޞޫލާ އެއްގޮތަށް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
ބަންޑާރަނައިބު އަޙްމަދު އުޝާމް ކުރިން ވެސް ވަނީ މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވެފަވެއެވެ.
ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫޢެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގައި މި މަޝްރޫޢުގެ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުން ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!