ކޮންގްރެސްގެ ނަމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "ހޭވީ ވަރަށް ބޮޑު ހަޑިއެއް" ކަމަށާއި ''ގޮތް ހުސްވުމުން ވާނީ ވެސް އެހެން'' ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެހެންނަމަވެސް، އެ ރަސްމިއްޔާތުގެ ތެރެއިން ކޮންގްރެސްގެ ބައެއް ބައިވެރިން ވަނީ ސަރުކާރަށް ފާޑުކިޔައި އެކި ކުރެހުންތަކާއި އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ދައްކައިފަ އެވެ.
މިކަމަށް އިޝާރާތްކުރައްވައި މުހައްމަދު ދާއޫދު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކި ގައުމުތަކުގެ ސަފީރުންނާއި ދައުވަތު ދެވިގެން ދިޔަ ސިޔާސީ ލީޑަރުންގެ އިތުރުން މުޅި ރައްޔިތުންގެ ކުރިމަތީގައި ކޮންގްރެސްގެ ނަމުގައި އެމްޑީޕީން ވަނީ ވަރަށް ބޮޑު ހަޑިއެއް ހާވާފައި ކަމަށެވެ.
އެކި ޤައުމުތަކުގެ ސަފީރުންނާއި ދައުވަތު ދެވިގެންދިޔަ ސިޔާސީ ލީޑަރުންނާއި މުޅި ރައްޔިތުން ކުރިމަތީ ކޮންގުރެސް ނަމުގައި @MDPSecretariat އިން ތި ހޭވީ ވަރަށް ބޮޑު ހަޑިއެއް!
ދުވަސްވީ އެއް ޕާޓީގެ 5 ވަނަ ކޮންގުރެސް ހީކޮށްގެން މިހުރީ،@pnc_secretariat ކޮންގުރެސް އާއި ޗެލެންޖު…
— Mohamed David (@DevidMv) October 1, 2026
ދާއޫދު ވިދާޅުވީ ރާއްޖޭގެ ދުވަސްވީ އެއް ޕާޓީގެ ފަސް ވަނަ ކޮންގްރެސް ފެނިގެންދާނީ ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކޮށްލެވޭ ފަދަ، ރައްޔިތުން ބަލައިގަންނާނެ ވަރަށް ފުރިހަމަ ކޮންގްރެސްއެއްގެ ގޮތުގައި ކަމަށް ހީކުރެއްވި ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ އެ ހަރަކާތުން ފެނިގެންދިޔައީ އެއްވެސް އަދަބު އަހުލާގެއް ނެތް މަންޒަރު ކަމަށް އޭނާ ސިފަކުރެއްވި އެވެ. އަދި އެއީ ގޮތްކުޑަ އަމަލެއްގެ ގޮތުގައި ފާހަގަކުރައްވައި އެ މަންޒަރު ވަރަށް ހުތުރުވެފައި ހަޑި ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
އެމްޑީޕީގެ ލީޑަޝިޕަށް ފާޑުވިދާޅުވަމުން ދާއޫދު އިތުރަށް ވިދާޅުވީ، އެ ޕާޓީގެ ވެރިންގެ އެއްވެސް ރޭވުންތެރިކަމެއް އަދި މިސްރާބެއް ނެތްކަން މިކަމުން ސާފުވާ ކަމަށާއި، ގޮތް ހުސްވުމުން ވާނީ ވެސް އެފަދަ ގޮތަކަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!