ދުބާއީން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1073 ގެ ކޮކްޕިޓް ތެރޭގައި ވައިގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ޒަހަމްވި އިންޑިއާގެ ޕައިލެޓް، ކެޕްޓަން ސްމިތު މަޗްޗާރުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ސައޫދީ އަރަބިއްޔާގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފިއެވެ.

ބުދަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެ ބޯޓު ވަނީ ސައޫދީ އަރަބިއްޔާގެ ތަބޫކްގައި ހުންނަ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާލަތުގައި ޑައިވަޓްކޮށްފައެވެ.

Ad
rt

ރިޔާޟުގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ތަބޫކުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން އަންނަ މި ހިތްވަރުގަދަ ޕައިލެޓުގެ ސިއްހީ ހާލަތު، އެމްބަސީގެ އިތުރުން ޖިއްދާގައި ހުންނަ ކޮންސިއުލޭޓުން ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މަޗްޗާރަށް ބޭނުންވާ ފުރިހަމަ ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް ސިއްހީ ހާލަތާ ގުޅޭ ފުރިހަމަ އަޕްޑޭޓަކަށް އަދިވެސް އިންތިޒާރު ކުރެވެމުންދާ ކަމަށް އެމްބަސީން ފާހަގަކުރިއެވެ. އަދި އޭނާގެ އާއިލާއާ ގުޅުން ދަމަހައްޓަމުން އަންނަ ކަމަށާއި، ސައޫދީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އޭނާގެ ސަލާމަތާއި ފަރުވާއަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ދަތުރުގެ ތެރޭގައި މަޗްޗާރަށް ހަމަލާދީ ވަޅި ޖަހާފައިވަނީ ފްލައިޓުގައި ހުރި އެހެން ޕައިލެޓެކެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަޗްޗާރުގެ އަމަލުތަކަށް ތައުރީފު ކުރައްވައި، އޭނާ "174 މީހެއްގެ ފުރާނަ ސަލާމަތްކޮށްދީ"، ވައިގެ ތެރޭގައި ހިނގަން އުޅުނު "ބޮޑު ކާރިސާއަކުން" ފްލައިޓް ސަލާމަތްކޮށްދިން ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މަޗްޗާރު ދެއްކި ހިތްވަރަށް ސާބަސް ދެއްވައިފައެވެ. މޯދީ ވިދާޅުވީ ސީރިއަސް އަނިޔާތަކެއް ލިބިފައިވީ ނަމަވެސް، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އޭނާ ދެއްކި ސާބިތުކަމާއި ހިތްވަރުގެ ސަބަބުން އެތައް ސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްވެ، ބޮޑު ހިތާމައަކުން ސަލާމަތްވި ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ހާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވަނީ ނުރައްކާތެރި ދަނޑިވަޅުގައި މަޗްޗާރު ދެއްކި ކެކުޅުމާއި ވިސްނުންތޫނުކަމަށް ތައުރީފު ކުރައްވާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މަޗްޗާރަކީ "ބަތަލެއް" ކަމަށް ސިފަކުރައްވައިފައެވެ.

މުމްބާއީގައި ބޮޑުވި މަޗްޗާރު އޭވިއޭޝަން ދާއިރާގެ ތަމްރީނުތައް 2008 ވަނަ އަހަރު ފެށީ ނިއުޒީލެންޑުގެ މެއިންލޭންޑް އެއާއިންނެވެ. އެއަށްފަހު 2011 ވަނަ އަހަރު އިންޑިއާގެ ސްޕައިސްޖެޓްގެ ކޮމާޝަލް ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ފެށުމަށްފަހު، ދުބާއީއަށް ބަދަލުވެ ފްލައިދުބާއީއާ ގުޅުނީ 2022 ވަނަ އަހަރުއެވެ. އޭނާގެ ލިންކްޑްއިން ޕްރޮފައިލް ދައްކާ ގޮތުން ވައިގެ ދަތުރުފަތުރުގެ ދާއިރާގައި 9،750 އަށް ވުރެ ގިނަ ގަޑިއިރުގެ ތަޖުރިބާ ހުރިއިރު، އޭގެ ތެރެއިން 6،400 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވަނީ ޕައިލެޓް-އިން-ކޮމާންޑްގެ ގޮތުގައެވެ.

މި ހާދިސާއާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ސެންޓަރުން ވަނީ މި އެމަޖެންސީ ލޭންޑިންގެ ސޭފްޓީ ތަހުގީގެއް ފަށައި، ހެކި އެއްކުރުމަށާއި ކަންހިނގި ގޮތް ބެލުމަށް ޓީމެއް އެކުލަވާލައިފައެވެ. އަދި މި ހާދިސާގެ ފަހަތުގައިވާ މަގުސަދާއި، މިއީ ޓެރަރިޒަމާ ނުވަތަ ކުރިން ރޭވިގެން ހިންގި އަމަލަކާ ގުޅުންހުރި ކަމެއްތޯ ބެލުމަށް ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ވެސް އަންނަނީ ތަހުގީގު ހިންގަމުންނެވެ. ފްލައިދުބާއީން ކުރިން ބުނެފައިވާ ގޮތުގައި ބޯޓު ތަބޫކަށް ޑައިވަޓްކޮށް ސަލާމަތްތެރިކަމާއެކު ޖެއްސުމުގެ ކުރިން، ބޯޓުގައި ދަތުރުކުރި އެ ކުންފުނީގެ ފަޅުވެރިން ވަނީ ބޯޓުގެ ކޮންޓްރޯލާއި ރައްކާތެރިކަން ކާމިޔާބުކަމާއެކު ކަށަވަރުކޮށްފައެވެ.