ށ. ފީވަކު ކައުންސިލުން އަލަށް ތަރައްޤީކުރި އެކޮމޮޑޭޝަން ބްލޮކް ހިންގުމަށް "ބަލްމާ ސަންސެޓް ރެސްޓޯރެންޓް" އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

20 އަހަރު ދުވަހުގެ މުއްދަތަށް މި އެއްބަސްވުމުގެ ދަށުން، މި ތަން ކުއްޔަށް ދޫކޮށްފައިވަނީ މަހަކު 22,500 ރުފިޔާގެ މަގުންނެވެ.

Ad
rt

މި އެއްބަސްވުމުގައި ފީވަކު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސްކަމުގެ ތިންވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ޢަލީ ރަޝީދެވެ. އަދި ބަލްމާ ސަންސެޓް ރެސްޓޯރެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޖުތަބާއެވެ.

ފީވަކު ކައުންސިލުން ތަރައްގީކުރި ގެސްޓްހައުސް، ފޮޓޯ: ކައުންސިލް

ފީވަކު ކައުންސިލުން ތަރައްގީކުރި ގެސްޓްހައުސް ބަލްމާ އާއި ހަވާލުކުރުން، ފޮޓޯ: ކައުންސިލް

މި މަޝްރޫޢު ހިންގުމުގެ ފުރުޞަތު އެ ފަރާތަށް ދީފައިވަނީ ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅުމާ ގުޅިގެންނެވެ.

ކައުންސިލްގެ ރައީސް ޢަލީ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، މި މަޝްރޫޢަކީ ފީވަކުގައި ލޯކަލް ޓޫރިޒަމް ފެށުމުގެ ކުރިން ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް، ކެއުމާއި ނިދުމުގެ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެން ނެތުމުގެ ދަތިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ފެށުނު މަސައްކަތެއްކަމަށެވެ.

"ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް އެންމެ ފުރަތަމަ ބޭނުންވާނީ ކެއުމާއި ހުރުމުގެ ޚިދުމަތް. ލޯކަލް ޓޫރިޒަމްގެ ތެރެއަށް ރަށް ހުޅުވާލެވޭނީ ވެސް މި ޚިދުމަތްތައް ފުރިހަމައަށް ލިބެން ހުރެގެން. އެހެންކަމުން އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަންދިނީ ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ޤާއިމުކުރުމަށް. އަދި އޭގެ ފަހުން މިއަދު މިވަނީ އެކޮމޮޑޭޝަން ބްލޮކް ތަރައްޤީކޮށް ނިންމާލެވިފައި،" ޢަލީ ރަޝީދު ވިދާޅުވިއެވެ.

ފީވަކު ކައުންސިލުން ތަރައްގީކުރި ގެސްޓްހައުސް ބަލްމާ އާއި ހަވާލުކުރުން، ފޮޓޯ: ކައުންސިލް

ރަށުގައި އެފަދަ ގެސްޓްހައުސްއެއް ނެތުމުގެ ސަބަބުން ދިމާވި ދަތިތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ ބައްދަލުވުންތަކުގައި މި މަޝްވަރާތައް ހިއްސާކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތަކީ، ދައުލަތުން ދޭ ގްރާންޓް ބާކީކޮށްގެން، އިސްރާފު ކުޑަކޮށް، ސަލާމަތްކުރި ފައިސާއިން ކައުންސިލްގެ އަމިއްލަ ބަޖެޓުން ކުރި އިންވެސްޓްމަންޓެއްކަމަށް ވެސް ޢަލީ ރަޝީދު މައުލޫމާތު ދެއްވިއެވެ.

މި އެކޮމޮޑޭޝަން ބްލޮކް ހިންގަން ފެށުމުން ރަށުގެ ވިޔަފާރިތަކަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ، ރަށުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ފީވަކު ކައުންސިލުން ތަރައްގީކުރި ގެސްޓްހައުސް ބަލްމާ އާއި ހަވާލުކުރުން، ފޮޓޯ: ކައުންސިލް

މީގެ އިތުރުން ވެސް، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބަނދަރު ހިޔާއާއި ރެސްޓޯރެންޓެއް ވެސް އެ ކައުންސިލުން ވަނީ އެ ރަށުގައި ޤާއިމުކޮށް، ޚިދުމަތްދޭން ފަށައިފައެވެ.