ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ (އެފްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެފްއެސްއޭ ނެއްލައިދޫ ފުޓްސަލް ކަޕް 2026" ގެ ފައިނަލް މެޗުގެ ފޯރިގަދަ ކުޅުމަކަށްފަހު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުން ވެލާ ޔުނައިޓެޑް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ޓީމް ފުރުންމާ ހޯދައިފިއެވެ.
ވެލާ ޔުނައިޓެޑާއި ޓީމް ފުރުންމާ ބައްދަލުކުރި ވާދަވެރި ފައިނަލް މެޗުގެ ވަގުތު ހަމަވީ އިރު، ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
އެހެންކަމުން، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީތަކުގައި ފުރަތަމަ ޖެހި ފަސް ޕެނަލްޓީ ވެސް ދެ ޓީމުން ކާމިޔާބު ކުރިއެވެ. ނަތީޖާ ކަށަވަރު ކުރުމަށްޓަކައި، ވެލާ ޔުނައިޓެޑުން ޖެހި ޕެނަލްޓީ، ފުރުންމާގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
އެއަށްފަހު ފުރުންމާއިން ޖެހި ޕެނަލްޓީ ކާމިޔާބުކޮށް، 6-7 ގެ ނަތީޖާއަކުން ކުރިހޯދައި އެ ޓީމުން ވަނީ މި މުބާރާތުގެ ޗެމްޕިއަން ތަށި އުފުލާލައިފައެވެ. މި މުބާރާތުގެ ރަނަރަޕްޓީމަކަށް ވެލާ ޔުނައިޓެޑް ގޮސްފައިވާއިރު، ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް ވަކަރެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އޮފް ދަ ޓޯނަމެންޓް ޙާޞިލްކޮށްފައިވަނީ ޓީމް ފުރުންމާގެ މުޙައްމަދު އާދަމްއަށެވެ. އަދި ޓޮޕް ސްކޯރާގެ މަޤާމް ލިބުނީ ހަމަ އެ ޓީމުގެ މުޙައްމަދު ޒިހާނަށެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ، ވެލާ ޔުނައިޓެޑްގެ އަޙްމަދު ޒިމާމް، މުޙައްމަދު ވިޝާމްގެ އިތުރުން ޓީމް ފުރުންމާގެ މުޙައްމަދު އާދަމާއި، މުޙައްމަދު ޒިހާންގެ އިތުރުން މުޙައްމަދު އިބްރާހީމެވެ.
މި މުބާރާތުގެ 18 އަހަރުން ދަށުގެ އުއްމީދީ 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޓީމް ފުރުންމާގެ ޝައިބާން އަޙްމަދު ރަޝީދު، ރައިޝަމް އަޙްމަދު ރަަޝީދު، މުޙައްމަދު އަބާންގެ އިތުރުން އެފްސީ ރޯސް ބްރާދާސްގެ ޝައިމް މުޙައްމަދު ވަޙީދާއި ޓީމް ވަކަރުގެ އަޒްހަދް އަޙްމަދު ޝާކިރެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމާއި، މެޑަލް އަދި ޓްރޮފީ ދީފައިވާއިރު، ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، އަދި ޕްލޭ ޓީމަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ވެސް ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީންވަނީ ޙަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!