ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ތުތި ބޯވަދިލަމަސް (ޑައިމަންޑް ބެކް ސްކުއިޑް) ބޭނުމުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން، ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި، މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، މާކަނޑުގެ ފުން ސަރަހައްދުތަކުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމެވެ.
މީގެއިތުރުން، މި ބާވަތުގެ މަސްވެރިކަން ދަސްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އައު އާމްދަނީ ހޯދުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ، ދިވެހި މަސްވެރިކަން ކުރިއަރުވައި ރައްޔިތުންގެ މާލީ ތަނަވަސްކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ލަނޑުދަނޑިއެއްކަމަށް އެ ކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. މި ތަމްރީނު ބާއްވާނެ ސީދާ ތާރީޚާއި ތަން، ޕްރޮގްރާމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް ފަހުން އަންގާނެ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޫބަރު 4 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކަމަށްޓަކައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!