ދަރަނީގެ ދަންތުރައިގެ ސަބަބުން ގައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާއިން އިސްނަގައިގެން ބޭއްވި "ހައިލެވެލް މީޓިންގ އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް" ގައި ތަޤްރީރު ކުރައްވަމުންނެވެ.

Ad
rt

ނައިބު ރައީސްގެ ތަޤްރީރުގައި، ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި) ގެ އަމާޒުތައް ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކޮށްދިނުމަށްޓަކައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ އިންތިހާއަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޖީޑީއައި އިތުރަށް ފުޅާކުރުމަށްޓަކައި ޗައިނާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ހިންގާ މަޝްރޫޢުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދެމިގެންދާ ގުޅުމަށާއި، ރާއްޖޭގެ ޤައުމީ ތަރައްޤީގައި ޗައިނާއިން އަދާކުރަމުންދާ މުހިންމު ދައުރަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، ކޮޕް31 ގެ އަމާޒުތަކަށް ވާޞިލްވުމުގެ މުހިންމުކަންވެސް ނައިބު ރައީސްގެ ތަޤްރީރުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ދަރަނީގެ ދަންތުރައިގެ ސަބަބުން ޤައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމުގައި ސައިންސާއި، ޓެކްނޮލޮޖީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނޭހެން އީޖާދީ ވިސްނުންތަކަކީ ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މަޢުލޫމާތާއި ޓެކްނޮލޮޖީ ޙިއްސާކުރުމާއި، ޤައުމުތަކުގެ ކެޕޭސިޓީ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތާޢީދުކުރައްވާފައެވެ.

ތަޤްރީރު ނިންމަވާލައްވަމުން، ނައިބު ރައީސް ވަނީ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.