އައްޑޫ ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ހޮންގްކޮންގްގެ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލަޖީ ކޯ ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ޑީޓުއަރ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް، 12.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަވާލުކޮށްފައެވެ.

ލިންކް ރޯޑް އަލުން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި މަގުތަކުގައި ދުވާރު ހަދައި، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ އިތުރު މަސައްކަތްތައް ކުރިއަށްދާނެއެވެ.

މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމުގެ އިތުރުން ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.