ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ އއ. ތޮއްޑޫގައި ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ހިންގައި 500 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ad
rt

މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިމިގްރޭޝަން ގުޅިގެން ތޮއްޑޫގައި ކުރިއަށްގެންދިޔަ މި ހަރަކާތް ހިންގާފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި ވަގުތުކޮޅުގެ ތެރޭގައި އެ ރަށުގައި އުޅޭ ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށް، އެ މީހުންގެ ލިޔެކިޔުންތައް ވަނީ ބަލައިފައެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ސައްޙަ ވިސާއެއް ނެތި އުޅެމުންދިޔަ ބިދޭސީން ހިމެނެއެވެ. މީގެ އިތުރުން، މަސައްކަތް ކުރުމަށް ހުއްދަ ދޫކޮށްފައިވާ ތަން ނޫން އެހެން ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ މީހުންނާއި، ހުއްދަ ދެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީންވެސް އެ މީހުންގެ ތެރޭގައި ހިމެނޭކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހިންގާ މިފަދަ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކުރުން ކަމަށެވެ. އަދި މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކުރުމަކީވެސް މުހިންމު ބޭނުމެއް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް މިފަދަ އޮޕަރޭޝަންތަކުގެ މުހިންމު ބޭނުމެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން "އޮޕަރޭޝަން ކުރަނގި" ފަދަ ޚާއްސަ ގައުމީ އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އެތައް ބިދޭސީންނެއް މިހާތަނަށް ވަނީ ރާއްޖެއިން ފުރުވާލާފައެވެ.