ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޞްލާޙު ގެންނަވައި، ޕްލާސްޓިކް ހޮޅިއާއި ބައެއް ސައިޒުގެ ފެންފުޅި މަނާކުރުން ފަސްކުރައްވައި، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާކުރައްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ގެންނެވި މި އިޞްލާޙުގެ ދަށުން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީޚު ވަނީ ބަދަލުކުރައްވައިފައެވެ. އެގޮތުން، ކުރިން 1 ޖޫން 2021 އިން ފެށިގެން މަނާކުރަން އޮތް އޮތުން، 1 ޖޫން 2031 އަށް ވަނީ ފަސްކުރައްވައިފައެވެ.
އޭގެ އިތުރުން، ޕްލާސްޓިކް ހޮޅި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކުރިން ކަނޑައަޅާފައިވާ 19 ޑިސެންބަރު 2022 ގެ ތާރީޚު، 19 ޑިސެންބަރު 2031 އަށް ފަސްކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ. މިއީ ސިންގަލް-ޔޫސް ޕްލާސްޓިކް ލިސްޓުގެ ނަންބަރު 1 އަށް ގެންނެވި ބަދަލެކެވެ.
ފެންފުޅިއާ ގުޅޭގޮތުން ލިސްޓުގެ ނަންބަރު 13 އަށް ގެންނެވި އިޞްލާޙުގައިވާ ގޮތުން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު ވަނީ 1 ޑިސެންބަރު 2029 އަށް ފަސްކުރައްވައިފައެވެ. އަދި މިފަދަ ފެންފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު ވަނީ 1 ޖޫން 2030 އަށް ފަސްކުރައްވައިފައެވެ.
މީގެއިތުރުން، ސިންގަލް-ޔޫސް ޕްލާސްޓިކް ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކުރައްވާފައިވެއެވެ. މި ބަދަލާއެކު، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން ވަނީ މަނާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 35/2025 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ޤަރާރަށް ގެންނެވި މި އިޞްލާޙުތައް، ޤަރާރު ނަންބަރު 15/2026 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގެ ގޮތުގައި ހިމަނުއްވައި، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!