ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ގެ ބުރާސްފަތި ދުވަހުގެ މެޗުތަކުން އެންމެ ވާދަވެރި ވެގެން ދިޔައީ އަންހެން ޑިވިޜަންގެ ހޭޅި އަދި ދަގަތަ އެފްސީން ކުޅުނު މެޗެވެ.
ރޭ ކުޅުނު މި މެޗުގައި، ދެ ފަރާތުގެ ގޯލަށް ވެސް ހޫނު ހަމަލާތަކެއް އަމާޒުކޮއްފައިވެއެވެ. އަދި މިއީ ދުވަހުގެ އެންމެ ފޯރިގަދަ މެޗެވެ. މި މެޗު، ދަގަތަ އެފްސީން ކާމިޔާބު ކުރީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. 2-3ގެ ނަތީޖާއިން ދަގަތައަށް ކުރި ލިބިފައިވާއިރު، މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލް ކޮއްފައިވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮއްދީފައިވާ، ޖާޒީ ނަންބަރު 2 މަރިޔަމް މަލްޝާ ޝަމީމެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ރާޅު އަދި ޗެލެންޖާސް އެސްސީއެވެ. މި މެޗު 1-6 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރާޅެވެ. ޗެލެންޖާސް އެސްސީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދިނީ އެ ޓީމުގެ ޖާޒީނަންބަރު 10 އަޙްމަދު އަފްލާޒެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރާޅުގެ ޖާޒީ ނަންބަރު 10 އަލީ އަލްސަންއެވެ. މި މެޗުގައި އަލްސަންވަނީ ރާޅަށް 3 ލަނޑު ކާމިޔާބުކޮއްދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. މީގެއިތުރުން އިއްޔެ ރާޅު އަދި އިހްވާން އެފްސީން ބައްދަލު ކުރި މެޗުގައި އަލްސަންވަނީ 4 ލަނޑު ޖަހައި، މޮޅު ކުޅުންތެރިޔާގެ މަޤާމް ޙާޞިލް ކޮއްފައެވެ.
ހަވީރު ކުޅުނު ފަހު މެޗުގައި ބައްދަލު ކޮއްފައިވަނީ ދަގަތަ އެސްސީ އާއި ބިއްލެޑޭ އެފްސީއެވެ. މި މެޗު ދަގަތަ އެސްސީން ވަނީ 5-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. މި މެޗުގައި ބިއްލެޑޭ އެފްސީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮއްދީފައިވަނީ އެ ޓީމުގެ ޖާޒީނަންބަރު 11 އާދަމް އަޒްމީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަގަތަ އެސްސީގެ ޖާޒީނަންބަރު 10 ޢަބްދުﷲ ތަހުޝީނެވެ.
އަންހެން ޑިވިޜަންގެ ފަހު މެޗުގައި ރޭ ބައްދަލުކުރީ، އިހްވާން އެސްސީ އާއި ރޯނު ކަނބަލުންނެވެ. މި މެޗުގައި އިހްވާން އެސްސީގެ މައްޗަށް ރޯނު ކަނބަލުން ކުރި ހޯދާފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލް ކޮއްފައިވަނީރޯނު ކަނބަލުންގެ ޖާޒީ ނަންބަރު 10 މަރިޔަމް ނޫރާއެވެ. މިއީ މުބާރާތުގައި މި މަޤާމް ނޫރާ ހޯދި ތިންވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!