މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހިންގާ މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި، މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިޔުޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ ޕްރޮގްރާމެކެވެ.

Ad
rt

ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށްދާ މި ކޯހުގައި ކަނޑުގެ އެކި ދިރުންތައް އާލާކުރުމަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި ކޯހުގެ ދަށުން، ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފްކޮށް، ތަރައްޤީ ކުރުމަށް ބޭނުންވާ ދިވެހި ފަންނު ވެރިން ބިނާ ކުރެވޭނެކަމުގައި އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަކީ ޓޫރިޒަމް ސެކްޓަރަށް ވެސް ގިނަ ފައިދާތަކެއް ލިބޭނެކަމެކެވެ. މަސްވެރިކަމާއި ޓޫރިޒަމް ގުޅުވައިލުމުން ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދު ރަނގަޅުވެ، އާ ވަޒީފާތަކެއް އުފެދިގެންދާނެއެވެ.

މި މަހުގެ 8 ވަނަ ދުވަހު ފަށައިފައިވާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ.