ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން މިއަދު ބުނެފިއެވެ.

އެމްއެމްއެސް އިން މިއަދު އާންމު ކުރި މައުލޫމާތެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައެއްނުވާކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށާއި، ނަމަވެސް ބިންހެލުންތައް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ސީދާތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތްކަމަށް އެ އިދާރާއިން ބުންޏެވެ.

Ad
rt

''އެމް.އެމް.އެސް އިން ދަނީ ބިންހެލުންތަކުގެ މައުލޫމާތުތައް މެދުކެނޑުމެއްނެތި ބަލަމުން، މިގޮތުން ދިވެހިރާއްޖެއަށް އަސަރެއްކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ، އެމްއެމްއެސް އިން އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާ ކުރަމުން ގެންދާނެ،'' އެ އިދާރާއިން ބުނެފަވެއެވެ.

އެމްއެމްއެސް މިފަދައިން ބުނެފައި ވަނީ ބިންހެލުމެއް އަންނަން އުޅޭކަމަށް މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާ ގުޅިގެންކަމަށް ބެލެވެއެވެ.

ބިންހެލުންތައް ދެނެގަތުމަށްޓަކައި ސައިންސްވެރިން ބޭނުންކުރާ އެންމެ މައިގަނޑު އެއް ވަސީލަތަކީ ސީޒްމޯމީޓަރާއި ސީޒްމޯގްރާފެވެ. މި އާލާތްތަކުން ބިމަށް އަންނަ ލޮޅުންތައް މިންކޮށް، އެ މައުލޫމާތު އިލެކްޓްރޯނިކް ސިގްނަލްތަކެއްގެ ގޮތުގައި ރެކޯޑުކުރެއެވެ. ބިންހެލުމެއް އުފެދުނު ސީދާ މަރުކަޒު ނުވަތަ އެޕިސެންޓަރު ހޯދުމަށްޓަކައި ޓްރައިންގިއުލޭޝަންގެ އުސޫލު ބޭނުންކުރެއެވެ. މީގެ މާނައަކީ މަދުވެގެން ތިން ސީޒްމިކް ސްޓޭޝަނަކަށް ބިންހެލުމުގެ ރާޅުތައް ފޯރި ވަގުތުތައް އަޅާކިޔައިގެން ބިންހެލުން އުފެދުނު ތަން ދެނެގަތުމެވެ.

ބިންހެލުން ގިނަ ގައުމުތަކުގައި ބޭނުންކުރާ 'އާތުކުއޭކް އާލީ ވޯނިންގ' (އީއީޑަބްލިޔު) ނިޒާމުތަކަކީ ބިންހެލުން ފެށޭއިރު އެންމެ އަވަހަށް ދަތުރުކުރާ ޕީ-ވޭވްސް ދެނެގަނެ، ގެއްލުންދެނިވި ބާރުގަދަ ރާޅުތައް އައުމުގެ ކުރިން އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ. މީގެ އިތުރުން ފައިބަރ އޮޕްޓިކް ކޭބަލްތައް ސެންސަރުތަކެއްގެ ގޮތުގައި ބޭނުންކޮށްގެން ބިމަށް އަންނަ ލޮޅުންތައް ދެނެގަތުމުގެ ޒަމާނީ ޓެކްނޮލޮޖީ (ޑީއޭއެސް) ވެސް މިހާރު ދަނީ ބޭނުންކުރަމުންނެވެ.

ބިންހެލުމުގެ ސަބަބުން ބިމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސެޓެލައިޓް ރިމޯޓް ސެންސިންގ އާއި ޖީ.ޕީ.އެސް ސްޓޭޝަންތައް ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. މި ހުރިހާ ވަސީލަތްތަކަކީ ބިންހެލުން އައުމާއެކު އެކަން ދެނެގަތުމަށް އެހީތެރިވެދޭ އެއްޗެހި ނަމަވެސް، ބިންހެލުމެއް އައުމުގެ ކުރިން އެކަން ވާނެ ސީދާ ވަގުތާއި ތަން ދެނެގަތުމަކީ ސައިންސްވެރިންނަށް އަދިވެސް ކުރަން ދަތި ކަމެކެވެ.