މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބުނު މައްސަލާގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
މ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުންނެވެ.
އެ މައްސަލާގައި ހައި ކޯޓުން ނިންމީ އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އެ ތިން ވޯޓު އުނިކުރުމަށްފަހު އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އަމުރުކޮށްފައިވެ އެވެ. އެގޮތަށް އަމަލު ކުރުމުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ކުރިން ނިންމާލާފައިވާއިރު, އެ މައްސަލާގެ ހުކުމް މާދަމާ އިއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުالله ހަމީދާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހަމީދެވެ.
އެ މައްސަލަ ހުކުމާ ހިސާބަށް ދިޔައިރު, އެ މައްސަލަ ކޯޓުގައި އޮތުމުން ހޮވުނު ޕީއެންސީ ކެންޑިޑޭޓް މިހާތަނަށް މަގާމުގެ ހުވާ ކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!