މި މަހުގެ 12 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުރިން، ތަމްރީނުތައް ފުރިހަމަކުރުމަށް އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު އާދީއްތަ ދުވަހު މެކްސިކޯއަށް ގޮސްފިއެވެ.

ނަމަވެސް ޓީމުގެ ބައެއް އޮފިޝަލުންނަށް އަދިވެސް އެމެރިކާގެ ވިސާ ނުލިބޭތީ އީރާނުގެ ޑިފެންޑަރު އިހްސާން ހާޖްސަފީ ވަނީ ފީފާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

Ad
rt

އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާނުން ބައިވެރިވުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވީ އީރާނުގެ ހަނގުރާމައިގެ ސަބަބުންނެވެ. ވިސާ ހޯދުމުގައި ދިމާވި ދަތިތަކާ ހުރެ، އީރާނުން ވަނީ އެމެރިކާގެ އެރިޒޯނާގައި ބޭއްވުމަށް ކުރިން ހަމަޖެއްސި ތަމްރީނު ކޭމްޕް، ކެލިފޯނިއާ ބޯޑަރު ކައިރީގައި އޮންނަ މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކޮށްފައެވެ.

މެކްސިކޯއަށް ޓީމު ދިއުމުން ހާޖްސަފީ ބުނީ ޓީމުގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ވިސާގެ ކަންކަން ލަސްވުމުން ފީފާއާ މެދު ޝަކުވާ އެބައޮތް ކަމަށެވެ.

"އަހަރެންގެ އަމިއްލަ ޝަކުވާއެއް ފީފާއަށް އެބައޮތް. ކީއްވެގެންތޯ މިހާ ގިނަ ދުވަސް ނެގީ؟ އަހަންނަށް އެނގިފައިވާ ގޮތުގައި ވިސާ ލިބުނީ ހަމައެކަނި ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މަދު ބަޔަކަށް،" ހާޖްސަފީ ބުންޏެވެ.

ވިސާ ނުލިބޭ މީހުންގެ ތެރޭގައި އީރާނު ފުޓްބޯޅަ ފެޑަރޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ހެދަޔަތު މޮމްބެއިނީ އާއި ނައިބު ރައީސް މަހްދީ މުހައްމަދު ނަބީ ހިމެނެއެވެ.

އީރާނުން މުބާރާތުގައި ކުޅޭ ފުރަތަމަ ދެ މެޗު އޮންނާނީ ކެލިފޯނިއާގެ އިންގްލްވުޑްގައެވެ. އެއީ ޖޫން 15 ގައި ނިއުޒިލެންޑާ ދެކޮޅަށް އަދި ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް އީރާނު ނުކުންނާނެއެވެ. ގްރޫޕްގެ ނަތީޖާތައް ނުކުންނަ ގޮތަކުން ޖުލައި 3 ގައި އެމެރިކާ އާއި އީރާނު ބައްދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.

މި މުބާރާތުގައި އީރާނުން ބައިވެރިވުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާރިޗު މަހު ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، އީރާނުގެ ފެޑަރޭޝަނުން ވަނީ އެ ގައުމު ބާކީ ނުކުރެވޭނެ ކަމަށް ބުނެފައެވެ. އީރާނުން އެކުލަވާލި ޓީމުގައި ހަނގުރާމައިގެ ސަބަބުން ކުޅުން މެދުކެނޑިފައިވާ 17 ކުޅުންތެރިއަކު ހިމެނޭއިރު، މަޝްހޫރު ފޯވާޑް ސަރްދާރު އަޒްމޫން ވަނީ ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން ޓީމުން ބާކީކޮށްފައެވެ.