ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށްޓަކައި، "ދަ ޕަލްސް" ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް ރަސް އޮފީހުން މިއަދު ފަށައިފިއެވެ.
މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު ވަނީ ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި އާންމުކޮށްފައެވެ.
މި ޕޮޑްކާސްޓް ފަރުމާކުރެވިފައިވަނީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުންނެވެ.
ކޮންމެ އެޕިސޯޑެއްވެސް ވަކި މައުޟޫޢަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ޚާއްޞަކޮށްފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ތިމާވެށީގެ ދާއިރާއަށެވެ. މި އެޕިސޯޑުގައި ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިތުން ފާޅުކުރި ބައެއް ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.
ޕޮޑްކާސްޓްގެ ދެވަނަ ބައިގައި ރާއްޖޭގެ މީޑިއާއަކަށް އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ އެޕިސޯޑުގައި ބައިވެރިވީ 'ވަގުތު' ނޫހުގެ ނޫސްވެރިޔާ ޔާމީން މުޙައްމަދެވެ. މި ބަސްދީގަތުމުގައި ރައީސް ވަނީ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދޭ އިސްކަމާއި، އެކަން ޢަމަލީ ގޮތުން ތަންފީޒުކުރާ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، "ދަ ޕަލްސް" އަކީ އެވަގުތެއްގައި ރައްޔިތުންގެ ވިންދު ހުރި ދާއިރާތަކުން ރައްޔިތުންގެ ޝުޢޫރުތައް ދެނެގަނެ، އެކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތައް ސީދާ ރައްޔިތުންނަށް ހިއްސާކުރުމަށް ފެށި ޕްރޮގްރާމެކެވެ.
މި ޕޮޑްކާސްޓް ސިލްސިލާއަކީ ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތައް ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް އޮފީހުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!