ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ އަޅުކަން އިރުއޮއްސުމާ ހަމައަށް ފުރިހަމަކުރުމަށްފަހު، ހުރިހާ ޙައްޖާޖީން މުޒްދަލިފާއަށް ގޮސް، މިނާ އަށް އެނބުރިއައިސް މިހާރު ދަނީ ޖަމްރަތުލްޢަޤަބާއަށް ހިލައުކަމުގެ މަރުހަލާ ކުރިއަށް ގެންދަމުންނެވެ.
ޙައްޖާޖީން މުޒްދަލިފާއަށް ދަތުރުކުރީ ވަރަށް އަމާންކަމާއި މަޑުމައިތިރިކަމާއެކު، ތަލްބިޔާ ކިޔުމުގައި ދެމިތިބެގެންނެވެ.
މުޒްދަލިފާއަށް ދިއުމަށްފަހު ޙައްޖާޖީން ވަނީ ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކޮށް ކުރުކޮށް ކޮށްފައެވެ. ޙައްޖާޖީން ރޭ މުޒްދަލިފާގައި ހޭދަކުރީ ދުޢާކުރުމުގައެވެ. މިއީ މުޤައްދަސް ބިންތަކުގައި ޙައްޖާޖީން ކުރާ ދަތުރުގެ ތިންވަނަ މަރުޙަލާއެވެ.
މުޒްދަލިފާގައި ތިބޭ ވަގުތު ޙައްޖާޖީން ވަނީ އާންމު އުސޫލާއެއްގޮތަށް ޖަމްރާތަކަށް އުކުމަށް ބޭނުންވާ ހިލަ ހޮވަމުންނެވެ. ބުދަ ދުވަހުގެ ފަތިސް ނަމާދަށްފަހު ޙައްޖާޖީން މިނާއަށް ދަތުރު ފެށީ ޖަމްރަތުލް ޢަޤަބާއަށް ހިލަ އުކުމަށެވެ. އަދި ބުދަ ދުވަހަކީ އަޟްޙާ ޢީދު ދުވަސް ނުވަތަ އުޟްޙިޔާ ކަތިލާ ދުވަސް ކަމަށްވާއިރު، އެދުވަހު ޙައްޖުގެ މައިގަނޑު ފަސް އަޅުކަމެއް ފުރިހަމަކުރާނެއެވެ. އެއީ ޖަމްރަތުލް ޢަޤަބާއަށް ހިލަ އުކުމާއި، ބޯބޭލުމާއި، އުޟްޙިޔާ ކަތިލުމާއި، ތަވާފުލް އިފާޟާ އަދި ސަޢުޔު ކުރުމެވެ.
ޙައްޖާޖީންނަށް ޚިދުމަތްދޭ އިދާރާތަކުން ވަނީ މުޒްދަލިފާގައި ޙައްޖާޖީންނަށް ބޭނުންވާ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ޙައްޖާޖީންނަށް މަޑުކޮށްލެވޭނެ ތަނަވަސް ޖާގަތަކާއި، އަލިކުރުމުގެ ނިޒާމާއި، ފާޚާނާ ބަރިތަކުގެ އިތުރުން ސާފުތާހިރުކަމުގެ ޚިދުމަތްތައް ހިމެނެއެވެ. މީގެ ބޭނުމަކީ ޙައްޖާޖީންނަށް ރައްކާތެރި އަދި ފަސޭހަ މާޙައުލެއްގައި އަޅުކަން ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމެވެ.
ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުންނާއި ޓްރެފިކް ފުލުހުން ވަނީ ޢަރަފާތުން މުޒްދަލިފާއަށް ޙައްޖާޖީން ދަތުރުކުރާ މަގުތަކުގެ ކަންކަން ވަރަށް ގާތުން ބަލަހައްޓާފައެވ. އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން ވަނީ އެމްބިއުލާންސްގެ ޚިދުމަތާއި ކުއްލި ފަރުވާދޭ މަރުކަޒުތައް ތައްޔާރީ ޙާލަތަށް ގެނެސްފައެވެ. ޚާއްޞަކޮށް ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްޙީ މައްސަލަތަކަށް ސަމާލުވުމަށް ޙައްޖާޖީންނަށް ދަނީ އިރުޝާދު ދެމުންނެވެ.
ޒަމާނީ ޓެކްނޮލޮޖީއާއި ކެމެރާތަކުގެ އެހީގައި ކޮންޓްރޯލް ސެންޓަރުތަކުން ދަނީ ޙައްޖާޖީންގެ ހަރަކާތްތައް 24 ގަޑިއިރު މޮނިޓަރ ކުރަމުންނެވެ. މިއީ އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ ވަގުތުން އެކަމަށް އިޖާބަދީ، ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
ދިވެހި ހައްޖު މިޝަނުން ބުނިގޮތުގައި ދިވެހި ހައްޖާޖީން ވެސް މިހާރު ތިބީ ޖަމްރަތުލްޢަޤަބާއަށް ހިލައުކަން ގޮހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!