1447 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ޢީދު ތަހުނިޔާ ފޮނުއްވައި ރައީސް ފޮނުއްވި މެސެޖުތަކުގައި، އުފާވެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އެމަނިކުފާނާ އެކުގައި، ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންވެސް އެ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކަށާއި، އަޚްވަންތަ ރައްޔިތުންނަށް މިއުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސްގެ ޢީދު ތަހުނިޔާ މެސެޖުގައި މި ޢީދާ ގުޅިފައިވާ ރޫޙާނީ މުހިއްމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ޢީދާއެކުގައިވާ އަޅުކަމުގެ އަގުތަކާއި، ޤުރްބާން ކުރުމާއި، އެއްބައިވަންތަކަމުގެ ސަބަބުން މުސްލިމު އުއްމަތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މަތިވެރި މުނާސަބަތަކީ ދުނިޔޭގެ މުސްލިމުން އެއްބަޔަކު އަނެއް ބަޔަކުގެ ޙާލަތު ދެނެގަތުމާއި، އަޅާލުމާއި، އެއްބައިވަންތަކަން ބަދަހިވެގެންދާނެ ފުރުޞަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި، މިހާރު ޙައްޖުގެ އަޅުކަން އަދާކުރަމުން ގެންދަވާ އެންމެހާ ޙައްޖާޖީންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން، އެންމެހާ މުސްލިމުންނަށް އަމާންކަމާއި ސަލާމަތްކަން ދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!