ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށް ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އުސޫލަށް ގެންނަ ބަދަލުތަކާއެކު މި މުއްދަތު މީގެ ކުރީން ވެސް ވަނީ އެކިފަހަރުމަތިން އިތުރުކޮށްފައެވެ. އެންމެފަހުން ދިން މުއްދަތު ކުރިން އޮތީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށެވެ.
ހައުސިން މިނިސްޓްރީން މިފަހަރު ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމަށް ފުރުސަތު އިތުރުކުރީ ކުރި އިއުލާނުގައިވާ ގޮތުން ކުރިއަށް އޮތް އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ.
''"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމުތަކުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު 15 ޖޫން 2026 ގެ 23:59 އަށް އިތުރުކުރުމާ ގުޅިގެން، މި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޯލް ސެންޓަރު، ކުރިއަށް އޮތް އަޟްޙާ ޢީދު ބަންދުގައި މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ. ޢީދު ބަންދަށްފަހު، 31 މޭ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން ކޯލް ސެންޓަރުގެ ޚިދުމަތްތައް އަލުން ފެށޭނެއެވެ.'' ހައުސިން މިނިސްޓްރީން މިއަދު ބުނެފަވެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވާލާފައިވާ ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފްލެޓާއި ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވަކި މިންވަރުތަކެއް ވަނީ ކަނޑައަޅާފައެވެ.
ހައުސިން މިނިސްޓްރީން އުޞޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ކުރީގެ ސްކީމަކުން ކުދި ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތު މިހާރު ދީފައިވާއިރު، މީގެ އިތުރުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ޝަރުތު ހަމަވާނަމަ ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ ޝަރުޠުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!