ދެ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނުންނެވެ.

Ad
rt

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި ދެމީހުން ހިފަހައްޓާފައިވަނީ އެމީހުންގެ އަތުން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

ކަސްޓަމްސްއިން މި ދެމީހުން ހިފެހެއްޓުމަށްފަހު އިތުރު ތަހުގީގަށް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެމީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.