ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިޚާބަކީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށްފަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޝިޔާމް ވިދާޅުވީ އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ، ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް. މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި، އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުން ދެއްކެވި ހިތްވަރަށް ސާބަސް ދެއްވާފައެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ރައީސް މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ދެއްކެވި ނަމޫނާއަށް ޝިޔާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީން ޖުމްލަ 246 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އޭގެ ތެރޭގައި ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑިއާއި ރަށު ކައުންސިލްތަކުގެ މެޖޯރިޓީ ހިމެނެއެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ޖުމްލަ 218 ގޮނޑިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓުންނެވެ. އެގޮތުން މިނިވަން ކެންޑިޑޭޓުން 81 ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީއޭ އިން 10 ގޮނޑި، ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ކުރެ ކޮންމެ ޕާޓީއަކުން 2 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.

ހޮނިހިރު ދުވަހު ނެގި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި 68.52 އިންސައްތަ މީހުން (146،112 މީހުން) ވަނީ އެ ބަދަލަށް ނޫނެކޭ ބުނެފައެވެ.