ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ކާމިޔާބުކުރައްވައި، ދެވަނަ ދައުރަކަށް އެ މަގާމު ދިފާއުކުރައްވައިފިއެވެ.
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އާތިފް މި ގޮނޑި ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރެއްވީ ވޯޓުލީ މީހުންގެ 68.79 އިންސައްތަ ވޯޓުންނެވެ. އެއީ 3412 ވޯޓެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މި އިންތިޚާބުގައި ޕީއެންސީން ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އިބްރާހިމް ހަސަނަށް 31.21 އިންސައްތަ ލިބުނުއިރު، އެއީ 1548 ވޯޓެވެ.
ކުޅުދުއްފުށީގެ އިތުރުން، މި އިންތިހާބުގައި އެމްޑީޕީން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ރާއްޖޭގެ ފަސް ސިޓީއެއްގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީން ވަނީ ކަށަވަރުކޮށްފައެވެ.
މި އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ފަހުން އިއުލާނުކުރާނެ ނަމަވެސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއިން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއް ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ވެސް އެމްޑީޕީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!