ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގެ ތެރޭގައި ރައްޔިތުން ބައިބައިތިއްބަން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބޭއްވި ދިވެހިންގެ ރާއްޖެ ތަރާވީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ހުރިހާ މަންފާއަކާއި ފައިދާއެއް ކުރަނީ ރައްޔިތުންނަށް ކަމަށެވެ.

Ad
rt

"ވާދަވެރިން ބޭނުން ވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ބައިތިއްބަން. އަބަދުވެސް ކޮންމެވެސް ކަހަލަ ކަންތައް ގަނޑެއްގެ ތެރޭގައި ބައިތިއްބަން ބޭނުން ވަނީ. އަޅުގަނޑުމެން ނޫންތޯ ދައްކަނީ ރާއްޖޭގެ ތަރައްގީ އޮންނަނީ 10 ނުތަވަ 15 ނުވަތަ 20 އަހަރު ފަހަތުގައޭ. ތަރައްގީ މިހާ ފަހަތުގައި އޮންނަނީ ސަބަބުތަކެއް އޮވެގެން. ކަންކަމުގެ ބާރުވެރި ފަރާތްތަކުން އެ ކަންކަން ހާސިލުކުރެވެންދެން ދައްކާ ވާހަކަތަކާ ބާރުވެރިކަމުގައި ތިބޭއިރު ދައްކާ ވާހަކަތަކާ ދިމާނުވާތީ. " - ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީ 20 އަހަރު ފަހަތުގައި އޮތީ މީގެކުރިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންނަށް ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރައްވަން ކެރިވަޑައިނުގަތީމައެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2020 ވަނަ އަހަރު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝިޔާމު ވަނީ އެމްޑީޕީގެ ވެރިކަންތަކުަގައި ތިން އިންތިހާބު އެއް ނުކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

އެމްޑީޕީން ތަފާތު ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއް ހާސިލު ކުރުމަށް ކަމަށާއި ނަމަވެސް ބާރުވެރިކަން ލިބުމުން ގައުމީ މަސްއޫލިއްޔަތު ހަނދާން ނައްތާލާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.