ސްރީލަންކާގެ އިރުދެކުނުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑެއް އެ ގައުމުގެ އިރުމަތީ އައްސޭރިފަށާ ދިމާލަށް ދަތުރުކުރަމުންދާތީ، ކުރިއަށް އޮތް ގަޑިތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފިއެވެ.

މި ކޮޅިގަނޑު ހުޅަނގު/އުތުރު-ހުޅަނގަށް ދަތުރުކުރަމުންދާއިރު، ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި މިއީ ބާރުގަދަ ކޮޅިގަނޑަކަށް (ޑީޕް ޑިޕްރެޝަން) ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ފާހަގަކޮށްފައެވެ.

Ad
rt

ޖެނުއަރީ 07 ވަނަ ދުވަހުގެ ރޭގަނޑު 11:30 ހާއިރު، މި ކޮޅިގަނޑު ހުރީ ޕޮޓުވިލްގެ އިރުދެކުނުން ގާތްގަނޑަކަށް 490 ކިލޯމީޓަރު ދުރުގައެވެ. މޫސުމީ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ކޮޅިގަނޑު އިތުރަށް ގާތްވެ، ލަންކާގެ ބޮޑު ބަޔަކަށް އުޑުމަތި ބަނަވެ، ގިނަ ޕްރޮވިންސްތަކަކަށް ދޭތެރެ ދޭތެރެއިން ވާރޭވެހި ގުގުރާނެއެވެ.

މި މޫސުމީ ބަދަލާއެކު އިރުމަތީ އަދި އޫވާ ޕްރޮވިންސްގެ ބައެއް ރަށްތަކަށް 100 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހުން އެކަށީގެންވެއެވެ. އަދި އެހެން ސަރަހައްދުތަކަށް 50 އާއި 75 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، މެންދުރުފަހު 1:00 ގެ ފަހުން މުޅި ގައުމުގެ އެކި ހިސާބުތަކަށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.

ވައިގަދަވެ ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު

ވާރޭވެހުމުގެ އިތުރުން، ވައިގެ ބާރުމިން ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މެދުތެރޭގެ ފަރުބަދަގަނޑު ސަރަހައްދުގެ އިރުމަތީ ބިތަށާއި، އުތުރު، އުތުރު-މެދުތެރެ، ހުޅަނގު-އުތުރު އަދި އިރުމަތީ ޕްރޮވިންސްތަކުގެ އިތުރުން ހަމްބަންޓޯޓާ، ގަމްޕަހަ، ކޮލަމްބޯ އަދި މޮނަރަގަލާ ޑިސްޓްރިކްޓްތަކަށް ދޭތެރެ ދޭތެރެއިން ގަޑިއަކު 50 އާއި 60 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ.

މޫސުމާ ބެހޭ އިދާރާތަކުން ވަނީ ވާރޭވެހި ގުގުރުމުގެ ތެރޭގައި ކުއްލިއަކަށް ޖެހޭ ބާރު ވަޔާއި ގުގުރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކޮޅިގަނޑު ދަތުރުކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މިފަހުން ލަންކާއަށް ކުރި ގަދަ ވިއްސާރާގައި އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.