ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވައިފިއެވެ.

‎ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

Ad
rt

ކުރީގެ ވަޒީރު ރަމީލާ އެމާގަމަށް އައްޔަންކުރުމަށް ފެންނަކަމަށް 38 މެމްބަރުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެ މަގާމުގެ ފަތްކޮޅު އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ އެރުވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

އެޗުއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ ފަސް އަހަރުގެ ދައުރު މިދިޔަ ނޮވެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ.

ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރެވެ. ރައީސް މުޢިއްޒު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް އެކުލަވާލި ދުވަހު 17 ނޮވެމްބަރު 2023 ގައެވެ. ނަމަވެސް ބަލިހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ދުވަސްތަކަކު ދުރުގައި ހުންނެވުމަށްފަހު ރަމީލާ ވަނީ 1 ޑިސެމްބަރު 2024 ގައި މަގާމުން އިސްތިއުފާދެއްވާފައެވެ.

އެޗްއާރުސީއެމް

އެޗްއާރުސީއެމްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ދުސްތޫރީ އަދި ޤާނޫނީ މުއައްސަސާއެކެވެ. މި ކޮމިޝަންގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި ކުރިއެރުވުމެވެ.

2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އުފެދުނު މި ކޮމިޝަނަށް ޤާނޫނީ ބާރު ލިބިގެން ދިޔައީ 2006 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/06) ފާސްވުމާ ގުޅިގެންނެވެ. މި ޤާނޫނުގެ ދަށުން ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއެކެވެ.

އެޗްއާރުސީއެމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކަށް އެހީތެރިވެ ހިތްވަރުދިނުން ހިމެނެއެވެ.