ފެތުމުގެ ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ ކުޅުދުއްފުށީ ސިޓީގައި އައު ފަތާ ޓްރެކެއް ގާއިމުކޮށްފިއެވެ.
މި ފަތާ ޓްރެކް ގާއިމުކޮށްފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ބޯޒިޔާރަތް ސަރަހައްދުގައެވެ.
ސްވިމިން އެ ސޯސިއޭޝަނުން ހޮނިހިރު ދުވަހު ބުނިގޮތުގައި މި ފަތާ ޓްރެކް ހަރުކުރުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ އިސްނެގުމާއި މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު މަސައްކަތެއްކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
“މި މަސައްކަތް ނިންމުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕަބްލިކް ވޯކްސް ޔުނިޓް، އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހީވާގި ޓީމުތަކުން ދެއްވި އެއްބާރުލުމާއި، މަސައްކަތަށް ވެދެއްވި ޤުރުބާނީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައި، ތަހުނިޔާ އަރިސްކުރަން” ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ އާންމުންނަށް މި އަގުހުރި އާ ވަސީލަތް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުގެ މަސައްކަތް ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަނުން ވެސް ވަނީ މި ފަރާތްތަކުން މި ޓްރެކް ގާއިމުކުރުމަށް ދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
މިހާރުވެސް ފެތުމުގެ ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނަ ކުޅުދުއްފުށި ސިޓީގައި ޤައީމްކުރެވުނު މި ވަސީލަތާއެކު ފެތުމުގެ ދާއިރާއިން ކުރިއަށްދިޔުމަށް ގިނަ ފުރުސަތުތަކެއް ހުޅުވި، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަނުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!