ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު އެގްރިކަލްޗަރަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް 10 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައި މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ސްކޮލާޝިޕްތަކަކީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން ދެވޭ ފުރުސަތުތަކެކެވެ.

Ad
rt

މި ސްކޮލާޝިލްގެ ދަށުން ކިޔަވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގައެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން (ބަޔޮލޮޖީ އާއެކު) 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށް، އޭލެވެލްގެ 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށްވެސް މި ފުރުސަތަށް ކުރިމަތިލެވޭނެއެވެ.

ސްކޮލާޝިޕްގެ ދަށުން ކޯސް ފީއާއި، މަހުން މަހަށް ދެވޭ އެލަވަންސްގެ އިތުރުން، ބްލެންޑަޑް މޯޑުގައި ކިޔަވާ އަތޮޅުތަކުގެ ދަރިވަރުންނަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި އިތުރު އެލަވަންސްއެއް ދެވޭނެއެވެ.

މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިނިސްޓްރީން އަންގާފައިވެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް 3033484 ނަންބަރަށް ގުޅުމަށް އަންގާފައިވެއެވެ.