މަގުބޫލު އުޒުރެއްނެތި ހުކުރު ނަމާދަށް ނުދާ މުސްލިމް ފިރިހެނުންނަށް 3،000 ރިންގިޓް (525 ޕައުންޑް) އާ ހަމައަށް ޖޫރިމަނާ ކުރުމަށް ނުވަތަ ދެ އަހަރަށް ޖަލަށްލުމަށް މެލޭޝިއާގެ ޓެރެންގާނޫ ސްޓޭޓުގައި ނިންމައިފި އެވެ.

މި ސްޓޭޓް ހިންގަމުންދާ ޕެން-މެލޭޝިއަން އިސްލާމިކް ޕާޓީ (ޕާސް) އިން ވަނީ ޝަރީއާ ކުށްތަކުގެ (ތައުޒީރު) ޤާނޫނަށް އިސްލާހު ގެނެސްފައެވެ. ޓެރެންގާނޫގެ އެގްޒެކެޓިވް ކައުންސިލް މެމްބަރު މުހައްމަދު ޚަލީލް އަބްދުލް ހާދީ ވިދާޅުވީ މި ޤާނޫނަކީ ދީނީ އަޅުކަންތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

Ad
rt

މީގެ ކުރިން 3 ހުކުރަށް ނުގޮސްފި ނަމަ ފިޔަވަޅު އެޅޭހެން އޮތް ނަމަވެސް މިހާރު މަގުބޫލު އުޒުރެއް ނެތި އެންމެ ހުކުރަކަށް ނުގޮސްފިނަމަ ފިޔަވަޅު އެޅޭނެ އެވެ.

"ހުކުރު ނަމާދަކީ އީމާންކަމާއި އަޚްލާޤުގެ ނިޝާނެއް" ކަމަށް ވިދާޅުވެ، މިސްކިތްތަކުގައި ބެނާ ހަރުކޮށް، ޤަވާއިދާ ޚިލާފުވާ ފަރާތްތައް ދެނެގަތުމަށް ޕެޓްރޯލް ކުރާނެ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އަދި އާންމުންގެ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށްވެސް ތަހުގީގު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މެލޭޝިއާގައި ދެ ޤާނޫނީ ނިޒާމެއް އޮވެއެވެ. މީގެ ތެރެއިން ޝަރީއާ ޤާނޫނު ހިނގަނީ އަމިއްލަ މައްސަލަތަކުގައި މުސްލިމުންގެ މައްޗަށެވެ. ނަމަވެސް ފެޑެރަލް ކޯޓުތަކުން ވަނީ ފެޑެރަލް އިޚްތިޞާޞްއާ ފުށުއަރާތީ ކެލަންޓަން ސްޓޭޓުގެ 16 ޝަރީއާ ޤާނޫނު ބާތިލް ކޮށްފައެވެ. އަދި ޖޮހޯރު ސްޓޭޓުންވެސް ވަނީ މިފަދަ ހުކުރު ނަމާދުގެ ޤާނޫނެއް ތަންފީޒު ކުރުމަށް ނިންމާފައިވާ ކަމަށް ފާހަގަކުރެވެއެވެ.

މެލޭސިޔާގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 30 މިލިޔަން މުސްލިމުންނެވެ.