ދަރީން ހެޔޮލަފާ އަދި ކިޔަމަންތެރި ބަޔަކަށް ހެދުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން މިއަދުގެ ޢީދުލްއަޟްޙާގެ ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ޢީދު ޚުޠުބާގައި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ވާހަކަ ހަނދާންކޮށްދެއްވަމުން، އިސްމާޢީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަން ވަނީ ފާހަގަކޮށްފައެވެ. އަދި މައިންބަފައިންނަށް ކިޔަމަންގަތުމުގެ މުހިންމުކަން ފާހަގަކޮށްފަވެއެވެ.

Ad
rt

"މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވެއެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ!" ޚުޠުބާގައި ބުނެފަވެއެވެ.

އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުމާއި، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުންކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުޠުބާގައި ބުނެފައިވާ ގޮތުގައި، މާތް ﷲ ޙައްޖާއި ޢީދު ޝަރުޢުކުރެއްވީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށް ޓަކައެވެ.

މި ޢީދުގައި އުޟްޙިޔާ ކަތިލުމުގެ މުހިންމުކަމާއި، އޭގެ އަޞްލު ވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އުޟްޙިޔާގެ ތިންބައިކުޅަ އެއްބައި ކެއުމަށާއި، އަނެއް ތިންބައިކުޅަ އެއްބައި ފަޤީރުންނަށް ޞަދަޤާތް ކުރުމަށާއި، އަނެއް ތިންބައިކުޅަ އެއްބައި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރީންނަށް ހަދިޔާކުރުމަށް ޚުޠުބާގައި ވަނީ އިރުޝާދު ދީފައެވެ.