އަޟްހާ ޢީދާ ގުޅިގެން މާދަމާ އެމްޓީސީސީގެ ފެރީ އަދި ބަސް ދަތުރުތަކުގެ ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި ޢީދު ނަމާދާއި ޢީދު ދުވަހާ ގުޅުވައިގެން ދަތުރުފަތުރަށް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ދޭ ސީއެފްއެން ލަކުޑި ފެރީގެ ޚިދުމަތާއި އާރުޓީއެލް ފެރީގެ ޚިދުމަތް މާދަމާ ޝެޑިއުލް ކޮށްފައިނުވާ ކަމަށެވެ.
މާލެ ސަރަހައްދުގައި މާލެއާއި ވިލިމާލެއާ ދެމެދު 24 ގަޑިއިރު ފެރީގެ ޚިދުމަތް ދިން ނަމަވެސް މާދަމާ ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ދަތުރު ކުރާނީ ހެނދުނު 6:30 ގައި ކަމަށް އެމްޓީސީސީން ބުންޏެވެ. ޢީދު ނަމާދަށްފަހު ދަތުރުތައް އަލުން ފަށާނީ 8:00 ގައެވެ.
މާދަމާ މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތައް ހެނދުނު ނުކުރާނެއެވެ. އެ ދަތުރުތައް ފަށާނީ މެންދުރު 2:00 ގައެވެ. މާލެއާއި ތިލަފުއްޓާ ދެމެދުގެ ދަތުރުތައް ހެނދުނު 8:30 ގައި ފަށަން ހަމަޖެހިފައިވާއިރު ކުޑަގިރި ފެރީގެ ޚިދުމަތްވެސް ފަށާނީ ހެނދުނު 8:30 ގައި ކަމަށް އެމްޓީސީސީން ބުންޏެވެ.
އައްޑޫގެ ރައްޔިތުންނަށް ފަސޭހަ ކުރުމަށް މާދަމާ ހުޅުމީދޫ-ފޭދޫ ސަައިކަލް ފެރީގެ ޚިދުމަތް ދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ފޭދޫ-ހުޅުމީދޫ ތިންވަނަ ދަތުރު ރޭގަނޑު 7:30 ގައި ކުރާއިރު ހުޅުމީދޫ-ހިތަދޫ ފެރީގެ ދެވަނަ ދަތުރު މެންދުރު 2:30 ގައި ކުރާނެއެވެ.
އައްޑޫގައި ދޭ ބަހުގެ ޚިދުމަތް މާދަމާ މެންދުރު 2:00ން ރޭގަނޑު 9:00 އަށް ފޯރުކޮށްދޭނެއެވެ.
ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ޢީދު ނަމާދުގެ ކުރިން މާދަމާ ބަސް ދަތުރު އޮންނާނީ ހެނދުނު 5:30 އަދި 6:00 ގައެވެ.
މީގެ އިތުރުން 24 ގަޑިއިރު ޚިދުމަތް ދޭ މާލެއާއި ހުޅުމާލެ ބަހުގެ ޚިދުމަތް މާދަމާ ހެނދުނު 6:00ން 8:00 އަށް މެދުކަނޑާލެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!