މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމު އަދާކުރެއްވި އަހްމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއަށް އައްޔަންކޮށްފިއެވެ.

މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ނަރީޝް އައްޔަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ad
rt

ސިޓީގެ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ މެމްބަރުކަމުންނާއި މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން ނަރީޝް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުގައި އޭނާ ހޭދަކުރެއްވި މުއްދަތުގައި ކައުންސިލުގެ ފަރާތުން ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައަކަށްވާނެ ކަމަށެވެ.

ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް އައްޔަން ކުރައްވައިފި ނަމަ އެ ބޭފުޅަކަށް މިނިސްޓަރެއްގެ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވައެވެ. މިނިސްޓަރަކަށް މުސާރާ އާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000ރ. ލިބެއެވެ.