ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހދ.އަތޮޅު ބުރުގައި ރޭ ނައިވާދޫއާއި ނޭކުރެންދޫން ކުޅުނު މެޗުތަކުން ފަސެހަކަމާއިއެކު މޮޅުވިއިރު، ނޮޅިވަރަންފަރާއި ވައިކަރަދޫއިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ގްރޫޕް އޭގައި ރޭ ނޮޅިވަރަންފަރާއި ހަނިމާދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަންފަރުންނެވެ. މިއީ މުބާރާތުގައި އެ ޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭ މެޗުގައި އެ ޓީމަށް ލަނޑުޖަހައިދިނީ އާދަމް ސައީދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

Ad
rt

މި ގްރޫޕްގައި ރޭ ނޭކުރެންދޫއާއި ފިނޭ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޭކުރެންދޫއިންނެވެ. މެޗުގައި ނޭކުރެންދޫއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ވިލްފްގެ އިތުރުން މުހައްމަދު ފަރުހާންއެވެ. ފަރުހާން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

ރޭ ގްރޫޕް ބީގައި ނެއްލައިދޫއާއި ވައިކަރަދޫ ބައްދަލުކުރި މެޗު ވައިކަރަދޫއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގައި ނެއްލައިދޫއަށް ލަނޑު ޖަހައިދިނީ އަހްމަދު ރީހާންއެވެ. ވައިކަރަދޫއަށް ލަނޑުތައް ޖަހައިދިނީ އަލީ އަބްދުﷲގެ އިތުރުން އަޙްމަދުﷲ މުހައްމަދު ސާދާތުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް ސަދަތުއެވެ.

ގްރޫޕް ބީގައި ރޭ ނައިވާދޫއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ނޮޅިވަރަން ބަލިކޮށްފައެވެ. ރޭ މެޗުގައި ނައިވާދޫގެ އިސްމާއިލް ވަހީދު ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު، އަހްމަދު ހަމީދުގެ އިތުރުން އަބްދުﷲ ވިސާމްއެވެ. ނޮޅިވަރަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޝާފިއު މުހައްމަދެވެ.

ގްރޫޕް އޭގެ ޕޮއިންޓް ޓޭބަލްއަށް ބަލައިލާއިރު ކުޅުނު ދެ މެޗުން މޮޅުވެ ހޯދު 6 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ނޭކުރެންދޫއެވެ. ދެ މެޗު ކުޅެގެން ހޯދި 4 ޕޮއިންޓާއިއެކު މަކުނުދޫ ދެވަނާގައި އޮތްއިރު ތިންވަނާގައި އޮތީ ތިން މެޗުން 4 ޕޮއިންޓް ހޯދި ނޮޅިވަރަންފަރެވެ. ހަތަރުވަނާގައި އޮތް ހަނިމާދޫއަށް ތިން މެޗުން 1 ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ފިނޭއަށް ދެ މެޗުން ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

ގްރޫޕް ބީގެ އެއްވަނާގައި ނައިވާދީ އޮތީ ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެން ހޯދި 6 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި ކުމުންދޫ އޮތީ ދެ މެޗުން 4 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް ވައިކަރަދޫއަށް އަށް ތިން މެޗުން ވަނީ 4 ޕޮއިންޓް ލިބިފައެވެ. ހަތަރުވަނާގައި އޮތީ ނޮޅިވަރަންއެވެ. އެ ޓީމަށް ދެ މެޗުން ލިބިފައި ވަނީ 3 ޕޮއިންޓެވެ. ފުލުގައި އޮތީ ނެއްލައިދޫއެވެ. އެ ޓީމް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ.