ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި އެ ހައިކޯޓުން ރޭ އެވޯޑެއް ދީފިއެވެ.

ރޭ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ "އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027 " އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި އެ ކޯޓުން ވަނީ، އެ ކޯޓުގައި ހިދުމަތް ކުރެއްވި ފަނޑިޔާރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، ހައިކޯޓުގައި ފަނޑިޔާރުންގެ ޚިދުމަތުން މިހާރު ވަކިވެ ވަޑައިގެންފައިވާ 28 ބޭފުޅަކަށް، ޚިދުމަތުގެ ޒިކުރާ އައުކޮށް، ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ޚިދުމަތުގެ ގައުންކޮޅު، އެވޯޑެއްގެ ގޮތުގައި ދީފައެވެ.

Ad
rt

މިގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި، އެ ކޯޓުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅު، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަށް ދެއްވި ގައުންކޮޅާ، ހަވާލުވެވަޑައިގަތީ، އެ މަރުޙޫމްގެ ދަރިކަލުންގެ ޙައިޘިއްޔަތުން، ރައީސް މުޙައްމަދު މުޢިއްޒު އެވެ.

ރައީސް މުޢިއްޒުގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، 5 އޮކްޓޫބަރު 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ ޢައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން މަތީ ތަޢުލީމް އުނގެނިވަޑައިގަތީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އިސްތިއުނާފު މަރުޙަލާގެ އެންމެ މަތީ ކޯޓުގެ ގޮތުގައި ހައިކޯޓު ހުރިއިރު އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ވަނީ، ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، އެޓަރނީ ޖެނެރަލްގެ ނާއިބުކަމުގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އިސްލާމީ ތަޢުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަޤާމުގައިވެސް ޚިދުމަތްކުރައްވައިފައެވެ.

"އަލީގެ މައްޗަށް އައްޔެއް" ފަދަ ދީނީގޮތުން މަޤްބޫލު އެތައް ޕްރޮގްރާމެއްގައި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ މެދުވެރިކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ދީނީ ތަޢުލީމު އުނގަންނައިދެއްވުމުގެ އިތުރަށް ޢިލްމީ އެކި މައުޟޫޢުތަކުގައި ދިރާސާކުރައްވަައި ލިޔުއްވާފައިވެއެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމަށް ސަރުކާރުން އުފެއްދެވި ވަރަށް ގިނަ ކޮމިޓީތަކުގައިވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފައެވެ.

ސިޔާސީ ގޮތުންނާ، ޢިލްމީ ގޮތުން ޚިދުމަތްތެރި ޝަޚްޞިއްޔަތުތަކެއް އުފެދުނު ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ މުޖްތަމަޢުގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ޤަދަރުވެރި ބޭފުޅެކެވެ.