ޣައްޒާގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލާ ގުޅުން ކެނޑިއްޖެކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ހުކުރު ދުވަހުގެ ހެނދުނު ޣައްޒާގެ އުތުރުގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލަށް އިޒްރޭލުގެ ސިފައިން ހަމަލާދިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ހަމަލާގައި އާޓިލަރީ އާއި ބަޑިޖެހުން ހިމެނޭ ކަމަށާއި، އަދި މީގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވި ކަމަށްވެސް ބުނެއެވެ.
ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ހަމަލާދިން ވާހަކަ އިވުނު ފަހުން ހޮސްޕިޓަލުގެ މުވައްޒަފުންނާ ގުޅުން ކެނޑިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، އެއީ އެތަނުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި ހިމާޔަތަށް އެދިގެން ތިބި މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
އިޒްރޭލުގެ ސިފައިން ހޮސްޕިޓަލަށް ވަދެ، ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ މުހިންމު އާލާތްތަކަށް ގެއްލުން ދިން ކަމަށް ބުނެއެވެ. އަދި ހޮސްޕިޓަލުގެ މައި އޮކްސިޖަން ސްޓޭޝަނަށްވެސް ބޮމުން ހަމަލާދީ، އެތަން ބޭނުން ނުކުރެވޭ ހާލަތަކަށް ގެނެސްފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން އަނަދޯލު އޭޖެންސީއަށް މައުލޫމާތު ދީފައިވެއެވެ.
މި އެންމެ ފަހުގެ ހަމަލާގެ ކުރިން، ބުރާސްފަތި ދުވަހުގެ ރޭ ޑަބްލިޔުއެޗްއޯ އާއި އެ ޖަމިއްޔާގެ ބައިވެރިން ކަމާލް އަދުވާން ހޮސްޕިޓަލަށް ވަދެ، 23 ބަލިމީހުންނާއި ބަލިމީހުން ބަލަހައްޓާ 26 މީހުން އަލް-ޝިފާ ހޮސްޕިޓަލަށް ބަދަލުކުރި ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. މީގެ އިތުރުން 180 ޔުނިޓުގެ ލޭ އާއި، ޓްރޯމާ އަދި ސަރޖިކަލް ސަޕްލައިތަކާއި، 5،000 އަށްވުރެ ގިނަ ބަލިމީހުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!