ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު، ރާއްޖެ އިން ފައިބާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހިތަދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު އެ ބެޗްގެ ސިފައިން ރާއްޖެ އިން ފައިބާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ބާކީ ތިބީ އެންމެ ޕްލެޓްފޯމެއްގެ ސިފައިން ކަމަށާއި އެ ސިފައިން ވެސް އަންނަ މަހުގެ 10 ގެ ކުރިން ރާއްޖެ އިން ފައިބާނެ ކަމަށެވެ.
"ބާކީ އޮތީ އެންމެ ޕްލެޓްފޯމެއް. ހަމަ ކުރީގައި ވެސް ސޮއިކޮށްފައި އޮތް ގޮތަށް 10 މޭ ގެ ކުރިން އެ މީހުން ވެސް ގެންދާނެ. ފައިބާނެ، އެހެންވީމާ އެ ވައުދު ފުއްދުނީ ނޫންތޯ؟ މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މޭ ގެ ކުރިން ފައިބާނެ. އެހެންވީމާ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ހަމަ އެންމެ ފުރިހަމައަކަށް އެ ކަމެއް ކޮށްދޭން." ރައީސް ވިދާޅުވިއެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ 10 ގެ ކުރިންނެވެ. އެ ފަހަރު ފޭބީ އައްޑޫގައި ތިބި އިންޑިއާ ސިފައިންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ޔަގީން ކުރަން އަދިވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެ ކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެކި ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ބަދަލު ގެނައުމާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި އަލަން ގާނޫނުތައް ހަދަން ހުރި ކަމުގައި ވިދާޅުވިއެވެ.
"މި ހުރިހާ ކަމެއް ކުރެވެން މި އޮތީ މަޖިލިހުގެ ތެރެއިން އަމިއްލަ މިނިވަންކަމުގެ އިހުސާސް ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ފިކުރުގެ މީހުން ހޮވިގެން. އެއީ ދިވެހީންގެ ރާއްޖޭގެ ފިކުރު. ދިވެހީންގެ ރާއްޖެއެކޭ މި ކިޔަނީ. ބޭރު މީހުންގެ ރާއްޖެއެކޭ ނޫން." ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!