ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޔޫގެންޑާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 983،032ރ. ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ނައިބު ރައީސް ޔުގަންޑާއަށް ކުރެއްވި ދަތުރުފުޅަކީ ޔުގަންޑާގެ ކަމްޕާލާގައި ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިދިޔަ މަހު ކުރެއްވި ދަތުރުފުޅެކެވެ.

Ad
rt

މި ދަތުރުފުޅުގައި ޖުމުލަ 10 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އެ ބޭފުޅުންގެ ޓިކެޓަށް ޖުމުލަ 650،847.36 ރުފިޔާ ހޭދަވިއެވެ. އެއީ، ބިޒްނަސް ކްލާހުގެ ތިން ޓިކެޓާއި އިކޮނަމީ ކްލާހުގެ ހަތް ޓިކެޓެވެ. މީގެ އިތުރުން، އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަން 10 ބޭފުޅުންނަށް ޕޮކެޓު މަނީގެ ގޮތުގައި 95،232 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ، ބޮލަކަށް ޕޮކެޓު މަނީގެ ގޮތުގައި 9،000 އަށް ވުރެ ގިނަ ރުފިޔާއެވެ.

ދަތުރުފުޅުގެ އިތުރު ބައެއް ޚަރަދުތައް:

  • ފަރިއްކޮޅު – 48،736.74 ރުފިޔާ
  • ސްޓޮޕްއޯވާ – 18،949 ރުފިޔާ
  • އިންސިޑެންޓަލް – 441.27 ރުފިޔާ
  • އެކަމަޑޭޝަން – 169،280.76 ރުފިޔާ

މި ދަތުރުފުޅުގެ ދެ ބޭފުޅަކަށް ޔުގަންޑާގެ ސަރުކާރުން މެހުމާންދާރީ ހަމަޖައްސައިދެއްވިއިރު، އިތުރު ދެ ބޭފުޅަކަށް އެކަމަޑޭޝަން ހަމަޖައްސައިދެއްވިއެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގެ ހަރަދު އާންމުކޮށްފައިވާއިރު، ރައީސް އަދި ނައިބް ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލް، އެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އާންމު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިހާތަނަށް އައިއިރު އެ ހުރިހާ ދަތުރުފުޅެއްގެ ހަރަދުތައް ވަނީ ހާމަކޮށްފައެވެ.