ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން އެރީ އެ ދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށްކަމަށް އަސުރުމާ ދޯނިން ބުނެފިއެވެ.
އަސުރުމާ3 ދޯނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ދޯނީގެ ފޮޓޯ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯތަކަކީ އެ ދޯނީގެ ފޮޓޯތަކެއް ނޫން ކަމަށެވެ. އަދި މިއަދު ހިނގި ހާދިސާގެ އެއްވެސް ފޮޓޯއެއް ވެސް އަދި ވީޑިއޯއެއް ވެސް މިހާތަނައް ހިއްސާކޮށްފައި ނުވާނެކަމަށް އެ ދޯނިން ބުންޏެވެ.
''ދޯނި މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި.'' އެ ދޯނިން ބުނެފަވެއެވެ.
ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން އަސުރުމާ3 ދޯންޏަށް އަރާފައިވާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފައި ވަނީ އެ ދޯންޏާއި އިންޑިއާގެ މަނަވަރެއްކައިރިކޮށް ސިފައިން އެ ދޯންޏަށް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3، ނިރު7 އަދި މާހޯރަ3 މި ތިންދޯންޏަށް ވެސް އިންޑއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އެރިކަމަށް މަޢުލޫމާތުލިބުނު ކަމަށާއި، އަދި މި ދޯނި ފަހަރަށް ސިފައިން އެރިއިރު އެމީހުން އަތުގައި ހަތިޔާރުހުރި ކަަމަށްވެސް މަޢޫމާތު ލިބޭކަމަށް ވެސް އެ ޖަމިއްޔާއިން ފަހުން ބުނެފަވެއެވެ.
މި ދޯނީގެ ފޮޓޯ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯތަކަކީ މިދޯނީގެ ފޮޓޯތަކެއް ނޫން ކަމަށް މައުލޫމާތައްޓަކައި ދަންނަވަން. މިއަދު ހިނގި ހާދިސާގެ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯެއް މިހާތަނައް ހިއްސާކޮށްފައި ނުވާނެ. ދޯނި މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި.
— ASURUMAA 03 I-04 (@Asurumaa03) January 31, 2024
މިކަމާއި ގުޅޭގޮތުން ދިވެހި އަސްކަރިއްޔާއިން ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުން އަންނަކަމަށެވެ.
މިކަމާއިގުޅިގެން މަސްވެރިކަމާބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެފައި ވަނީ، އަސުރުމާ-3 ދޯނި ހއ . ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އެ އުޅަނދަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާތީ އެކަމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
''މިއުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިންގ ސިސްޓަމްއިން ކަށަވަރުވެއެވެ. މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާވާހަކަ ދަންނަވަމެވެ.'' ޝިޔާމް ވިދާޅުވެފަވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާ ސިފައިން އަސުރުމާ ދޯންޏަށް އަރައި ސުވާލުކުރީ ސެޓްލައިޓް ފޯނުގެ ނަންބަރު ހޯދާށެވެ. އެ ދޯންޏަށް އެރި އިންޑިއާ ސިފައިން ދެ ގަޑިއެއްހާއިރު ދޯނީގައި ތިބިކަމަށް ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!