ށ. ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދާއި، ކައުންސިލް މެންބަރު ސިތާރާ އަލީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.
އެ ދެ ބޭފުޅުން ޕީއެންސީއާއި ގުޅިފައިވާކަން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.
މި ދެ ބޭފުޅުން ޕީއެންސީއާއި ގުޅުނު މެންބަރުޝިޕް ފޯމާއި ހަވާލުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ)އެވެ.
ޕީއެންސީ އާއިި ގުޅުނު ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދަކީ މިނިވަން މެންބަރެއް ގޮތުގައި އިންތިޚާބުވެފައިވާ ފަރާތެކެވެ. އަދި ސިތާރާ އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓަށްގައި ނޫމަރާ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި ފަރާތެކެވެ. ފަހުން އޭނާ ވަނީ ވެރިކަންކުރާ ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ) އާއި ގުޅިފައެވެ.
ދެން ނޫމަރާ ކައުންސިލުގައި ތިއްބަވާ މެންބަރުންކުރެ ރައީސް އަލީ ރަބީއު އަކީ ވެސް މިނިވަން މެންބަރެކެވެ. ދެން ތިއްބެވީ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ މަރިޔަމް އާދިލާ އާއި އަސްލަމް ޙުސައިން އެވެ.
ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދާއި، ކައުންސިލް މެންބަރު ސިތާރާ އަލީ ޕީއެންސީ އާއި ގުޅިފައިވާއިރު، އެ ޕާޓީ އަކީ މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޕާޓީއެވެ. އެ ޕާޓީއާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) މަސައްކަތްކުރަނީ ކޯލިޝަނެއްގެ ގޮތުގައި، ޕްރޮގެރެސިވް ކޯލިޝަންގެ ނަމުގައެވެ.
އެ ޕާޓީގައި މިވަގުތު ތިބީ 3 ހާހެއްހާ މެންބަރުން ތިބި ނަމަވެސް، އެ ޕާޓީގެ މެންބަރުޝިޕް މައްޗަށް ޖައްސަން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް މަޖިލިސް ޕްރައިމަރީއަށް އެ ޕާޓީން ތައްޔާރުވަމުން އަންނައިރު، މަޖިލިސް ޕްރައިމަރީއާއި ގުޅިގެން ޕީއެންސީގެ މެންބަރުޝިޕަށް އެދެވޭ ކުރިއެރުމެއް އަންނާނެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ އޮތީ އަންނަ ޖެނުއަރީ 20ގައެވެ. އެ ޕްރައިމަރީއަށް އެ ކޯލިޝަންގެ މެންބަރުން ތައްޔާރުވުމުގެ ގޮތުން ކެމްޕޭންގެ އިތުރުން މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!