ކުރީގެ އަދަދާއިގުޅޭ،

" ކޮންތާކަށް އަހަރެން ތިގެންދަނީ ؟"

Ad
rt

ޔަޝްމީގެ އަތުގެ ކުޑަހުޅުގައި ބާރުބާރަށް ހިފުމަށްފަހު އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ. ނަމަވެސް އަތަށް ބާރު ލުމަށްފަހު ޔަޝްމީ އަތް ފޮޅުވާލީ ނުހަނު ބާރަށެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުންދެއެވެ. މޫނުމަތީގައިވަނީ ނުތަނަވަސްކަމާއި ހިތްދަތިކަމުގެ އަސަރު ތަކެވެ. ޔަޝްމީ އަތް ފޮޅުވާލުމާއިއެކު، ހާރޫން ފަސްއެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

" ކީއްކުރަން އަހަރެން ތި ގެންދަނީ؟ އަހަރެން ބޭނުމެއް ނޫނޭ ހާރޫންއާއެކު ދާކަށް! "

ޔަޝްމީއަށް ބުނެވުނީ ނުހަނު ބާރަށެވެ. އޭނާ ދޫކޮށްލި ޖުމްލައިން ހާރޫންގެ މޫނުމަތި ފުސްވެގެން ދިޔަތަން ޔަޝްމީއަށް ފެނުނެވެ.

" އަހަރެންގެ ކުށް އަހަރެން ޤަބޫލުކުރަމޭ! އެދުވަހު ހާރޫން އާދޭސް ކޮށްކޮށް ހުއްޓާ، އަހަރެން ދިޔައީ! އެއީ ކުށެއްކަމަށް ޤަބޫލު ކުރަމޭ! އެކަމަކު... އަހަންނަކަށް އެކަމުން އަދިވެސް އަރައެއް ނުގަނެވޭ! އެދުވަހު ކުރި ހިތާމަ، މިއަދުވެސް އަހަރެން މިދަނީ ތަޙައްމަލް ކުރަމުން... މާގިނަ ދުވަސްތަކެއްނުވެ ހާރޫން ހޯދަން މާލެ އައިއިރު ހާރޫން އަހަންނާ މާދުރަށް ގޮއްސި! އެކަމަކުވެސް މިއަދާ ޖެހެންދެންވެސް އަހަރެން މިއައީ ހާރޫންއަށް އިންތިޒާރު ކުރަމުން.. އުއްމީދާއެކު އިންތިޒާރުކުރަމުން! "

ޔަޝްމީ ވާހަކަ ދެއްކީ ރޮމުން ރޮމުންނެވެ. އޭނާގެ ވާހަކަތައް އަޑުއަހަން ހުރި ހާރޫން ދެއަތް އުރާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލީ ފުން ނަޒަރަކުން ޔަޝްމީއަށް ބަލައިލުމަށްފަހުއެވެ.

" އަހަރެން ކުރި ކުށުގެ ސަޒާއެއްގެ ގޮތުން މިއަދާ ޖެހެންދެން މިއުޅުނީ ހިތްދަތިކަމުގައި! އެކަމަކު.. ހާރޫން؟ ހާރޫންގެ ދިރިއުޅުން ކުރިއަށްވުރެ މާ އުފާވެރި! އެކަމާ އަހަރެން ހަސަދަވެރިއެއް ނުވަން.. އެކަމަކު.. އެކަމަކު.. އަހަރެންގެ ހިތް ހާދަ ޝަކުވާއެއް އެބަ ކުރެޔޭ! ހާދަ ގިނަ ސުވާލުތަކެއް އެބަ ކުރެޔޭ! "

ދެއަތުން މޫނު ފުހެލުމަށްފަހު ޔަޝްމީ ހާރޫންއަށް ފުރަގަސް ދިނެވެ. އަދި ކުރިމަތީގައި ހުރި ކުޑަދޮރާއި ދިމާލަށް ހިނގައިގަންނަމުން އަނެއްކާވެސް އޭނާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ވަރިކުރުމަށްފަހު އެންމެ ފަހަރަކުވެސް އަހަރެންގެ ޙާލު ބަލައިނުލީ ކީއްވެ؟ ހާރޫންއާ ދުރުގައި ހާރޫންއާ ނުލައި އަހަންނަށް ދިރިއުޅެން ފަސޭހަތޯ އަހައިނުލީ ކީއްވެ؟ ދުރަށް ގޮސް، ވިސްނިގެން އެނބުރި އާދޭތޯ އިންތިޒާރު ނުކުރީ ކީއްވެ؟ އަހަރެންދެކެ ވީ ލޯބި، އެހާ ފަސޭހައިން ތި ހިތުން ފޮހެވިގެން ދިޔައީ ކީއްވެ؟ އަހަންނަށްޓަކައި ހާރޫންގެ ހިތާއި ޖިސްމުންދިން އުފާވެރިކަން އެހެން އަންހެނަކަށް ދެވުނީ ކީއްވެ؟ "

އެހެން ބުނުމަށްފަހު ޔަޝްމީ ކުޑަކަކޫ މައްޗަށް ތިރިވެ އިނދެ މޫނުގައި އަތް އަޅާ ބާރަށް ރޯން ފެށިއެވެ. އެމަންޒަރު ބަލަން ކެތް ނުވެގެން ހާރޫންއަށް އެދިމާލަށް ހިނގައިގަނެވުނެވެ. ދިޔަ ބާރުމިނުގައި ގޮސް އޭނާ އިށީނީ ޔަޝްމީގެ ފަހަތުގައެވެ. އަދި ދެއަތުން ޔަޝްމީގެ ހަށިގަނޑުގައި ބާރަށް ބައްދާލިިއެވެ.

" ޔަޝްމީ! "

ޔަޝްމީގެ ބޮލުގެ ފުށްކިބައިގައި މޫނު ޖައްސާލަމުން އޭނާ ގޮވާލީ ވޭނީ އަޑަކުންނެވެ. އޭރުވެސް ޔަޝްމީ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. އިރުކޮޅެއް ނުވެ، ހާރޫންގެ ހަށިގަނޑުގެ ހޫނުކަން އިޙްސާސް ކުރެވުމާއެކު ތެޅިގަނެފައި ޔަޝްމީ މަސައްކަތްކުރީ ތެދުވާށެވެ،

" ޕްލީޒް ހާރޫން! އަހަރެންގެ ހިއްސުތައް ހޭލައްވަން މަސައްކަތް ނުކުރޭ! އަހަންނަކީ ދުވަހަކުވެސް މީހެއްގެ ޙައްޤަކަށް އަރައިގަންނާނެ މީހެއް ނޫން. އެކަމަކު ހާރޫން ތިހެން އުޅެންޏާ އަހަންނަށް ގޯހެއް ހެދިދާނެ! ޕްލީޒް އަހަންނާ ދުރަށް ދޭ!."

ޔަޝްމީގެ ޖުމްލައާއިއެކު ހާރޫން ޔަޝްމީގެ ގައިން ދޫކޮށްލިއެވެ.

" އަހަންނާއެކު އަހަރެންގެ ގެއަށް ހިނގާ! ޔަޝްމީގެ ހިތުގައި އަހަންނާމެދު މިހާރު ތި ހިނގަމުންދާ ހުރިހާ ޝަކުވާތަކެއްގެ ޖަވާބު އަހަރެން ދޭނަން "

އަސަރާއެކު ހާރޫން އެހެން ބުނެލުމުން ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނީ ލޮލުގެ ހިމަކޮޅުންނެވެ. އޭނާގެ ޖުމްލައިގައި ކޮންމެވެސް ސިއްރުތަކެއް އެކުލެވިގެންވާކަން ޔަޝްމީއަށް އެނގުނެވެ.ނަމަވެސް ހާރޫންގެ ގެއަށް ދާކަށް ޔަޝްމީގެ ހިތެއް ނޭދުނެވެ.

" ހާރޫން އެހެން އަންހެނެއް ގޮވައިގެން އުޅޭތަން ދެކެން އަހަންނަށް ކެތްވާނެހެން ހީވޭތަ؟ އަދިވެސް ތިއުޅެނީ އަހަރެންގެ ކުށަށް އިތުރަށް ސަޒާ ނުދެވިގެންތަ؟ ނޫނީ އަހަރެން ރޮއްވައި ނުލެވިގެންތަ؟ ހާރޫންއާ ހާރޫންގެ ލޯބިވާ އަނބިމީހާގެ ވާހަކަތައް އަޑުއަހާނެ ހިތްވަރެއް އަހަރެންގެ ނެތް! ހާރޫންގެ ދެމަފިރިންނަށް އަހަރެން އަބަދުވެސް އުފާވެރިކަމަށް އެދެން.. ހެޔޮނުވާނެ މިތަނުން ދޭ! ޕްލީޒް.. "

ޔަޝްމީ އާދޭހުގެ ރާގަކަށް އެހެން ބުނި ކަމުގައި ވީ ނަމަވެސް ހާރޫން އަނެއްކާވެސް ޔަޝްމީގެ އަތުގައި ހިފިއެވެ.

" ހިނގައިދާނަން! ޔަޝްމީ ބޭނުން ކޮންމެ ކަމެއް ކުރާނަން! އެކަމަކު... އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ގެއަށް ވަދެލަން އަހަންނާއެކު ހިނގާ! މިވަގުތު ގޭގައި އުޅޭނީ އަހަރެންގެ ދަރިފުޅު އެކަނި! އަހަރެން ބޭނުން ޔަޝްމީ އެގެއަށް ގެންދަން "

ހާރޫންގެ ކުރަކިވެފައިވާ އަޑު ނިކުންނަނީ ހަމަ ކިރިޔާއެވެ. ކޮންމެ އަކުރެއްވެސް އޭނާ ދޫކޮށްލަނީ އެހާމެ ލަސްލަހުންނެވެ. ހާރޫންގެ ވާހަކަ އަޑުއަހަން ހުރި ޔަޝްމީއަށް އިސްއުފުލައި އޭނާގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް ޔަޝްމީގެ ދެލޮލުގައިވަނީ ކަރުނައިގެ ތެތްކަމެވެ.

މާލަސްތަކެއްނުވެ ހާރޫން، ޔަޝްމީގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އެއްވެސް އާރެއް ބާރެއް ނެތް މީހެއް ފަދައިން ޔަޝްމީ ހާރޫންއާއެކު ހިނގައިގަތްއިރުގައިވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ހާރޫންއަށެވެ.

***

ހާރޫންގެ ގަނޑުވަރެއްފަދަ ގެއާ ދިމާލަށް ބަލަހައްޓައިގެން ޔަޝްމީއަށް ހުރެވުނީ ކާރުގައި ލެނގިލައިގެންނެވެ. އޭރުވެސް އޭނާގެ ހިތުގައި އޮތީ ހުސް ޝަކުވާއެވެ. ބޭރު ކުރަން ބޭނުން ނުވި ނަމަވެސް ޝަކުވާތައް ދިޔައީ ފުނި ޖެހެމުންނެވެ. ހިތަށް ބަރުވާ ވަރަކަށް ދެލޮލަށް ޖަމާވަމުންދާ ވޭނީ ކަރުނައިގެ ދިލަ ދިޔައީ ގަދަވަމުންނެވެ.

" ކީއްވެ ތި ހުންނަނ؟ ހިނގާ އަހަންނާއެކު"

ކާރުން ފައިބައިގެން އައިސް ހާރޫން ބުނެލިއެވެ. ނަމަވެސް ކުރިއަށް ހިނގައިގަންނަން އެންމެ ފިޔަވަޅެއްވެސް ޔަޝްމީއަކަށް ނޭޅުނެވެ. ފަޔަށް ބަރުކަމުން ފައި ހިއްލާލަން އުނދަގޫވީއެވެ. އެގެއަށް ވަންނަން އޭނާގެ ހިތް ދެކޮޅު ހަދަނީއެވެ.

" ކީއްވެ ތި ރޮވެނީ؟ "

ޔަޝްމީގެ ކުރިމަތީގައި ހުއްޓި ހަށިގަނޑު ސީދާ ކޮށްލަމުން ހާރޫން އަހާލިއެވެ. އެއާއިއެކު ޔަޝްމީގެ އަޑު ފަޅައިގެން ދިޔައެވެ. ދެއަތުން އަނގަމަތީގައި އަތް އެޅުމަށްފަހު އޭނާއަށް ގިސްލަގިސްލާފައި ރޮވެން ފެށިއެވެ. އެއާއިއެކު ހާރޫންވެސް ކަންބޮޑުވިއެވެ.

" ވޭތުވެދިޔަ ހައެއްކަ އަހަރު އަހަރެން ކުރި ހިތާމަތައް ހާރޫންއަކަށް ނޭނގޭނެ! އަހަރެން ކުރި އިންތިޒާރެއްވެސް ނޭނގޭނެ! ކިހިނެއް އެނގޭނީވެސް؟ ކިހިނެއް އިޙްސާސްކުރެވޭނީވެސް؟ ކިހިނެއް އަހަރެން މަތިން ހަނދާންވާނީވެސް؟ އަހަރެން އެހާ ހިތްދަތިކަމުގައި ވޭނީ އިންތިޒާރެއްގައި މުޅި އުމުރު ހޭދަކުރިއިރު.... ބަލާ..ނިކަން ދެކިބަލަ ހާރޫން އުޅުނު އުފާވެރިކަން... އަހަރެން ހަސަދަވެރިއެއްނުވަން! އެކަމަކު ހިތަށް ކެތްނުވީ އަހަރެންގެ އުއްމީދުތައް ނާއުއްމީދުވީމަ! ރޮވުނީ، ކުރެވުނު އިންތިޒާރުގެ ވޭނުގެ އަސަރު މާ ބޮޑަށްވެސް ހިތަށް އިޙްސާސް ކުރެވުނީމަ.."

ދެލޮލުން ފެން ފުހެމުން ޔަޝްމީ ވާހަކަ ދެއްކީ އަސަރުން ފުރިގެންވާ ގޮތަކަށެވެ. އެއާއިއެކު ހާރޫން ދެޖީބަށް އަތް ޖަހާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އެދުވަހު އަހަރެން ދިޔައީމަ ހާދަ އަވަހަކަށޭ ހާރޫން އަހަރެން މަތިން ހަނދާން ނެތުނީ! ހާރޫންއަށް ހާދަ ފަސޭހަވެއްޖެޔޭދޯ އެހެން އަންހެނަކާއެކީ ދިރިއުޅެން.."

ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު ޔަޝްމީ ދުއްވައިގަތީ ގޭޓާއި ދިމާލަށެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ހުރި ހާރުން ހުޝިޔާރުކަމާއެކު ޔަޝްމީގެ އަތުގައި ހިފިއެވެ.

" ޔަޝްމީއަށް އަހަރެން އެނގެނީ ކިހާވަރަކަށް؟ "

ހާރޫންގެ އަސަރުގަދަ ޖުމްލައިން ޔަޝްމީއަށް ފަސްއެނބުރި ބަލައިލެވުނެވެ. އޭރު ހާރޫންގެ މޫނުމަތީގައިވެސް އެތައް ވާހަކައެއް ލިޔެވެމުންދާތަން ޔަޝްމީއަށް ފެނުނެވެ.

" ޔަޝްމީ ބުނީމެއްނު އެންމެ އުފާވާނީ އަހަންނަށް ބައްޕާއޭ ކިޔާ ގޮވާލާނެ ކުއްޖަކު ލިބުނީމައޭ! އަހަރެންގެ ދަރިފުޅާ ބައްދަލްކޮށްލަން ނުދާނަންތަ؟ "

އަސަރާއެކު ހާރޫން އެހެން ބުނުމުން މިފަހަރު ދެކޮޅު ހަދާކަށް ޔަޝްމީއަކަށް ނުކެރުނެވެ. ހާރޫންގެ އާދޭހަށް އޭނާގެ ފަހަތުން ޔަޝްމީ މަޑުމަޑުން ހިނގައިގަތެވެ. ގޭގެ ދޮރު ހުޅުވެންދެންވެސް ދެމީހުންގެ ދެމެދުގައިވަނީ ހަމަހިމޭންކަމެވެ.

" ދަރިފުޅާ! "

ގޭގެ ދޮރު ހުޅުވާލުމަށްފަހު ހާރޫން ހުއްޓިލީ ދޮރުމަތީގައެވެ. އޭރު ޔަޝްމީ ހުރީ ހާރޫންގެ ފަހަތުގައި ނިވާވެގެންނެވެ. ހާރޫން ތަންކޮޅެއް ބާރަށް ދެފަހަރަކު ގޮވާލުމާއެކު ކޮޓަރިއަކުން ނިކުމެގެން އައި ޔާނިޝް ހާރޫނާ ދިމާލަށް ދުއްވައިގެތެވެ.

" ބައްޕީ! އައި ލަވް ޔޫ!"

ބާރު ބާރަށް ޔާނިޝް ގޮވަމުން ދިޔައެވެ. އެއާއިއެކު ހާރޫން މަޑުމަޑުން އެއްފަރާތަކަށް ޖެހިލީ ޔާނިޝްއަށް ޔަޝްމީ ދައްކާލާށެވެ. ވަގުތަކީ ޔަޝްމީއާއި ޔާނިޝްގެ ނަޒަރު ސީދާވެގެން ދިޔަ ވަގުތެވެ. އެއާއިއެކު ހައިރާންވެފައި ޔަޝްމީއަށް ބެލެން ފެށިއެވެ. މީގެ ކުޑަ ދުވަސްކޮޅެއްކުރިން މާރކެޓުން ޔާނިޝް ފެނުނު ހަނދާންވެ އޭނާއަށް ހާރޫންއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

" މަންމީ؟ މަންމީ؟ "

ހުރި ފިޔަވަޅުމަތީގައި ހުއްޓި ހުރެ ޔާނިޝްއަށް ގޮވާލެވުނެވެ. ޔާނިޝް، ޔަޝްމީއަށް މަންމަ ކިޔަން ޖެހުނު ސަބަބެއް ނުވިސްނިގެން އޭނާއަށް އަދިވެސް ބެލެނީ ހާރޫންއަށެވެ. ފެންކަޅިވެފައިވާ ޙާލު، އޭރު ޙާރޫނަށް ޔަޝްމީއަށް ބަލައިލުމަށްފަހު ބޯ ޖަހާލެވުނެވެ.

" މަންމީ! "

އަނެއްކާވެސް ޔާނިޝް ގޮވާލިއެވެ. މިފަހަރު އޭނާ މަޑުމަޑުން ޔަޝްމީއާ ދިމާލަށް ހިނގައިގަތީ ޝައްކުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރެއެވެ.

" ހާރޫން؟ "

ވަރަށް އުނދަގުލުން ޔަޝްމީއަށް ގޮވާލެވުނެވެ. އެއާއިއެކު ހާރޫންގޮސް ޔާނިޝްގެ ގައިގައި ބައްދާލީ ނުހަނު ބާރަށެވެ. އޭރުވެސް ޔާނިޝްގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޔަޝްމީގެ މޫނަށެވެ.

" މަންމާ! "

ތެޅިގަނެފައި ޔާނިޝް ހާރޫންއާ ދުރަށް ޖެހުނެވެ. އަދި ބާރުބާރަށް ދުވެފައި ގޮސް ޔަޝްމީގެ ގައިގައި ޖެހިގަތެވެ. ހައިރާންވެ، ނުތަަނަވަސްވެފައި ހުރި ޔަޝްމީއަށް ޔާނިޝްގެ ގައިގައި އަތް ޖައްސާލައިގެން ހުރެވުނީ ހާރޫންއަށް ބަލާށެވެ.

" އާދޭ! އެތެރެއަށް ވަދޭ"

އަސަރާއެކު ހާރޫން އެދުނެވެ. އެއާއިއެކު ޔަޝްމީ ޔާނިޝްގެ އަތުގައި ހިފައިގެން މަޑުމަޑުން އެތެރެއަށް ވަނެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ މޮޅު ކުރެހުންތެރިއެއްގެ ފިހިން ކުރަހާފައިވާ އޭނާގެ ތަސްވީރެއްގައެވެ. އެއާއިއެކު ސިހުން ލިބޭފަދަ ގޮތަކަށް ޔަޝްމީއަށް ބަލައިލެވުނީ އަނެއްކާވެސް ހާރޫނަށެވެ.

" މަންމި ކީއްވެ އެހާ ލަހުން ތިއައީ؟ "

ޔާނިޝް އަހާލީ ޅަ ގޮތަކަށެވެ. ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓާ، ވާހަކަ ދައްކަން ފެށީ ހާރޫނެވެ.

" ދަރިފުޅު ދެން ތިކަހަލަ ޝަކުވާ ނުކޮށްބަލަ! މަންމި ގެއްލިގެން ހޯދަނިކޮށް މަންމި ދިމާވީއޭ! އެހެންވީމަ ދެން މަންމި ދުވަހަކުވެސް ނުދާނެ ދަރިފުޅު ދޫކޮށްފައެއް."

ތުއްތު ޔާނިޝްގެ ކައިރީގައިި ކުޑަކަކޫ ޖަހައި އިށީނދެލުމަށްފަހު ހާރޫން ބުނެލިއެވެ. އެއާއިއެކު ޔާނިޝް ހާރޫންގެ ގައިގައި ބައްދާލިއެވެ.

" ހާރޫން! އަހަންނަށް ސާފުކޮށް ކިޔައިދީބަލަ! ކިހިނެއްތަ މިވަނީ؟ މިއީ ކާކުގެ ދަރިއެއް؟ "

ޔަޝްމީ ސުވާލު ކުރީ މަޑުމަޑުންނެވެ. އެއާއިއެކު ހާރޫން ތެދުވެލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" ދަރިފުޅު ދޭ ކުޅެން! ބައްޕި މަންމަ ގާތު ވާހަކަ ދައްކާލަން މަޑުކޮށްލަން"

" ނޫން.. ކޮއްކޮ ބޭނުމީ މަންމަ ގޮވައިގެން ދާން.. މަންމައާއެކު ކޮއްކޮ ކުޅެން ދާނީ"

ދެފައި ޖަހާފައި ޔާނިޝް ބޮޑާހާކަން ފެށިއެވެ. އޭރުވެސް ޔަޝްމީ ހުރީ ލިބުނު ހައިރާންކަންމަތީގައި ދައްކާނެ ވާހަކައެއް ނޭނގިފައެވެ.

" ދެން ޕްލީޒް ދަރިފުޅު."

ހާރޫން ތަންކޮޅެއް ބާރަށް އެހެން ބުނުމާއެކު ޔާނިޝް އިސްޖަހާލައިގެން ހުރެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ޔާނިޝް ގޮސް ދޮރު ލައްޕާލުމުން ހާރޫން ޔަޝްމީއާ ދިމާލަށް އެނބުރިލިއެވެ. އަދި ލުއި ގޮތަކަށް ހީލިއެވެ.

" އަހަންނަށް މަންމަ ތި ކިޔުއްވަނީ ކާކުގެ ދަރިޔަކަށްތަ؟ ހާރޫން އިތުރު ކައިވެންޏެއް ނުކުރަންތަ؟"

ތަފާތު އެކި ސުވާލުތަކުން ޔަޝްމީގެ ހިތްވަނީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. ނަމަވެސް އޭނާ ހުރީ ޙަޤީޤަތާ ކުރިމަތިލާން ނުހަނު ބޭނުން ވެފައެވެ. ޔަޝްމީގެ ސުވާލުތައް އަޑުއަހަން ހުރި ހާރޫން މަޑުމަޑުން ގޮސް ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ފުން ނަޒަރަކުން ޔަޝްމީގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

" ތި ނޫން އިތުރު އަންހެނެއް މި ހަށިގަނޑަށް ހަރާމޭ އަހަރެން ބުނި ހަނދާނެއް ވޭތަ؟ "

ޔަޝްމީގެ މޫނާ މޫނު ގާތްކޮށްލަމުން ހާރޫން ބުނެލިއެވެ. ނަމަވެސް އޭރުވެސް ޔަޝްމީ ހުރީ ނުދަންނަ މީހަކާ ދިމާލަށް ބަލާފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ.

" އަހަރެން މީހަކާ ނީންނަން! އެކަމަކު.. މާތްﷲގެ ރަޙްމަތުން އަހަންނަށް ދަރިޔަކު ދެއްވި! "

ހާރޫންގެ އެ ޖުމްލައިގެ މާނަ ނުވިސްނިގެން ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ޔާނީޝްއަކީ އަހަރެންގެ ބައްޕަގެ ކަންތައްތައް ބެލެހެއްޓުމަށް އެގޭގައި ގެންގުޅުނު ދެމަފިރިންގެ ދަރިއެއް! އެދަރިފުޅު ވިހާފައި އެދައްތަ ނިޔާވި! އެހެންވެ އަހަރެން ޔާނިޝްއާ ޙަވާލްވީ! އަހަރެންގެ ހުރިހާ އެއްޗެއް ވިއްކާލުމަށްފަހު ދުބާއީއަށް ދިރިއުޅުން ބަދަލުކުރީ ޔާނޝް ގޮވައިގެން.. އަހަރެން ބޭނުންވީ އަހަރެން ނެތް ދުނިޔެއެއްގައިވެސް ޔާނިޝްއަށް ރަނގަޅުގޮތެއް ހޯދައިދޭން. އެހެންވެ އަހަރެން މިތަނުގެ މީހަކާ ގުޅިގެން ވިޔަފާރިއެއް ފެށީ! "

ހާރޫން ވާހަކަ ދައްކަމުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. އެއާއިއެކު ލަސް ފިޔަަވަޅުތަކެއްގައި ގޮސް ޔަޝްމީވެސް އޭނާގާތު މަޑުކޮށްލިއެވެ.

" އެންމެ ތުއްތު އިރުއްސުރެ އަހަރެން ޔާނިޝްއަށް ޔަޝްމީގެ ފޮޓޯދެއްކައިގެން އުޅުނީ. ތިއީ މަންމަކަމުގައި ބުނެދިނިން.. އެހެންވެ ކުޑައިރު ޔާނިޝްގެ ކަންތައްތައް ކޮށްދޭން މިގެއަށް އައި މެއިޑަށްވެސް އޭނަ ކިޔާނީ ދައްތަ! އަހަރެން މިއަދު ވަރަށް އުފާވެއްޖެ ޔާނީޝްއަށް ޔަޝްމީ ފާހަގަ ކުރެވުނީމަ.. އޭނަ މަންމައަކަށް އެދޭވަރު އަހަންނަށް އިޙްސާސް ކުރެވޭ.. އަހަރެން އެކުއްޖާދެކެ ލޯބިވަނީ އަމިއްލަ ދަރިއެއްދެކެ ލޯބިވާ ފަދައިން.. "

ވާހަކަ ދައްކާ ނިމުނު އިރު ހާރޫންގެ އަޑުގައި ހުރީ އުފާވެރިކަމުގެ އަސަރުތަކެވެ. ޝައުޤުވެރިކަމާއެކު އަޑުއަހަން އޭރުވެސް ޔަޝްމީ ހުއްޓެވެ.

" އެއްދުވަހަކު ޔާނިޝް އައިސް ބުނި މަންމަ ފެނިއްޖެޔޭ! އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން.. ދެތިން ދުވަސް ވަންދެން އެވާހަކަ ދެއްކި.."

ހާރޫން ޔަޝްމީއަށް ބަލައިލުމަށްފަހު ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ލަދުރަކި ގޮތަކަށް ހީލަމުން އެދުވަހުގެ ވާހަކަ ކިޔައިދިނެވެ.

" އަހަރެން އަބަދުވެސް ޔަޝްމީއަށް އިންތިޒާރު ކުރިން.. އަހަންނާ ދުރަށް ދިޔަޔަސް ޔަޝްމީގެ އިޙްސާސްތައް އަބަދުވެސް އަހަންނާއެކުގައިވޭ! އޭރުވީ ލޯބި އަދިވެސް އަހަރެން ޔަޝްމީދެކެ ވޭ! "

އަސަރާއެކު ހާރޫން ބުނެލިއެވެ. އެއާއިއެކު އިސްޖަހާލަމުން ޔަޝްމީ ގޮސް ހާރޫންގެ މޭގައި މޫނު ޖައްސާލިއެވެ.

" ހާރޫންއާ ނުލައި އަހަންނަކަށް ދިރިއެއް ނޫޅެވޭނެ.. ނޫޅެވޭނެ.. ހާރޫންގެ މީހަކަށް އަހަރެން ހަދައިދީ"

ރޮވެމުން ރޮވެމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ހާރޫން، އޭނާގެ ދެއަތުން ޔަޝްމީގެ ހަށިގަނޑު ބާރުކޮށްލިއެވެ.

***

ފަހަތު ސީޓުގައި އޮތް ރަތްކުލައިގެ ފިނިފެންމާބޮނޑިއަށް ބަލައިލުމަށްފަހު ރަހީލްއަށް އަނެއްކާވެސް ހިނިތުންވެވުނެވެ. ހޮޓެލްއަށް ދެވެން އޮތީ އެންމެ ފަނަރަ ވަރަކަށް މިނެޓެވެ. މިއަދަކީ އޭނާގެ ޙަޔާތުގައި ވަރަށްވެސް އުފާވެރި ދުވަހެކެވެ. ރަހީލްގެ ކޮމްޕެނީއިން އިންޓަރނޭޝަލަން ބްރޭންޑެއްގެ އެއްޗެހި ރާއްޖެ އެތެރެ ކުރުމަށް އެއްބަސްވެވުނީއެވެ. ވިޔަފާރީގެ ރޮނގުން އޭނާ އިތުރު ހަރުފަތެއް މައްޗަށް ޖެހިލީއެވެ. އެ އުފާވެރިކަން އެއްފަރާތްކޮށްލާފައި އަނެއްކާވެސް އޭނާގެ މޫނުމަތީގައި ކުރަހާލީ ޔަޝްމީގެ ސޫރައެވެ. ޔަޝްމީގާތު ރަސްމީކޮށް ކައިވެންޏަށް އެދުމަށްޓަކައި އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން ފޯނުން ގަޑި ބަލައިލެވުނީވެސް ޔަޝްމީ ދެކިލުމަށް އެދި ހިތް ތެޅޭވަރު ބާރުވަމުންދާތީއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)