އެ އުފާވެރިކަން އެއްފަރާތްކޮށްލާފައި އަނެއްކާވެސް އޭނާގެ މޫނުމަތީގައި ކުރަހާލީ ޔަޝްމީގެ ސޫރައެވެ. ޔަޝްމީގާތު ރަސްމީކޮށް ކައިވެންޏަށް އެދުމަށްޓަކައި އޭނާވަނީ ކެތްމަދުވެފައެވެ. އެހެންކަމުން ފޯނުން ގަޑި ބަލައިލެވުނީވެސް ޔަޝްމީ ދެކިލުމަށް އެދި ހިތް ތެޅޭވަރު ބާރުވަމުންދާތީއެވެ.
ކާރުން ފައިބައިގެން އައިސް އެންމެ ފުރަތަމަވެސް ރަހީލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދިގު ދަތުރަކަށްފަހު ތާޒާ ވެލައިގެން ނޫނީ ޔަޝްމީގާތަށް ދާން އޭނާ ބޭނުމެއް ނޫނެވެ. އަތުގައި އޮތް މާބޮނޑި އެނދުމަތީގައި ބޭއްވުމަށްފަހު، އޭނާ އަވަސް ވެގަތީ ފެންވަރާ ތައްޔާރު ވެލާށެވެ.
ގަޔަށް ސެންޓު ބުރުވާލުމަށްފަހު އެނދުމަތީގައި އޮތް މާބޮނޑިއާ ދިމާލަށް ރަހީލް ހިނގައިގަތީ މަސްތީ ހިނިތުންވުމެއްގައި ހުރެއެވެ. އަދި އުފާވެރި ގޮތަކަށް އޭގައި ވަސްބަލައިލުމަށްފަހު އޭނާގެ މުށުތެރޭގައި އޮތް ރަން އަނގޮއްޓިއަށް ބަލައިލިއެވެ. އަނެއްކާވެސް އޭނާ އަތުގެ މުށް ލައްޕާލުމަށްފަހު ހީލަމުން ޔަޝްމީއަށް ގުޅާލަން ޖީބުން ފޯނު ނެގިއެވެ. އޭރު ރޭގަނޑު 11 ޖަހަނީއެވެ.
" ރަހީލް"
ފޯނު ނެގުމަށްފަހު ފުރަތަމަވެސް ނުތަނަވަސްކަމާއެކު ޔަޝްމީއަށް ބުނެލެވުނެވެ.
" އަހަންނަށް އެކޮޅަށް ދެވުނީ މެންދުރު.. އެކޮޅަށް ގޮސްވެސް ވަރަށް ގުޅިން.. ފޯނެއް ނުނަގަ."
ރަހީލް ޝަކުވާ ކުރަން ފެށުމާއެކު ޔަޝްމީއަށް ފުންމައިގެން ތެދުވެވުނެވެ. ހާރޫންއާއެކު އޭނާއަށް ހާރޫންގެ ގެއަށް ދެވުނީ ހަނދާންނެތި ފޯނު ބާއްވާފައެވެ. އެގެއިން އޭނާއަށް ގެއަށް އައީ ދިހައެއްވެސް ޖެހި ފަހުންނެވެ.
" ނިދުނީ.. ދެން ފިލްމެއް ބަލަން އޮތީ! ހިތަށް އެރި ދެން މިރޭ އަންނާނެޔޭ.. އެހެންވެ އުނދަގޫ ނުކުރަން ވެގެން ނުގުޅީ!"
ނިދީގެ އަސަރުގައި ޔަޝްމީ ދޮގު ހެދީ ގަސްތުގައެވެ. އެހިނދު ރަހީލް ހީލި އަޑު އިވުނެވެ.
" އަހަރެން ނެތީމަ މާ ބޮޑަށް ފޫހިވީދޯ! "
ރަހީލް ބުނެލީ ނުހަނު ލޯތްބާއެކުގައެވެ. އޭރު އޭނާ ޔަޝްމީގެ ކޮޓަރިއާ އަރާ ހަމަވެއްޖެއެވެ.
" ރަހީލް އަންނަނީ ކޮން އިރަކުން؟ އަދިވެސް ނާދެވޭތަ؟އަހަރެން މިހާރު މިއޮތީ ނިދަންވެގެން "
ގައިމަތީގައި ބެޑްޝީޓް އަޅާލަމުން ޔަޝްމީ ބުނެލިއެވެ. ހާރޫންއާއެކު ހޭދަ ކުރެވުނު އުފާވެރި ވަގުތުތަކުގެ ސަބަބުން ރަހީލްމަތިން އެއްކޮށް އޭނާ ހަނދާންނެތިފައިވާ ކަހަލައެވެ. އަދި ރަހީލް ފެންނާކަށްވެސް އޭނާގެ ހިތް ނޭދޭ ކަހަލައެވެ.
" އަޅެ ދޮރު ހުޅުވާލަބަލަ! "
އުފާވެރި ރާގެއްގައި ރަހީލް ބުނެލިއެވެ.
" އަޅެ މިހާރު މިއޮތީ ނިދަންވެގެން ޗޭންޖް ކޮށްގެން! މާދަމާ ދޯ ދެން"
ނުތަނަވަސްވެފައި ހުރެ، ޔަޝްމީ ބުނެލިއެވެ.
" ދެން ޕްލީޒް! މިހުރީ ދޮރުމަތީގައޭ."
އާދޭހުގެ ރާގަކަށް ރަހީލް އެދުމުން ޔަޝްމީ އެނދުން ތެދުވީ ފޫހިކަމާއެކުގައެވެ. އެއަށްފަހު އެއާއިއެކު ލައިގެން ހުރި ކުރު ސޯޓުގެ މަތިން ދޫ ހަރުވާޅެއްލައި ގަޔަށް ދޫ އަބާޔާ މަހާލިއެވެ. އަދި ބޮލުގައި ޝޯލް އޮޅާލުމަށްފަހު ދޮރާ ދިމާލަށް ހިނގައިގަތީ ނުތަނަވަސްކަމާއެކުގައެވެ. ދޮރު ހުޅުވާލުމާއެކު ރަތްކުލައިގެ ފިނިފެންމަލުން ތައްޔާރުކޮށްފައިވާ ބޮޑު މާބޮނޑިން މޫނު ފޮރުވައިގެން ހުރި ރަހީލް ފެނުމުން ޔަޝްމީއަށް ލިބުނީ ހައިރާންކަމެވެ. އަދި އިތުރަށް އޭނާގެ ހިތް ނުތަނަވަސްވެގަތެވެ. ދޮރުގައި އެއް އަތުން ހިފަހައްޓާލައިގެން ހުރި ޔަޝްމީ އެއްޗެއް ނުބުނުމުން ރަހީލް މާ ބޮނޑި ތިރިކޮށްލީ ހިނިތުންވެ ހުރެއެވެ.
" އަހަރެންގާތު ވަންނާށޭ ނުބުނާނަންތަ؟ "
ރަހީލް އެހެން ބުނުމާއެކު ޔަޝްމީގެ ހިތަށް ދިޔައީ ފިނިވެގެންނެވެ. ނަމަވެސް އިންކާރު ކުރުމެއްނެތި އޭނާ ރަހީލްއަށް އެތެރެއަށް ވަނުމުގެ ހުއްދަ ދިނެވެ. އެއާއިއެކު އެތެރެއަށް ވަދެގެން ދިޔަ ރަހީލް ހުއްޓިލީ ކޮޓަރީގެ މެދެއްހާ ހަމައިގައެވެ. ރަހީލް ޔަޝްމީއަށް ބަލައިލުމާއެކު ގަދަކަމުން ޔަޝްމީ ހިނިތުންވެލިއެވެ.
" ޔަޝްމީ!.. އަހަރެން މިހުރީ ވަރަށް ހިތްހަމަ ޖެހިފައި! އެނގޭތަ ކީއްވެގެންކަން؟ "
މާބޮނޑިއަށް ބަލަން ހުރެ ރަހީލް ބުނެލިއެވެ. ދެއަތް އުރާލަމުން ޔަޝްމީ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ. ޙަޤީޤަތުގައި ޔަޝްމީ ހުރީ ރަހީލް ހުރުމުން ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ އޭނާ ނުހަނު މަސައްކަތްކުރިއެވެ.
" އަހަރެންގެ އެއް ހުވަފެން ޙަޤީޤަތަކަށްވީ! ދެން އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އަހަރެންގެ މީހަކަށް ޔަޝްމީ ހަދަން! އަހަރެންގެ އަނތްބަކަށް ހަދަން"
ރަހީލް ދޫކޮށްލި ޖުމްލައާއެކު ޔަޝްމީއަށް ދެއަތް ދޫކޮށްލެވުނެވެ. އަދި ކަންބޮޑުވެފައިވާ ޙާލު އޭނާއަށް ރަހީލްއަށް ފުރަގަސް ދެވުނެވެ.
" ކިހިނެއްވީ؟ ކައިވެނީގެ ވާހަކަ ދެއްކީމަ ލަދުގަތީތަ؟ ޔަޝް! އަހަރެން ވަރަށް ކެތްކޮށްފިން.. އަހަރެންދެކެ ލޯބިވެގެން، ޚުދު ޔަޝްމީ އަމިއްލައަށް ކައިވެންޏަށް އެދޭނެ ދުވަހަކަށް ވަރަށް އިންތިޒާރުކުރިން.. އެކަމަކު މިހާރު މާގިނަ ދުވަސްވެއްޖެ! އަހަންނަށް ހީވަނީ ޔަޝްމީއަށް ދެން އަހަރެންދެކެ ލޯބި ވެވޭނީ ކައިވެނިކޮށްގެން ދެމީހުން އެކުގައި އުޅެން ފެށީމަހެން..ދިރިއުޅުމެއް ފެށީމަ އެކަކު އަނެކަކު ދަސްވާނީވެސް.. އޭރުން ޔަޝްމީއަކަށް އަހަރެންގެ އޮފީހުގައި އިންނާކަށް ނުޖެހޭނެ. ޔަޝްމީ އިންނާނީ އަހަރެންގެ އަނތްބެއްގެ ގޮތުގައި އަހަރެންގެ ގޭގައި.. ހަމައެކަނި އަހަރެންގެ ޚިދުމަތުގައި"
ރަހީލްގެ ވާހަކަތައް އަޑުއަހަމުންދިޔަ ޔަޝްމީގެ ހިތަށް ހާސްކަމާއި ބިރުވެރިކަން ވެރިވާންފެށިއެވެ. ރަހީލްއަށް އެއްވެސް ކަމެއް އޮޅުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދި ހިތެއްފިތެއް ނެތް މީހަކަށް ވާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ފުން ވިސްނުމެއްގައި ހުއްޓާ ކުއްލިއަކަށް އޭނާގެ ކުރިމަތީގައި ރަހީލް ހުއްޓިއްޖެއެވެ. އޭރުވެސް އެ ސާފު މޫނުމަތިން ފެންނަނީ ލޯބިވެތި ހިނިތުންވުމެކެވެ.
" ޕްލީޒް.. އަހަންނާ.. އަހަންނާ ކައިވެނި ކުރާނަންތަ؟ "
މާބޮނޑި ދިއްކޮށްލަމުން ރަހީލް ބުނެލިއެވެ. ބުނާނެ އެއްޗެއް، ދޭނެ ޖަވާބެއް ނޭނގިފައި ޔަޝްމީއަށް ހުރެވުނީއެވެ. ނަމަވެސް ރަހީލް އެ މާބޮނޑި ޔަޝްމީއާ ގާތްކޮށްލުމާއެކު އޭނާއަށް ބޭއިޙްތިޔާރުގައި އޭގައި ހިފުނީ ރަހީލް ދެރަކޮށްލަން ނުކެރިގެންނެވެ. ދެވަނަ ފަހަރަށް ރަހީލްގެ މޫނަށް ބަލައިލުމާއެކު އޭނާ ދިއްކޮށްލީ ރީތި ރަން އަނގިއްޓިއެކެވެ. އެއާއިއެކު ޔަޝްމީގެ ހިތް އިތުރަށް ހާސްވެގެން ދިޔައެވެ.
" އަހަންނަށް އެނގޭ ނޫނެކޭ ނުބުނާނެކަން.. އަހަންނަށް އެނގޭ އަހަރެން ފިޔަވާ އިތުރު އެއްވެސް މީހަކާ ޔަޝްމީ ވާހަކަ ނުދައްކާކަންވެސް.. އަދި އަހަންނަކީ ޔަޝްމީދެކެ ޙަޤީޤަތުގައިވެސް ލޯބިވާ މީހެއްކަން ޔަޝްމީ ޤަބޫލުކުރާކަންވެސް އަހަންނަށް އެނގޭ! "
ހެވިފައި ހުރެ ރަހީލް ވާހަކަ ދެއްކީ އުއްމީދާއި ޔަޤީންކަމާއެކުގައެވެ. އަދި ޔަޝްމީގެ ފަރާތުން އުފާވެރި ޖަވާބެއް ލިބޭނެކަން ކަށަވަރު ކުރެވޭ ޙާލުގައެވެ.
" އަހަރެން ބޭނުންވަނީ އަހަރެންގެ އަތުން އަޅުވާލަދޭން.."
އެހެން ބުނެ ރަހީލް މަޑުމަޑުން ޔަޝްމީގެ އަތުގައި ހިފާލިއެވެ. ނަމަވެސް އަވަސް އަވަހަށް ޔަޝްމީ ރަހީލްގެ އަތުގެ ތެރެއިން އަތް ދަމައިގަނެ އޭނާއަށް ފުރަގަސް ދިނެވެ. ޔަޝްމީގެ އެ ހަރަކާތްތަކުން ރަހީލަށް ކުޑަ ނުތަނަވަސްކަމެއް ލިބުނު ނަމަވެސް އޭނާ ހުރީ އެއަށްވުރެ ބޮޑަށް އުއްމީދު ކޮށްގެންނެވެ.
" ކިހިނެއްވީ؟ އަދިވެސް ހަމަ އަވަހީތަ؟ "
ރަހީލް އަހާލިއެވެ. ނަމަވެސް ޔަޝްމީއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ހިތް އޭރުވެސް ބާރުބާރަށް ތެޅެނީއެވެ.
" ޔަޝްމީގެ ޙާލަތު އަހަންނަށް އެނގެޔޭ! އަހަރެން ޔަޝްމީއަށް ދެރައެއް ދީފާނެޔޭ ހީކުރަނީތަ؟ އެހެން ނޫން ނަމަ މިހާ ގިނަދުވަސް ވަންދެން އަހަރެން އިންތިޒާރެއްގައެއް ނުހުރީސްދޯ! އަހަރެން ޔަޝްމީދެކެ ވަރަށް ލޯބިވޭ.. އަހަރެން ބޭނުންވަނީ ހަމައެކަނި ޔަޝްމީ.."
އެހެން ބުނެލުމަށްފަހު ރަހީލް އަނެއްކާވެސް ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއިއެކު ޔަޝްމީގެ ދެލޮލުން ފައިބަމުންދާ ކަރުނަތައްފެނި އޭނާ ހައިރާންވެ ސުވާލު ކުރިއެވެ.
" ކީއްވެ ތި ރޮނީ؟ ޔަޝްމީ ދެރަވާވަރުގެ ކަމެއް އަހަރެން ނުކުރަމެއްނު.."
ރަހީލް މަސައްކަތްކުރީ އޭނާގެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފުހެލަދޭށެވެ. ނަމަވެސް ޔަޝްމީ ފަހަތަށް ޖެހިލުމަށްފަހު އަމިއްލައަށް މޫނު ފުހެލިއެވެ. އަދި އެނދުމަތީގައި މާބޮނޑި ބޭއްވުމަށްފަހު ރަހީލަށް ކުރިމަތިލިއެވެ.
" އަހަރެން އަބަދުވެސް ރަހީލްގާތު ބުނަމުން ދިޔައީ އަހަންނަށް ރަހީލްދެކެ ލޯތްބެއް ނުވެވޭނެޔޭ! "
ޔަޝްމީގެ ފުރަތަމަ ޖުމްލައިންވެސް ރަހީލްއަށް އަތުގައި އޮތް އަނގޮއްޓި މުށުގެ ތެރޭގައި ފޮރުވާލެވުނެވެ.
" އަހަރެން މާލޭގައި އުޅުނު ސަބަބުވެސް ރަހީލްއަށް އެނގޭނެ.. އަހަރެންގެ ކުރީގެ ފިރިމީހާ ހޯދަން އަހަރެން ކުރި މަސައްކަތްވެސް ރަހީލްއަށް އެނގޭނެ! އަދި އަހަރެން އޭނަ ދެކެ ލޯބިވާކަންވެސް އެނގޭނެ"
ކުރަކި ވެފައިވާ އަޑަކުން ޔަޝްމީ ވާހަކަ ދެއްކިއެވެ.
" އަހަންނަށް ހުރިހާ އެއްޗެއްވެސް އެނގެޔޭ.. އަހަރެންދެކެ ލޯބި ނުވާކަންވެސް އަދި ކައިވެންޏަކަށް ޔަޝްމީ ތައްޔާރު ނޫންކަންވެސް އެނގެޔޭ! އެކަމަކުވެސް ތިގޮތަށް މުޅި އުމުރު ނަގާނުލާ! އަހަރެން މިހުރީ ޔަޝްމީއާއެކު މުޅި އުމުރަށް އުޅެން ތައްޔާރަށް. އަހަރެންގެ ފަރާތުން ޔަޝްމީ ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ފެނުނުތަ؟ ޔަޝްމީގެ ނުރުހުމުގައި އަހަރެން އެއްވެސް ކަމެއް ކުރިންތަ؟ އަހަރެން މަސައްކަތް މިކުރީ ޔަޝްމީއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން.. ޔަޝްމީ އެކަނިވެރި ވިޔަ ނުދީ ލޯބިން ގެންގުޅެން ބޭނުންވީ.. ދެން ކޮބައިތަ މައްސަލައަކީ؟ ޔަޝްމީގެ ކުރީގެ ފިރިމީހާގެ ވާހަކަ ދެން ނުދައްކާ! އޭނަ ޔަޝްމީމަތިން ހަނދާންކުރާނަމަ މިހާރު އޭނަ އަންނާނެއެއްނު ޔަޝްމީގާތަށް. ޔަޝްމީގެ ޙާލު ބަލާނެއެއްނު! އެކަމަކު ޔަޝްމީ އެކަނިވީ ދުވަހު ޔަޝްމީގެ އަތުގައި ހިފީ އަހަންނެއްނު! "
އަސަރާއެކު ރަހީލް އެހެން ބުނުމާއެކު ޔަޝްމީ ދިޔައީ ސިހިގެންނެވެ. އޭނާ އަވަސް އަވަހަށް އަތް އުފުލާލުމަށްފަހު ބުނެލިއެވެ.
" ތިހެން ނުބުނޭ! ތިހެން ނުބުނޭ ރަހީލް! އަހަންނަކީ އަދިވެސް އެކަނިވެރިއެއް.. އަހަރެން ރަހީލްގެ އޮފީހުގައި ބުރަކޮށް މަސައްކަތްކޮށްގެން ލާރި ހޯދަނީ! އަހަރެން ދިރިއުޅެނީވެސް އަމިއްލައަށް ލާރި ހޯދައިގެން! އެއްވެސް މީހެއްގެ އެހީތެރިކަމެއްގައި އެއްވެސް މީހެއްގެ ފައިދަށުވެގެންނެއްނޫން މިއުޅުނީ.. ތެދެއް! ރަހީލް އަހަރެންދެކެ ލޯބިވާކަން އެނގޭ.. އިންނަން ބޭނުންވާކަންވެސް އެނގޭ! އެކަމަކު އެންމެ ފަހަރަކުވެސް އަހަރެން ބުނިންތަ ކައިވެނި ކުރާނަމޭ.. އަހަރެން ބުނިންތަ ލޯބިވެޔޭ! ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމެއްގެ ސަބަބުން އަހަރެން ރަހީލްއަށް އިތުބާރުކުރިން. އަދިވެސް އިތުބާރު ކުރަން.. އެހެން ނޫން ނަމަ މިރޭ މިވަގުތު އަހަރެންގެ ކޮޓަރިއަކަށް ރަހީލްއަކަށް ވަނުމުގެ ހުއްދައެއް ނޯންނާނެ.. އަހަރެން އިތުބާރު ކުރީ ތިއީ އަހަންނަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި.. އަހަރެން އިތުބާރުކުރީ އަހަންނަށް ދެރައެއް ނުދޭނެކަމުގައި! "
ޔަޝްމީ ފުންނޭވާއެއް ދޫކޮށްލީ ވަރުބަލިވެގެންނެވެ. އޭރުވެސް ރަހީލް ހުރީ ހުއްޓުން އަރާފައި ޔަޝްމީގެ ވާހަކަތައް އަޑުއަހާށެވެ.
" އޭރުވެސް ރަހީލް އެދުނީ ކައިވެންޏަށް.. އަހަރެން ފާޅުގައި އިންކާރުކުރިން.. އަހަރެން ބުނިން ލޯބިވެވުނު ދުވަހަކުން އިންނާނަމޭ! އެކަމަކު... އުޅެއުޅެވެސް އަހަންނަކަށް ރަހީލްދެކެ ލޯތްބެއް ނުވެވުނު.... "
ޔަޝްމީގެ ޖުމްލައިން ރަހީލްއަށް ދެލޯ މަރާލެވުނެވެ. އަދި އޭނާއަށް ޔަޝްމީއަށް ފުރަގަސް ދެވުނީ ހިތަށް ތަދުވި ވަރުންނެވެ.
" ތީގެ މާނައަކީ ކައިވެނި ކުރަން ބޭނުމެއް ނޫނޭތަ؟ "
ރަހީލް އަސަރާއެކު އަހާލިއެވެ. އެއާއިއެކު ޔަޝްމީއަށްވެސް ނޫނެކޭ ބުނަން އުނދަގޫވިއެވެ. ރަހީލް ދެރަވާނެތީއެވެ. އޭނާގެ ހިތަށް އަސަރު ކުރާނެވަރު އެނގޭތީއެވެ. ޔަޝްމީއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ބާރުބާރަށް ރަހީލް ހިނގައިގަތެވެ. ރަހީލް ނިކުމެގެން ދިޔަ މަންޒަރު ބަލަންވެސް ޔަޝްމީއަށް ހުރެވުނީއެވެ. އޭނާ މަޑުކުރުވާކަށްވެސް ހިތެއް ނޭދުނެވެ. ރަހީލް ދިޔުމުން އަވަސް އަވަހަށް ގޮސް އޭނާ ދޮރު ތަޅުލުމަށްފަހު ދޮރުގައި ލެނގިލިއެވެ. އެއާއިއެކު އެނދުމަތީގައި އޮތް އޭނާގެ ފޯނު ދިއްލޭތަން ފެނުނެވެ. ގުޅަނީ ހާރޫންކަން ޔަޤީންވާ ޙާލު ދުވެފައި ގޮސް ޔަޝްމީ ފޯނު ނެގިއެވެ. އެއަށްފަހު ދާދި ދެންމެއަކު ކަންތައްވީގޮތުގެ ވާހަކަ ހާރޫންއަށް ކިޔައިދިނެވެ.
" ތިއީ ޙާރޫންއޭ ބުނާކަށް އަހަންނަކަށް ނުކެރުނު.. އެހާ ހިތްވަރެއް ނުލިބުނު"
ރޮވިފައި އިނދެ ޔަޝްމީ ބުނެލިއެވެ.
" އެކަމަކު އޭނައަށް އޮޅުން ފިލުވައިދޭން ޖެހޭނެއެއްނު! "
ހާރޫން ބުނެލިއެވެ. ނަމަވެސް އޭރު ޔަޝްމީއަށް ބާރަށް ރޮވިއްޖެއެވެ. އޭނާ ރޯއަޑު އަހަން ހާރޫންގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.
" އަބަދުވެސް އަހަރެން އުޅެން މިޖެހެނީ މި ޙާލެއްގައި.. އެންމެންވެސް ކުއްވެރިކުރަނީ އަހަރެން! އަހަންނަކީ މުޅި ދުނިޔެއަށްވެސް ކުއްވެރިއެއް!"
ރޮމުން ރޮމުން ޔަޝްމީ ބުނެލިއެވެ.
" އަހަރެން އެބަ ދަން.. ނުރޮއިބަލަ! ހުއްޓާލާ! "
ހާރޫން ފޯނު ކަނޑާލުމާއެކު ޔަޝްމީ އެނދުމައްޗަށް ވެއްޓިގަތީ އިތުރަށް ރޮއިލަން ބޭނުން ވެގެންނެވެ. ހިތުގައިވާ އުދާސްތައް ބޭރުކޮށްލަން ބޭނުން ވެގެންނެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް ހާރޫންގެ ކޯލެއް އައެވެ.
" ދޮރުމަތީ މިހުރީ"
ހާރޫންގެ އަޑު އިވުމާއެކު ޔަޝްމީ ތެދުވެގެން ގޮސް ދޮރު ހުޅުވީ ހާރޫންގެ ހިމާޔަތް ބޭނުން ވެގެންނެވެ. ހާރޫން އެތެރެއަށް ވަނުމާއެކު އޭނާ ހާރޫންގެ ގައިގައި ޖެހިގަތެވެ.
" އަހަރެން މިކަމުން ސަލާމަތްކޮށްދީ ހެޔޮނުވާނެ! އަހަރެން އަވަހަށް ގެންދޭ! "
ރޮމުން ރޮމުން ޔަޝްމީ ބުނަމުން ދިޔައެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ ބުރަކަށީގައި ފިރުމާލިއެވެ.
" އިތުރު ތަކުލީފްތަކެއް އުފުލާނެ ހިތްވަރެއްވެސް އަދި ބާރެއްވެސް އަހަރެންގެ ހަށިގަނޑަކު ނެތް! އަހަންގެ ހިތް އޮތީ ހިތާމަކޮށްކޮށް ބަލިވެފައި.. ހާރޫން ހަނގުރާމައަކަށްފަހު ހަނގުރާމައެއް އަހަންނާއެބަ ކުރިމަތިވޭ!"
ހާރޫންގެ ޓީޝާޓްގައި ހިފައި ބާރުކޮށްލަމުން ޔަޝްމީ ބުނެލިއެވެ.
" ޝްޝް.. އިހަށް މަޑުކޮށްބަލަ! ވާހަކަ ނުދައްކަބަލަ! އަހަރެން މިހުރީނު.. އަހަރެން އެކަންތައް ހަމަ ޖައްސާނަން..."
ހާރޫންގެ ޖުމްލަ ނުނިމެނީސް ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއިއެކު ހާރޫންއާ ޔަޝްމީއަށް އެދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. ދޮރުމަތީގައި ހުއްޓި ހުރި ރަހީލް ފެނުމާއެކު ޔަޝްމީއަށް ތެޅިގަނެފައި ހާރޫންއާ ދުރަށް ޖެހިލެވުނެވެ. އެހިނދު އެއްމިޔަކަނުން ހެވިފައި ހުރެ ރަހީލް ދެޖީބަށް އަތް ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ.
" އާހް.. މިއީދޯ މި ވާގޮތަކީ! "
ރަހީލްގެ ފުރަތަމަ ޖުމްލައިން ޔަޝްމީއަށް ހާރޫންގެ މޫނަށް ބަލައިލެވުނެވެ.
" އަހަރެން ކޮޓަރިން ނިކުތް ވަގުތު ފިރެހެނަކު މިތަނަށް ވަންނަތަން ފެނިގެން މިއައީ! ސޮރީ! ނުބައި ވަގުތެއްދޯ! "
ރަހީލް ހުރީ ހާރޫންގެ މޫނަށް ބަލާށެވެ.
" ޔަޝްމީގެ ލޯބި ހޯދަން އަހަރެން މަސައްކަތް ކުރާތާ ވަރަށް ދުވަސް ވެއްޖެ! އެކަމަކު އެންމެ ބައްދަލް ވުމަކުން މިސްޓަރ އަޙްމަދު ޔަޝްމީގެ ލޯބި ކާމިޔާބުކޮށްފި! ވައުވައުވައު! ވަރަށް ކުޅަދާނަ!"
މަލާމާތުގެ ރާގަކަށް ރަހީލް ވާހަކަ ދައްކަން ފެށިއެވެ. އޭރުވެސް ގޮތްހުސްވެފައި ހުރި ކަހަލަ ގޮތަކަށް ޔަޝްމީ ރަހީލްއަށް ބަލަމުން ދިޔައެވެ.
" ޔަޝްމީއަށްވެސް މިސްޓަރ އަޙްމަދުގެ މުއްސަނދިކަން ފެނުނީދޯ! އެކަމަކު އަބަދުވެސް މަގާތު ބުނަމުން ދިޔައީ ކުރީގެ ފިރިމީހާ ކުރީގެ ފިރިމީހާ ކުރީގެ ފިރިމީހާ މައިފުޓް! "
ބުނަން ބޭނުންވި ޖުމްލަ ރަހީލްއަށް ނުބުނެވުނީ އޭނާގެ ހިތުގައިވާ ރުޅިވެރިކަމުގެ އަލިފާންގަނޑު ބޭރަށް ފަޅައިގެން ދިޔައީމައެވެ. އޭރު އޭނާހުރީ ހާރޫންގެ ޓީޝާޓްގައި ހިފައިގަނެފައެވެ.
" އޭ! ދޫކުރޭ ރަހީލް.. ކިހިނެއް ވެގެންތަ ތިއުޅެނީ؟ "
ޔަޝްމީގެ ހަޅޭކުގެ އަޑާއެކު ރަހީލް ދުރަށް ޖެހިލިއެވެ. ހާރޫން އަވަސް އަވަހަށް ޓީޝާޓް ރީތިކޮށްލީ ރަހީލްއަށް ބަލައިލަމުންނެވެ. އޭރު ހާރޫންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
" އަހަންނަށް ކޮމްޕެނީގެ ހިއްސާދީ، އެހާ އަވަހަށް އަހަރެން ވާވައްދާލީ ޔަޝްމީ ފެނިގެންދޯ! އެހާ ދުރުގައި ހުރި އޮފީހަކަށް އަހަރެން ފޮނުވައިގެން ވަގުތު ހޯދީ މިގަނޑެއް ގަންނަންވެގެން؟؟ މަޑުކުރައްޗޭ މިސްޓަރ އަހްމަދު! މިތާ ހުންނައްޗޭ! "
އެހެން ބުނެ ރަހީލް ބާރުބާރަށް ނިކުމެގެން ދިޔައެވެ.
" ހާރޫން.. އަހަރެން ވަރަށް ބިރުގަނޭ! އޭނަ އެހުރީ ވަރަށް ރުޅި އައިސް.. ޕްލީޒް މިތަނުން ދޭ.."
ޔަޝްމީ ބޭނުންވީ ހާރޫން އަވަހަށް ފޮނުވާލާށެވެ. ނަމަވެސް ޔަޝްމީގެ އެދުމަށް ހާރޫން ވަގުތުން އިންކާރު ކުރިއެވެ.
" ރުޅި އައުމުގެ ކޮން ހައްޤެއް އޭނައަށް އޮތީ؟ ތިއީ އަބަދުވެސް މަގޭ މީހެކޭ.. އަހަރެން ނުދާނަން ޔަޝްމީ އެކަނި އޭނަގެ އަތްމައްޗަށް ދޫކޮށްލާފައެއް.."
ހާރޫން އެހެން ބުނި އިރު ރަހީލް އައިސް އަނެއްކާވެސް އެކޮޓަރިއަށް ވަދެއްޖެއެވެ. އޭރު އޭނާގެ އަތުގައި ހީރަސް ޖަހާފައިވާ ކަރުދާސްތަކެއް ހުއްޓެވެ. ހާރޫންއާ ޔަޝްމީ ބަލަހައްޓައިގެން ހުއްޓާ، އޭނާ އެ ކަރުދާސްތައް ވީދަން ފެށިއެވެ.
" އަހަރެން ބޭނުމެއްނޫން ކަލޭގެ ވިޔަފާރީގެ ދަށުން އެއްވެސް ކަމެއް ކުރާކަށް! މުޅި ދުނިޔެއަށް އަހަރެން ކަލޭ ފަޟީޙަތްކުރާނަން.. ހަނދާން ކުރާތި! "
ހާރޫންއަށް އިނގިލި ދިއްކޮށްލުމަށްފަހު ރަހީލް ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުންވެސް ރުޅިވެރިކަމުގެ އަލިފާންކަނި ބުރައިގެން ދާ ކަހަލައެވެ. އެއަށްފަހު އޭނާގެ ރުޅިވެރި ދެލޮލުން ޔަޝްމީއަށް ބަލައިލިއެވެ. އެހިނދު ޔަޝްމީއަށް ބިރުން އިސްޖެހުނެވެ.
" ތިއީ ތިމާއަށް ލިބިފައިވާ ރީތި ސޫރަ ބޭނުން ކޮށްގެން މުއްސަނދި ފިރެހެނުން ތިމާގެ އަވާގައި ޖައްސާ މަކަރުވެރި އަންހެނެއް! އަބަދުވެސް މުއްސަނދިން ފަހަތުން ދުވާ ކޫޑިއެއްތީ! ބޮޑު ބަޑިއެއްތީ! ކަލެއަށް ދުވަހަކުވެސް ރަނގަޅުގޮތެއް ނުވާނެ! މާ ރަނގަޅު، މާ މާތް މީހަކަށް ވެގެން އުޅެއުޅެފައި މިތަނަށް އައިސް ކުޅެލި ކުޅިގަނޑު.. "
ރަހީލްގެ ޖުމްލަތައް އަޑުއަހަން ޔަޝްމީ ހުރީ ދެލޯމަރާ ބާރުކޮށްގެންނެވެ.
" ރަހީލް! "
ހާރޫން ތަންކޮޅެއް ބާރަށް ގޮވައިލީ ރަހީލްގެ އެ ރުޅިވެރި ބަސްތަކުން ޔަޝްމީގެ ހިތަށް އަސަރުކުރާނެވަރު އެނގޭތީ އޭނާ ހުއްޓުވާށެވެ. ނަމަވެސް ރަހީލް ހުރީ ވާހަކަތައް ހުއްޓާ ގޮތަކަށް ނޫނެވެ.
" ކަލޭ އިންތިޒާރު ކުރަމުންދާ ކުރީގެ ފިރިމީހާވެސް ނާންނާނެ ކަލޭ ކައިރިއަކަށް! ކަލޭ މަށާ އިނަސް މަގޭ ހިތުގައި އޮތީ އަދި އެހެން މީހަކާވެސް އިނދެލަން! މާނާޅާ ގަހެއް މިހާރު އެކަކުވެސް ހައްދާކަށް ބޭނުމެއް ނުވާނެއެއްނު! ކަލޭގެ ލޯތްބަށް އެދި މަ އާދޭސްކުރި ވަރަށް އެކަކުވެސް އާދޭހެއް ނުކުރާނެ.. ކާކު ކުރާނީ؟ ތިއީ ދަރިޔަކުވެސް ނުލިބޭނެ މީހެއް..."
ރަހީލްގެ އެ ޖުމްލައާއިއެކު އޭނާގެ މޫނުމަތީގައި ހާރޫން ވަރުގަދަ އެތިފަހަރެއް ޖެހިއެވެ. އެއާއިއެކު ސިހިފައި ޔަޝްމީއަށް އަނގަމަތީގައި އަތް އެޅުނެވެ. ވީތަދުން ރަހީލްއަށް މޫނުގައި އަތް ޖައްސާލެވުމާއެކު ހާރޫން އޭނާގެ މޭގައި އަޅާ ދުރަށް ކޮއްޕާލީ ނުހަނު ރުޅި އައިސް ހުރެއެވެ.
" ތި މޭރުމުން ދެވަނަ ފަހަރަށް ޔަޝްމީއާ ވާހަކަ ނުދައްކާތި! "
ތުރުތުރުއަޅާ ހުރި އަތަކުން ރަހީލްއަށް އިނގިލި ދިއްކޮށްލަމުން ހާރޫން ބުނެލިއެވެ.
" މި ދޭތެރެއަށް ވަންނަން ކަލޭތީ ކާކު؟ "
މޭފުޅާކޮށްލާފައި ރަހީލް ބުނެލީ ނުހަނު ބާރަށެވެ. އޭރުވެސް ދުރުގައި ހުރި ޔަޝްމީ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ.
" ހާރޫން! ޔަޝްމީ އިންތިޒާރު ކުރަމުންދާ ހާރޫން! "
ސާފުކޮށް ހާރޫން ބުނެދިނެވެ. އެއާއިއެކު ރަހީލްއަށް ހައިރާންކަން ލިބި، ޔަޝްމީގެ މޫނަށް އޭނާއަށް ބަލައިލެވުނެވެ. އޭރު ލަސް ހިނގުމެއްގައި ޔަޝްމީ ރަހީލްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ.
" މިއީ އަހަރެންގެ ކުރީގެ ފިރިމީހާ.. ހާރޫން! އަހަރެންގެ މި ދަތުރަކީ ހާރޫންއާ ބައްދަލްވާން ކުރެވުނު ދަތުރެއް ކަމެއް ކުރިއަކުން ނޭނގެ! އަހަރެން އޮޅުވައެއްނުލަން.. ދޮގެއް ނަހަދަން.. އެކަމަކު.. މިރޭ އަހަންނަށް ރަހީލްގެ އަސްލު ސޫރަ ފެނިއްޖެ.. މީހުން ބުނެއުޅޭ އެމީހެއްގެ ހިތުގެ ކުލަ ފެންނާނީ އެމީހަކަށް ކަމެއް ދިމާވީމައޭ! އެއީ ތެދެއް! ރަހީލްގެ ކަޅުކަންގަދަ ހިތާއި، އަނިޔާވެރިކަމާއި، ރުޅިގަދަކަން އަހަންނަށް މިރޭ ފެނިއްޖެ! އަދި އަހަންނަކީ ދަރިން ނުލިބޭ މީހެއްކަން ފުރަތަމަ ފަަހަރަށް އެހާ ނިކަމެތި ގޮތަކަށް އިޙްސާސްކޮށްދިނީވެސް ރަހީލް.. މިއަދާ ހަމައަށްވެސް އަހަންނަށް ރަހީލްދެކެ ލޯބި ނުވެވުނުކަން އެއީ އަހަރެންގެ ނަސީބު! އަދި މިދަތުރުގައި ބައިވެރިވެވުނުކަމީވެސް ހަމަ އަހަރެންގެ ނަސީބު.. އެހެން ނޫންނަމަ އަހަރެންގެ ހާރޫން އަހަންނަކަށް ނުފެނުނީސްކަންނޭނގެ.."
ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!