ކުރީގެ އަދަދާއިގުޅޭ،

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ހޮޓެލުން ނިކުމެގެން އައިސް ރަހީލް ކާރަށް އެރުމާއެކު ބާރު ދުވެލީގައި ހޮޓެލްގެ ގޭޓުން ކާރު ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން ދުރުގައި އޮތް ކާރުގައި އިން ހާރޫން އަވަސް އަވަހަށް ކާރުގެ ތެރެއިން ނިކުމެގެން ގޮސް އެ ހޮޓެލަށް ވަނެވެ. އެއަށްފަހު ރިސެޕްޝަނާ ދިމާލަށް ހިނގައިގަތީ އަވަސް ހިތަކައިގެންނެވެ. ނަމަވެސް އޭނާގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެއްވެސް ގެސްޓަކު އުޅޭ ކޮޓަރިއެއްގެ ނަންބަރު ރިސެޕްޝަނުން ނުދޭނެކަން ހަނދާން ވުމުންނެވެ. އެއާއިއެކު އޭނާއަށް އިތުރަށް ވިސްނަން ޖެހުނެވެ. ޔަޝްމީ މިވަގުތު އުޅޭނީ ކޮޓަރީގައިކަން ޔަޤީންވާ ހާލު، އޭނާގެ މިސްރާބު ބަދަލުކޮށްލީ ލިފްޓާ ދިމާލަށެވެ.

Ad
rt

ލިފްޓްގައި ހުރީ އޭނާ އެކަންޏެވެ. ބާރު ސްޕީޑްގައި ގޮސް ލިފްޓް ހުއްޓުނީ އިމާރާތުގެ އެންމެ މަތީ ފަންގިފިލާއަށެވެ. ދޮރު ހުޅުވުމާއެކު ހާރޫން އަވަސް އަވަހަށް ލިފްޓުން ބޭރަށް ނިކުތެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު، މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ހަނި ގޯޅިއެއްގެ ދެފަރާތުގައި ހުރި ކޮޓަރިތަކުގެ ދޮރުފަތްތަކަށް ބަލަމުން ހާރޫން ހިނގަމުން ދިޔައެވެ. ރަހީލްއާއި ޔަޝްމީގެ ކޮޓަރިއަކީ ކޮބައިކަން ނޭނގި އޭނާއަށް ހުރެވުނީ މާޔޫސް ވެފައެވެ.

" އިން- ވިލާ ޑައިނިންގ.. ގޫޑް މޯނިންގ މޭމް!"

ކުއްލިއަކަށް ފަހަތުން އިވުނު އަޑަށް ހާރޫން ފަސްއެނބުރި ބަލައިލިއެވެ. އޭރު އެންމެ ފުރަތަމަ ކޮޓަރީގެ ދޮރުމަތީގައި ބްރެކްފާސްޓް ޓްރޭ ހިފައިގެން ހުރި ވެއިޓަރެއް ހުއްޓެވެ.

" ގުޑް މޯނިންގ މޭމް"

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ވެއިޓަރ އެތެރެއަށް ދެމިގަތްތަން ހާރޫނަށް ފެނުނެވެ. އޭރުވެސް އޭނާ ހުރީ ނުތަނަވަސްކަމާއެކު އެދިމާލަށް ބަލަހައްޓައިގެންނެވެ. އާއްމުގޮތެއްގައި ގެސްޓުންނަކީ ފްރީ ބްރެކްފާސްޓް ވަގުތު، އަވަހަށް ހޭލައިގެން ރެސްޓޯރެންޓަށް ދާ ބަޔެކެވެ. އިން-ވިލާ ޑައިނިންގއަށް އޯޑަރ ދީގެން ހެނދުނުގެ ނާސްތާ ރޫމަށް ގެންނާނީ މަދުބައެކެވެ. އާއްމުކޮށް އެހެން އުޅޭނީވެސް ދިވެހިންނެވެ. ހާރޫންގެ ހޮޓެލްގައިވެސް ކަން ހިނގަނީ އެފަދައިން ކަމަށްވާތީ، އޭނާއަށް އިިތުރަށް ފިކުރު ކުރެވުނެވެ.

" އެއީ އަނެއްކާ ޔަޝްމީއެއް ނޫންބާ؟ "

ބޮޑު ފިޔަވަޅުގައި ހާރޫން ހިނގާފައި އައިސް އެކޮޓަރިއަށްވުރެ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ އިސާހިތަކު ކޮޓަރީގެ ދޮރު ހުޅުވުނެވެ.

" ތޭންކްޔޫ! "

އެއާއިއެކު އޭނާގެ ކަންފަތުގައި ޖެހުނީ ޔަޝްމީގެ އަޑެވެ. އޭރު ވެއިޓަރވެސް ހިނިތުންވެފައި ހުރެ ކޮޓަރިން ނިކުންނަނީއެވެ. ހިތުގައި އަތް އަޅައިގެން ކެތްތެރިކަމާއެކު ހާރޫން މަޑުކޮށްގެން ހުރީ ފޯނަށް ބަލާށެވެ. ވެއިޓަރ ދިޔުމާއެކު އަވަސް އަވަހަށް ހާރޫން ކުރިއަށް ނަޒަރު ހިންގާލިއެވެ. ޔަޝްމީގެ ކޮޓަރި ދޮރުމަތީގައި ހުއްޓި ހާރޫން ޓަކި ޖަހާލީ ކޮންމެވެސް ވަރަކަށް ޖެހިލުންވެ ހުރެއެވެ. ދެފަހަރަކު ޓަކި ޖަހާލުމާއެކު މަޑުމަޑުން ދޮރުގެ އަތްގަނޑު އެނބުރިގަތްތަން އޭނާއަށް ފެނުނެވެ. ހަމަ އެވަގުތު ދޮރު ނިވަލުގައި ހުރެ ބޭރަށް މޫނު ދިއްކޮށްލި ޔަޝްމީ ފެނި ހާރޫންއަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. އަތުގައި އޮތް ސަމްސާ ދޫވެގެން ވެއްޓުމުން ޔަޝްމީއަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް އޭނާ އެކަމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ކަޅި ޖަހަައިނުލާ އޭނާއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލާށެވެ. އޭރުވެސް ހާރޫންގެ ހިތުގައިވަނީ އާދަޔާ ޚިލާފް ބިރުވެރިކަމަކާއި ނުތަނަވަސް ކަމެއް އުފެދެން ފަށާފައެވެ. ކުޑަކޮށް ހުޅުވާފައި ހުރި ދޮރުފަތުގައި އަތް ޖައްސައި އެތެރެއަށް ކޮއްޕާލުމަށްފަހު ހާރޫން އެތެރެއަށް ދެމިގަތެވެ. އެއާއިއެކު ދޮރު ލެއްޕުމަށްފަހު ޔަޝްމީއަށް ދޮރުގައި ލެނގިލެވުނެވެ. އެހިނދު ހާރޫން ޔަޝްމީގެ ކުރިމަތީގައި ހުއްޓި، ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލައިލިއެވެ. އޭރުވެސް ހާރޫންގެ ހަށިގަނޑުން ބާރު ދޫވަމުންދާ ކަހަލަ އިޙްސާސްތަކެއް އޭނާއަށް ކުރެވެމުންދެއެވެ. ޔަޝްމީގެ ނަޒަރުވެސް ހުއްޓިފައި ހުރީ ސީދާ ހާރޫންގެ ދެލޮލަށެވެ. ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގި އެކަކު އަނެކަކުގެ މޫނަށް ބަލަން ދެމީހުންނަށްވެސް ތިބެވުނީއެވެ.

" ޔަ..ޔަޝްމީ! "

ތުރުތުރުއަޅާ އަޑަކުން ހާރޫން ގޮވާލިއެވެ. އެއާއިއެކު ދެއަތުގެ އިނގިލިތައް ފިއްތަމުން ތަންކޮޅަކަށް ހިނގާލުމަށްފަހު ޔަޝްމީ ހާރޫންއަށް ފުރަގަސް ދިނެވެ.

" ޔަޝްމީގެ ބަލިޙާލު ރަނގަޅުތަ؟ "

ހާރޫން އޭނާއާމެދު ވިސްނާވަރު ހިތަށް އަރާފައި އެވަގުތު ޔަޝްމީގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އަނގައިން ބަހެއް ނުބުނެވިގެން، އޭނާއަށް ހަމައެކަނި ކޮށްލެވުނު ކަމަކީ މަޑުމަޑުން ބޯޖަހާލުމެވެ. އަނެއްކާވެސް ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. އޭރު އެކަކު އަނެކަކުގެ މޫނަށް ބަލައިލާނެ ހިތްވަރުވެސް އެމީހުންގެ ނެތް ފަދައެވެ.

" އަހަރެން.. އަހަރެން މިއަދު ވަރަށް އުފާވެއްޖެ! އަހަރެން ހާރޫން ދޫކޮށް ދިޔައީ ހާރޫންއަށް މިދުވަސް މިންވަރުކޮށްދެއްވުމަށްއެދި ދުޢާ ކުރަމުން.. ހާރޫންއަށް ލޯބިލޯބި ދަރިއެއްގެ ނިޢުމަތް ދެއްވުމަށްއެދި އެފަރާތުގައި އާދޭސް ދަންނަވަމުން... އާހް.."

ގަދަކަމުން ހިނިތުންވެލަމުން ޔަޝްމީ ހާރޫންއާ ދިމާލަށް އެނބުރިއެވެ. ނަމަވެސް އޭރު އޭނާގެ ދޮންދޮން މޫނުމަތިވަނީ ރަތްވެފައެވެ. ދެލޮލުގައި ކަރުނަ ވިދަމުންދެއެވެ. ގަދަކަމުން އޭނާ ހިނިތުންވެފައިވާއިރު ދެތުންފަތް ހުރީ ތުރުތުރު އަޅާ ޙާލުގައެވެ. ޔަޝްމީގެ ޖުމްލަތައް އަޑު އަހަން ހުރި ހާރޫން އެއްމިޔަކަނުން ހީލަމުން އިސްޖަހާލިއެވެ. އޭނާއާމެދު ޔަޝްމީ ދެކެމުންދާ ހުވަފެންތައް އެނގުމުން އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ތެދެއް! އަހަންނަށް ލޯބިލޯބި ދަރިޔަކު ލިބިއްޖެ! އެދަރިފުޅަކީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ ދަރިއެއް.. އަދި މަންމަދެކެވެސް ވަރަށް ލޯބިވާނެ.. "

ޔަޝްމީގެ މޫނަށް ބަލަހައްޓައިގެން ހުރެ، ހާރޫން އަސަރާއެކު ބުނެލިއެވެ. އެއާއިއެކު އަނެއްކާވެސް ޔަޝްމީ ހިނިތުންވެލިއެވެ.

" ހާރޫންގެ އަންހެނުން ރަނގަޅުތަ؟ ދަރިފުޅާއެކުގައިދޯ މިވަގުތު އުޅޭނީ؟"

ހަމަޖެހޭގޮތް ދައްކާލަމުން ވަރަށް އުނދަގުލާއެކު ޔަޝްމީ އަހާލިއެވެ. އެއާއިއެކު ފާރުގައި ލެނގިލަމުން ހާރޫންވެސް ހީލިއެވެ.

" ހޫމް.. ދަރިފުޅުގެ މަންމަ އަބަދުވެސް ދަރިފުޅާއެކުވާނެ.. ބައްދަލްކޮށްލަން ދާނަންތަ؟ "

ހާރޫންގެ ސުވާލާއިއެކު ޔަޝްމީއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އަދި އެހާމެ އަވަހަށް ހާރޫންއަށް ފުރަގަސްވެސް ދެވުނެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނަމަވެސް ކަރުނަތައް ސިއްރު ކުރުމަށްޓަކައި އެހާމެ ސިއްރުން އޭނާ މޫނު ފުހެލިއެވެ.

" ނޫން.. ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ؟ ދެދުވަހެއްގެ ތެރޭގައި އަހަރެމެން ފުރަން މިއުޅެނީ.. އެހެންވެ އުނދަގޫވާނެދެން ތަންތަނަށް ދާން!"

ހާރޫންގެ އަންހެނުންނާ ބައްދަލް ކުރަން ދާނެ ހިތްވަރު ނެތުމުގެ ސަބަބުން ޔަޝްމީ އިންކާރު ކުރިއެވެ. ހަމައެވަގުތެވެ. ޔަޝްމީ ސިހުނީ ހާރޫން ބާރުބާރަށް އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލުމުންނެވެ.

" ކީއްވެ؟ ކީއްވެ ދާން ނުކެރިގެން ތިއުޅެނީ؟ ޔަޝްމީގެ އުފާވެރި ދިރިއުޅުން މުޅި ދުނިޔެއަށް އިޝްތިހާރު ކުރަމުން ދާއިރު، އަހަރެން ދިރިއުޅޭ ގޮތް ބަލައިލާން ހަމަ ނުދާނަންތަ؟ "

ހާރޫންގެ މޫނުމަތީގައިވާ އަޖައިބެއްފަދަ ރުޅިވެރިކަން ފެނި ޔަޝްމީގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅެން ފެށިއެވެ. އެއާއިއެކު އޭނާގެ އަތުން ހާރޫންގެ އަތް ނައްޓުވާލިއެވެ.

" އޯހް! ސޮރީ! ތިއީ އެހެން މީހެއްގެ ޙައްޤެއްކަން އަހަރެން ހަނދާންނެތުނީ.. ޔަޝްމީގެ ގައިގައި އިނގިލި ކުރި ޖައްސާލުމުގެ ހުއްދަވެސް އަހަންނަކަށް މިހާރަކު ނޯންނާނެ! އެކަންވެސް އަހަރެން ހަނދާން ނެތުނީ.."

ހާރޫން ވާހަކަ ދެއްކީ ފަހަތަށް ޖެހެމުންނެވެ. އޭރު ހާރޫންގެ މޫނުމަތިން ފެންނަނީ މާޔޫސީކަމެވެ. ހައިރާންވެފައި ހުރެ ޔަޝްމީ ހާރޫންގެ މޫނަށް ބަލަމުން ދިޔައިރު އޭނާގެ ހަށިގަނޑުވެސް ދިޔައީ އުދާސްވަމުންނެވެ.

" ކީއްވެ ޔަޝްމީ؟ ކީއްވެ؟ "

އަނެއްކާވެސް ހާރޫން ބުނެލިއެވެ. ހާރޫން ދައްކަން އުޅެނީ ކޮން ވާހަކައެއްކަމެއް ނޭނގޭޙާލު، ޔަޝްމީއަށް ހުރެވުނީ ކަޅިޖަހައިނުލާ އޭނާއަށް ބަލާށެވެ.

" ހަނދާން ނެތުނީތަ؟ އަހަރެން ޔަޝްމީއަށް ދިން ލޯތްބާ އުފާ ހަނދާން ނެތުނީތަ؟ އަހަރެންވެސް ހަމަ ތިހާ އުފަލުގައި ޔަޝްމީ ގެންގުޅުނީމެއްނު! ތަނަވަސްކަމާއި އުފަލާއި އަރާމެއް އަހަރެން ހޯދައެއް ނުދެންތަ؟ ޔަޝްމީއަށް މަދުވީ ކޯއްޗެއް؟ ނުލިބުނީ ކޯއްޗެއް؟ އުނިވީ ކޮންކަމެއް؟ ނުކުރެވުނީ ކޮންކަމެއް؟ ޔަޝްމީގެ ދުލުން ބުނި ކޮންމެ ކަމެއް ކޮންމެ އެއްޗެއް ހޯދައިދެވޭތޯ އަހަރެން މަސައްކަތްކުރިން! ޚުދު އަހަންނަކީ، އަހަރެންގެ ނަފްސަކީވެސް ޔަޝްމީގެ އެއްޗަކަށް ހެދިން! ހަމައެކަނި ޔަޝްމީގެ.... ދެން ބުނެބަލަ! ޔަޝްމީއާ ބެހޭގޮތުން އަހަރެން އެއްވެސް ޝަކުވާއެއް ކުރިންތަ؟ ޔަޝްމީގެ ފަރާތުން އެއްޗެއް މަދުވެގެން އަހަރެން އެއްވެސް ޝަކުވާއެއް ސުވާލެއް ކުރިންތަ؟ ނުކުރަން! ނުކުރަން! "

އެހިސާބަށް ވާހަކަ ދިޔައިރު ހާރޫންއަށް ރޮވިއްޖެއެވެ. އޭނާއަށް ކެތް ނުވީއެވެ. އަޑުބެދި، ކުރަކިވީއެވެ. ދެތިން ފަހަރަކު ކެއްސާލުމަށްފަހު އަނެއްކާވެސް އޭނާ މަސައްކަތްކުރީ ހިތުގައި ހުރި ޝަކުވާތައް ބަންޑުންކޮށްލެވޭތޯއެވެ.

" އަހަރެމެން ދެމީހުންގެ ދުވަސްވީ ލޯބީގައި އަހަރެންގެ ފަރާތުން ފެނުނު އެންމެ ކުށެއްވެސް ބުނެބަލަ! އަހަރެން ދޫކޮށް ދާންޖެހޭވަރުގެ ކަމެއް ބުނެބަލަ! އަހަރެންގެ ކުށަކީ ޔަޝްމީދެކެ އިންތިހާއަށް ލޯބިވުން ކަމުގައިވާނަމަ އެކުށް އަހަންނަށް ކުރެވުނު! ޔަޝްމީ! ކޮންމެ ޙާލެއްގައިވެސް އަހަރެން ޔަޝްމީ ބަލައިގަތިން! އެކަމަކު އަހަރެން ޔަޝްމީގެ ލޯތްބަށް އެދި އާދޭސްކޮށްކޮށް ހުއްޓައި އަހަރެން ދޫކޮށް ދިޔައީއެއްނު! ޔަޝްމީއަށް ޤުދުރަތުން މެދުވެރި ކުރެއްވި ބަލިމަޑުކަމަށް ހިތާއި ފުރާނައިން އަހަރެން ރުހުނިން.. އެކުގައި އުޅެން ވަޢުދުވީން! އެކަމަކު ޔަޝްމީ އަހަރެން ދޫކޮށްލީ! އަހަރެން މުޅި ދުނިޔެއަށް ގިނަކޮށްލީ! "

ޔަޝްމީގެ މޫނާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ހާރޫން ބުނެލިއެވެ. އެއަށްފަހު އޭނާއަށް އަތުގެ އިނގިލިތައ އެތެރެއަށް މަޅާލަމުން އިސްޖަހާލެވުނެވެ.

" އެދުވަހު އެގޮތަށް އަހަރެން ކަންތައް ނުކުރި ނަމަ މިއަދު ހާރޫންއަށް ތި އުފާވެރިކަން ލިބުނީސްތަ؟ ޕްލީޒް ހާރޫން! ދެން ތި ވާހަކަތައް ނުދައްކާ! ތިގޮތަށް ޝަކުވާ ނުކުރޭ! "

މާޒީގެ ވާހަކަތައް ހާރޫން، އާކުރަން ފެށުމުން ޔަޝްމީ ބޭނުންވީ އެވާހަކަތައް ދެއްކުން ހުއްޓުވާށެވެ. އެވާހަކަތައް އަޑުއަހަން ޔަޝްމީއަށް ނުހަނު އުނދަގުލެވެ. ހިތަށް ތަދުވެއެވެ. ދެރަވެ މާޔޫސްވެއެވެ. އަދި ބައެއް ފަހަރު އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ.

" ކީއްވެ ޝަކުވާ ނުކުރަންވީ؟ ކީއްވެހޭ މިޝަކުވާތައް އަހަރެން ނުކުރަންވީ؟ "

ތަންކޮޅެއް ދުރުގައި ހުރި ހާރޫން ބާރުބާރަށް އައިސް ޔަޝްމީގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އެއާއިއެކު ގިސްލަގިސްލާފައި ޔަޝްމީއަށް ރޮއިގަނެވުނެވެ. އޭނާގެ ކެތްތެރިކަންވެސް ކޮޅުންލީއެވެ. ނަމަވެސް ޔަޝްމީ ރޯމަންޒަރު ބަލަން އުނދަގޫ ވެގެން ޔަޝްމީގެ ގައިން ދޫކޮށްލުމަށްފަހު ހާރޫން އަނެއްކާވެސް ޔަޝްމީއަށް ފުރަގަސް ދިނެވެ.

" އަހަރެން މިހެން ޝަކުވާ ކުރަން މަޖުބޫރު ކުރުވީވެސް ޔަޝްމީ! ޔަޝްމީއަށް އަހަންނާއެކުގައިވެސް ހަމަ ތިގޮތަށް ރަހީލްއާއެކު އުޅޭހެން އުޅެވުނީހެއްނު! ޔަޝްމީގެ ޙާލަތު ޤަބޫލުކޮށް، އެކުގައި އުޅެން އަހަރެން ކިހާ އާދޭހެއް ކުރިން؟ ދަރިޔަކު ނެތަސް އަހަރެންވެސް މުޅި އުމުރު ދުވަހު ޔަޝްމީއާއެކު ހުރީމުސް! އެއްވެސް މީހަކަށް ދެެރައެއް ދޭކަށް ބޭނުމެއްނޫނޭ ކިޔާފައިގޮސް ކީއްވެ ރަހީލްއާ ކައިވެނިކުރީ؟ "

ހާރޫން ދޫކޮށްލި ފަހު ޖުމްލައިން ޔަޝްމީ ދިޔައީ ސިހިގެންނެވެ. އެހެންކަމުން އަތުގެ ނުފުށުން ލޮލުން ފައިބަމުންދާ ފެންތައް ފުހެމުން އޭނާ ބާރުބާރަށް ވާހަކަ ދައްކަން ފެށިއެވެ.

" ކާކު ބުނީ އަހަރެން އުޅެނީ ރަހީލްއާ ކައިވެނިކޮށްގެންނޭ؟ އެއީ އަހަރެންގެ ފިރިމީހާއެއް ނޫނޭ! އަދި އަހަންނަކީވެސް މީހެއްގެ އަނތްބެއް ނޫނޭ ހާރޫން"

ޔަޝްމީގެ ބާރު އަޑުން ހާރޫންއަށް އަވަސް އަވަހަށް ފަސް އެނބުރި ބަލައިލެވުނެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ.

" ކައިވެންޏެއް ނުކުރަމޭ؟ ދެން؟ ކީއްވެ ރަހީލްއާއެކު މިތާ ތިއުޅެނީ؟ ދެމީހުން އެކުގައި.. އެއްކޮޓަރިއެއްގައި....ކީއްވެ ޔަޝްމީ؟ "

ސުވާލަކަށްފަހު ސުވާލެއް ބޭރުކުރަމުން ގޮސް ހާރޫން ހުއްޓުނީ ޔަޝްމީއާ ދާދި ގާތުގައި އޭނާގެ ކުރިމަތީގައެވެ.

" މިއީ އަހަރެންގެ ކޮޓަރި! އަހަރެމެން ދެމީހުން އުޅެނީ އެއްތާކު ނޫން! އަހަންނަކީ އެހާ ދަށު ދަރަޖައެއްގެ މީހެއް ނޫން..."

ވާހަކަ ދައްކަން ފެށުމަށްފަހު ޔަޝްމީ ތަންކޮޅަކަށް ހިނގާލިއެވެ.

" ހާރޫން ހޯދަން އަހަރެން ނުކުރަނީ ކޮން ކަމެއް؟ "

ޔަޝްމީގެ އެ ޖުމްލައިން ފެންކަޅިވެފައިވާ ލޮލަކުން ހާރޫންއަށް ބަލައިލެވުނެވެ. ނަމަވެސް އޭރު ޔަޝްމީ ހުރީ އޭނާއަށް ފުރަގަސް ދީގެންނެވެ.

" ރަށަށް ގޮސް ދުވަސްކޮޅެއް ނުވަނީސް އަހަންނަށް ވިސްނުނު، ހާރޫންއާ ނުލައި އަހަންނަށް ނޫޅެވޭނެކަން! އަދި އަހަރެން ހާރޫންދެކެ ލޯބިވާވަރުވެސް އިޙްސާސް ކުރެވުނީ ދުރަށް ދިޔައީމަ! އިންތިހާއަށް ހަނދާންވާންފެށި! ހާރޫންގެ ލޯބި ބޭނުންވި! އެންމެ ފަހުން އަހަރެން ރަށް ދޫކޮށް މާލެވެސް ދިޔައިން.. އެކަމަކު ހާރޫންއާއެކު ހާރޫންއާ ގުޅުން ހުރި ހުރިހާ އެންމެންނާ ހުރިހާ އެއްޗެއްވެސް އަހަންނަށް ގެއްލުނު.. ހާރޫންގެ ޚަބަރެއް ލިބޭނެ އެއްވެސް ގޮތެއް ނެތް. އެކަމަކުވެސް އެގޮތް މިގޮތުން އަހަރެން މަސައްކަތްކުރީ ހާރޫން ދިމާވޭތޯ! "

ޔަޝްމީގެ ވާހަކައިން ހާރޫންގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. އޭނާގެ ކޮންމެ ޖުމްލައެއް ހާރޫންއަށް އަޑު އިވެނީ ބިރުވެރި ގޮތަކަށެވެ.

" އެންމެ ފަހުން މާލެއައިސް އުޅެނިކޮށް އަހަންނާ ރަހީލް ދިމާވީ! އޭނަ އަހަރެންދެކެ ވަރަށް ލޯބިވޭ! އެއީ ދަރިއެއް ބޭނުންވާ މީހެއް ނޫން.. އޭނަ ބޭނުންވަނީ ވިޔަފާރިކުރަން.. އެއީ އޭނަގެ ހުރިހާވެސް އުފަލަކީ! އެއްވެސް ވަރަކަށް އަހަރެން ރަހީލްދެކެ ލޯތްބެއް ނުވަން.. އޭނާގެ ހުރިހާ ހުށަހެޅުމަކަށް އަހަރެން އަދިވެސް މިދަނީ ނޫނެކޭ ބުނަމުން. އެކަމަކު... އެތައް އަހަރެއްގެ އިންތިޒާރަށްފަހުގައިވެސް އަހަންނަށް ހާރޫންގެ ޚަބަރެއް ނުވީމަ އަހަރެން ރަހީލްގާތު ބުނިން އަހަންނަށް ރަހީލްދެކެ ލޯބި ވެވުނު ދުވަހަކުންނޭ ކައިވެނި ކުރާނީ! އޭގެ ފަހުން އޭނަ އަހަންނާ ވަރަށް ގާތްކޮށްއުޅޭ! އަތުގައި ހިފާލައި ހަދާ! އެކަމަކު އެގޮތަށް އޭނަ އުޅޭތީ އަހަންނަށް އުނދަގޫވޭ! އެގޮތަށް އެކަން ވާކަށް ބޭނުމެއް ނުވޭ! އެކަމަކު... އަހަރެންވެސް ދިރިހުންނަން ކޮންމެވެސް މީހެއްގެ އެހީތެރިކަން ބޭނުންވާނެކަމަށް އަހަރެންގެ ޟަމީރު އަހަންނަށް ވިސްނައިދިން! އެހެނަސް... ހާރޫންއަށް އަހަރެންގެ ހިތުގައި ދެވިފައިވާ މަޤާމަކީ އިތުރު އެއްވެސް މީހަކަށް ދެވޭނެ މަޤާމެއް ނޫން.. "

ރޮވިފައި ހުރެ ޔަޝްމީ ހާރޫންއަށް ބަލައިލިއެވެ. އެއާއިއެކު ދެމީހުންގެ ނަޒަރު ސީދާވެ، ހިމޭންވެވުނެވެ.

" ހާރޫން.. އަހަރެން ރަހީލްއާއެކު މިތަނަށް މިއައީ އެކަންޏެއްނޫން.. އަހަންނާއެކު އޭނަގެ ކޮއްކޮވެސް އެބަ އުޅޭ! އެކަމަކު މީގެ ދެތިން ދުވަސް ކުރިން އޭނަވީ އެހެން ހިސާބަކަށް ޑޮކްޓަރަށް ދައްކަންގޮސް! އެހެން ނޫން ނަމަ އަހަރެމެންދާ ކޮންމެ ތަނެއްގައި އޭނަވެސް ހުންނާނެ.. "

އެހެން ބުނުމަށްފަހު ޔަޝްމީ ކުރު ގޮތަކަށް ހީލީ، ދެލޮލުން ކަރުނަ ފުހެމުންނެވެ.

" އަހަރެން ހިތަށް އަރާ މިހުރިހާ ވާހަކައެއް މި ދައްކަނީ ކީއްކުރަން ބާވައޭ! ތިއީވެސް މިހާރު ދިރިއުޅުމެއް ފަށައިގެން ދަރިޔަކާ އަނތްބަކު ގެންގުޅޭ މީހެއް! އަހަރެން މިވާހަކަތައް ދައްކައިގެން ކޮން ފައިދާއެއްވާނީ؟ މިހާރު މިއީ މުޅިންވެސް ބޭކާރު ވާހަކަ "

އޭރުވެސް ޔަޝްމީ ދިޔައީ އިސްޖަހައިގެން ހުރެ ދެއަތުން މޫނު ސާފު ކުރަމުންނެވެ. އެއާއިއެކު އޭނާ ސިހުނީ ހާރޫން އައިސް އޭނާގެ ދެއަތުގައި ބާރުބާރަށް ހިފެހެއްޓުމުންނެވެ. އެހާ ގާތުން ހާރޫންގެ މޫނު ފެނުމާއެކު ޔަޝްމީގެ ކެތްތެރިކަން ކޮޅުންލިއެވެ. އެހެންކަމުން އިތުރަށް އެމޫނަށް ބަލަން ބޭނުން ނުވެގެން އޭނާ ބާރުބާރަށް ދެލޯ މަރާ ފިއްތާލިއެވެ. ހަމަ އެވަގުތެވެ. ހާރޫން ޔަޝްމީގެ އަތުގައި ބާރުބާރަށް ހިފިއެވެ.

" ހާރޫން؟ "

އޭރު ހާރޫންގެ މޫނުމަތީގައިވަނީ މީގެ ކުރިން ދުވަހަކުވެސް ޔަޝްމީއަށް ފެނިފައިނުވާފަދަ ހަރުކަށި ގޮތެކެވެ.

" ކޮންތާކަށް އަހަރެން ތިގެންދަނީ ؟"

ޔަޝްމީގެ އަތުގެ ކުޑަހުޅުގައި ބާރުބާރަށް ހިފުމަށްފަހު އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުންނާށެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)