އައްޑޫ ސިޓީގައި 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އެ ސިޓީ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް އައްޑޫގެ ރައްޔިތުން އުންމީދު ކުރާ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި އެ ސިޓީގެ ރައްޔިތުން އަބަދުވެސް އެދި އެދި ހުރި ތަރައްގީ މިހައިތަނަށް ގެނެވިފައެއް ނެތް ކަމަށެވެ.

Ad
rt

އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެކަން ހާސިލްކޮށްދިނުމުގައި އިތުބާރުކޮށް ޒިންމާ ހަވާލުކޮށްފިނަމަ، އެ ޒިންމާ އަދާކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހޮސްޕިޓަލަކީ އެ ސިޓީގައި ތިބެގެން ހުރިހައި ހިދުމަތްތައް ލިބޭ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށާއި ހޮސްޕިޓަލުގެ ވަށައިގެން އޮންނަ ކުޅި، ހޮސްޕިޓަލުގެ ތަރައްގީއާއެކު އެ ސަރަހައްދަކީ ހިތް ފަސޭހަ ތަނަކަށް ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށާއި ކުޅިވަރު ކުޅެން ބޭނުންވާ ހުރިހައި ފަރާތްތަކަށް ބޭނުންވާ އެކި އެކި ވަސީލަތްތަކާއި ސްޓޭޑިއަމްތައް ޕްލޭން ކުރެވިގެން ކޮށްދެއްވާނެ ކަމަށެވެ. އަދި ބޭނުމަކީ އައްޑޫ ސިޓީގައި ތިބެގެން އާމްދަނީގެ ފުރުސަތު ހޯދައިދިނުންކަން ފާހަގަ ކުރައްވާ ވިދާޅުވީ އެކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.