ކުރީގެ އަދާއިގުޅޭ،

" އަހަންނާއެކު ސިޓިންގރޫމަށް ގޮސްލެވިދާނެތަ؟ އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިންތަކެއް.. ޔަޝްމީއާ ބައްދަލްކޮށްލަން އެއައީ"

Ad
rt

ހާރޫން ވާހަކަ ދެއްކީ އާދޭހުގެ ރާގެއްގައެވެ. ޔަޝްމީއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލަހައްޓައިގެންނެވެ.

" ޕްލީޒް..."

އަނެއްކާވެސް އޭނާ ބުންޏެވެ. އެއާއިއެކު އަވަސް އަވަހަށް ޔަޝްމީ ހާރޫންއަށް ފުރަގަސްދިނުމަށްފަހު ދެއަތް އުރާލިއެވެ.

" ތީގެ މާނައަކީ ނޫނެކޭ ދޯ؟ "

އަސަރާއެކު ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހާރޫން ނިކުންނަން ހިނގައިގަތެވެ. ދޮރުކައިރީ ހުއްޓިލުމަށްފަހުގައިވެސް އޭނާ ފަސްއެނބުރި ޔަޝްމީއަށް ބަލައިލިއެވެ. އޭރުވެސް ޔަޝްމީ ހުރީ، ހުރި ފިޔަވަޅު މަތީގައެވެ.

ލަސް ފިޔަވަޅުތަކެއްގައި ގޮސް ވަކިން ހުރި ސޯފާ ގޮނޑީގައި ހާރޫން އިށީނދެލީ ގަދަކަމުން ހިނިތުންވަމުންނެވެ. އެއާއެކު ޔަޝްމީ ދެކިލުމަށް ކެތްމަދުވެފައި ތިބި އޭނާގެ ރައްޓެހިން ވާހަކަ ދައްކަން ފެށިއެވެ.

" އަންހެނުން އަހަރެމެންނަށް ނުދައްކަން ވެގެންތަ ގޮވައިގެން ނައީ؟ "

އިއްބެ ބުނެލީ ދިމާކޮށްލާ ފަދަ ގޮތަކަށެވެ. ރައްދުގައި ދޭނެ ޖަވާބެއް ނޭނގޭ ޙާލު ހާރޫން ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނޫނޭ.. ވައިފް ކުޑަކޮށް ބޮލުގައި ރިއްސާތީ އޮތީ.. ނިދި ނިދި އޮތީމަ ދެން އަޅާނުލީ"

ހާރޫން ވާހަކައިން ހަމަޖައްސާލިއެވެ.

" އެކަމަކު އަހަރެން އަންނަ ވާހަކަ ނުވެސް ބުނަންތަ؟ އަހަރެން ހީކުރީ އަހަރެމެންގެ އިސްތިޤްބާލުގައި ހުންނާނީ ހާޑޭގެ ވައިފް ކަމަށް.."

ބާރުބާރަށް ހީގަންނަމުން ޖަންނަ ބުންޏެވެ. ހަމަ އެވަގުތެވެ. ދޮރެއް ލެއްޕުނު އަޑަށް އެންމެންނަށް އެއްފަހަރާ ބަލައިލެވުނީ ޔަޝްމީގެ ކޮޓަރިއާ ދިމާލަށެވެ. އޭރު ރީތި ހިނިތުންވުމެއްގައި ހުރެ ޔަޝްމީ ސޯފާއާ ދިމާލަށް އާދެއެވެ. އޭނާ ލައިގެން ހުރީ ފަަސްބައިފުޅާ، މަޑުފެހި ކުލައިގެ އަތްދިގު ހެދުމެކެވެ. ފަން ދިގު އިސްތަށިގަނޑު އޮތީ ހާމައަށް ދޫކޮށްލައިފައެވެ. ޔަޝްމީގެ މޫނުމަތީގައިވާ އުޖާލާކަން ފެނި ހާރޫންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އައިގޮތަށް އައިސް ޔަޝްމީ ހުއްޓުނީ ހާރޫންގާތުއެވެ. އެއާއިއެކު ހެވިފައި ހުރެ ހާރޫންއަށް ފުން ނަޒަރަކުން ޔަޝްމީގެ މޫނަށް ބަލައިލެވުނެވެ.

" މިއީ އަހަރެންގެ ވައިފް! ޔަޝްމީ!"

ހިނިތުންވެލަމުން ހާރޫން އެހެން ބުނެލި އިރު އޭނާގެ އެކުވެރިންގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. އެމީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީވެސް އެފަދަ ޙާލެއްގައި ތިބެއެވެ. އެކަން ހާރޫންއަށްވެސް ފާހަގަ ކުރެވުނެވެ.

" ޔަޝްމީ މި މީހުންނަށް ވެޑިންގައި ބައިވެރި ނުވެވުނީމަ ގެއަށް އެއައީ! ޕިއްޒާ އޯޑަރ ކޮށްގެން މިތިބީ"

ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލުވައިލީ ހާރޫންއެވެ. އެއާއެކު ގަދަކަމުން ހިނިތުންވެލަމުން ޔަޝްމީ ބޯ ޖަހާލިއެވެ.

" އިށީންނަންވީނު! އަހަރެން އެބަ އަންނަން ގޮނޑިއެއް ހިފައިގެން"

ސޯފާއިން ތެދުވަމުން، ޔަޝްމީއަށް ހާރޫން އިޝާރާތްކުރީ އިށީނުމަށެވެ. ލަދުން ހުރެ ޔަޝްމީ އިށީނުމުން ހާރޫން ދުރަށް ހިނގައިގަތީ އިތުރު ގޮނޑިއެއް ގެނައުމަށެވެ. އޭރުވެސް އެމީހުން ޔަޝްމީއަށް ބަލަމުންދާކަން ޔަޝްމީއަށް އެނގެއެވެ. އެހެންކަމުން އޭނާ އިނީ ނުހަނު ޖެހިލުންވެފައެވެ.

" އޭތް މިއީ ހާރޫން ކޮންތާކުން ހޯދި ނުފޮޅޭ ފިނިފެންމަލެއްތަ؟ "

މަޖާ ރާގަކަށް އިއްބެ އެހެން ބުނުމުން ޔަޝްމީއާ ދާދި ގާތުގައި ގޮނޑި ބަހައްޓަމުން ހާރޫން ހިނިގަނޑެއް ޖަހާލިއެވެ.

" ރާއްޖެތެރޭ ކުދިންނަށް ކަމުދާނީ މާލޭ މީހުންނޭ ބުނާތީ އަޑުއަހަން! އެއީ ދޮގެއް ނޫން ދޯ ޔަޝްމީ؟"

ޖަންނަގެ ވާހަކައިން ހާރޫން ސިހިފައި ޔަޝްމީއަށް ބަލައިލީ ޔަޝްމީ ހިތްހަމަ ނުޖެހިދާނެތީއެވެ. އޭރު ޔަޝްމީއަށްވެސް އިނދެވުނީ ހާރޫންއަށް ބަލަހައްޓައިގެންނެވެ.

" ނޫނޭ! ޖަންނައަށް ތިޔަ ހީކުރެވުނީ އަދި ރަނގަޅަކަށް ނޫން! މާލޭ މީހުންނަށް އަސްލު ރާއްޖެތެރޭ މީހުން މާ ކަމުދޭ! މާލެ ނާންނަން އުޅުނީމަވެސް ގަދަކަމުން ގޮވައިގެން މިއައީ! "

ހިނިތުންވެ އިނދެ ހާރޫން އެހެން ބުނެލުމުން ޔަޝްމީ އިސްޖަހާލިއެވެ. ނަމަވެސް އޭރު ޔަޝްމީގެ ހިތް މުޅިން ކިލަނބު ވެއްޖެއެވެ. ހާރޫންގެ ރައްޓެހިން އޭނާއަކަށް ކަމަކުވެސް ނުދިޔައެވެ.

" މިހާ ލޯބިލޯބި ކުއްޖަކު އެހާ ފަސޭހައިން ހާރޫން ސެޓު ކުރީ ކިހިނެއްތަ؟ "

އިއްބެ އަނެއްކާވެސް ސުވާލުކުރިއެވެ. ބާކީ ތިބި މީހުން ހަމަ ހެނީއެވެ.

" ހާރޫން ހުންނަނީ އިއްބެ ހުންނަހެން ބޮޑު ބަނޑެއް ލައިފައެއް ނޫނޭ! އޭނަ ކިހާ ޑީސެންޓްތަ؟ "

ޖަންނަ ހާރޫންއަށް ބަލައިލަމުން ބުންޏެވެ. އެއާއިއެކު ޔަޝްމީއަށް އިސްއުފުލާލެވުނެވެ. ހާރޫންވެސް ހެވިފައި އިނެވެ. އެމީހުންގެ ވާހަކަތައް އަޑުއަހަން ގަދަކަމުން ކަހަލަ ގޮތަކަށް ހެވިފައި ޔަޝްމީ އިނެވެ.

****

ޖާވިދް އިނީ ކާށެވެ. އޭނާގެ މޫނަށް، ފޫހި ގޮތަކަށް ބަލަހައްޓައިގެން ޝަހާނާ އިނެވެ. ފަރުމަހު ބޮލެއް ނޮޅައިގެން ކާން އިން ޖާވިދަށް އިރުއިރުކޮޅުން ޝަހާނާގެ މޫނަށް ބެލެއެވެ. ނަމަވެސް ހިނިތުންވުން ގެއްލިފައިވާ އެ މޫނުމަތީގައިވަނީ ހިތްހަމަ ނުޖެހުމާއި ފޫހިކަމުގެ އަސަރުތަކެވެ.

" ހާދަ ގޮތަކަށް މިރޭ ތި އިންނަނީ؟ "

އެންމެ ފަހުން ޖާވިދް ސުވާލު ކުރިއެވެ. އެއާއިއެކު ދަތްދޮޅީގައި އަތްވިދެލަމުން ޝަހާނާ ތުން ދަމާލިއެވެ.

" އަހަރެން ގޮތަކަށް އިނަސް ޖާވިދަށް ކީއް؟ "

ޝަހާނާ އެހެން ބުނުމުން ލާނެތް ގޮތަކަށް ޖާވިދް ހިނިގަނޑެއް ޖަހާލަމުން އަނެއްކާވެސް ބުންޏެވެ.

" ދެން ބުނެބަލަ! ފާޑަކަށް އިންނާތީއޭ އަހަރެން މި އަހަނީ؟ އަހަރެންގެ އަނބިމީހާއަށް ކުޑަވެސް ބަދަލެއް އައްޔާ އަހަންނަށް އެނގޭނެ! މޮޅު ދޯ؟ "

ޖާވިދް ގަޔާވެލާފައި މަޖާކޮށް ވާހަކަ ދައްކަން ފެށީ ޝަހާނާގެ މޫޑު ބަދަލުވޭތޯއެވެ.

" އާނ! ވަރަށް މޮޅު.. އަހަންނަށް ކުޑަ ބަދަލެއް އަޔަސް ފާހަގަ ކުރެވޭނީ މަގޭ ބުނީމަ ބުނާ ކަންތައް ކުރަން ހަނދާން ވެގެންނެއްނު! ނިކަން މޮޅެތި ވާހަކަ ދައްކާނެ"

ޝަހާނާގެ އަޑު ބާރުވުމާއިއެކު ޖާވިދްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ފެންތަށި ދަމާލުމަށްފަހު ބުނެލިއެވެ.

" އަސް! އަހަރެން ހަނދާންވެސް ނެތް.. ރޭގަ އެހެން ކިޔާފަ އަހަންނަށްވެސް ނިދުނީއޭ.. ކައިގެން ގޮސް ގުޅާލާނަން.."

" އަހަރެންގެ ކަންކަމުގައި ޖާވިދް ވަރަށް ފަރުވާކުޑަ ވާނެ.."

ޝަހާނާ ތެދުވަމުން ބުންޏެވެ. އެއަޑު އިވޭކަމަށް ނަހަދާ އަތްދޮންނަން ޖާވިދް ބޭރަށް ނިކުތެވެ.

****

އެންމެން ދިޔުމާއެކު ސިޓިންގ ރޫމް ދޮރު ލައްޕާލުމަށްފަހު ހާރޫން އެނބުރިލީއިރު ޔަޝްމީ އޭނާގެ ކޮޓަރިއާ ދިމާލަށް ދެއެވެ.

" ޔަ..ޔަޝްމީ! "

ހާރޫން ތެޅި ގަނެފައި އޭނާއަށް ގޮވާލުމާއެކު ޔަޝްމީ ހުއްޓުނެވެ. ނަމަވެސް އޭނާ އެނބުރި ބަލައެއް ނުލިއެވެ. އަވަސް ފިޔަވަޅުތަކުގައި ގޮސް ހާރޫން ޔަޝްމީގެ ފަހަތުގައި ހުއްޓުމާއެކު އޭނާއަށްވުރެ ކުރިން ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ.

" ކޮންމެހެން އަހަންނަށް ޝުކުރު އަދާކުރާނެ ކަމެއްނެތް! އަހަރެން މިތަނަށް މި ނިކުތީ ހާރޫންގެ އުފަލަށްޓަކައެއް ނޫން! އަހަރެން ނިކުތީ އަހަރެންގެ އަގު ހިފަހައްޓަން ބޭނުންވާތީ.. "

ޔަޝްމީ އެހެން ބުނުމުން ހާރޫން ޔަޝްމީގެ ކުރިމައްޗަށް އެރީ ހިނިތުންވަމުންނެވެ. އެއާއިއެކު ދެބުމަގޮށްޖަހަމުން ޔަޝްމީ ވަށްކަޅިން ހާރޫންއަށް ބަލައިލިއެވެ.

" އެކަމަކުވެސް ވަރަށް ބޮޑަށް ތޭންކްސް.... "

ހާރޫން އުފާވެރި ރާގެއްގައި ބުނެލިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޔަޝްމީ އެއްފަރާތަކަށް ޖެހިލިއެވެ. ޔަޝްމީ އިތުރަށް ރުޅި އަރުވަން ބޭނުން ނުވާތީ ހާރޫން އޭނާއަށް ޖާގަ ދިނެވެ. އެއާއިއެކު ބާރުބާރަށް ގޮސް އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ. ހަމަ އެވަގުތެވެ. ހާރޫންގެ ފޯން ރިންގްވާން ފެށިއެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ހާރޫން ފޯން ކަންފަތުގައި ޖެހިއެވެ.

" އެހެންތަ؟ ހަމަ އަންނަންވީ؟ މިކޮޅުން އެއްވެސް ކަމެއް ދައްޗެއްނުވާނެ..."

ހެވިފައި ހުރެ ހާރޫން ބުންޏެވެ.

***

ޝަހާނާއާއި ޖާވިދް ތިބީ ބޭރު ޖޯލީގައެވެ. ހާރޫންއާ ވާހަކަ ދެއްކުމަށްފަހު ޖާވިދް ފޯނު ބާއްވަމުން ޝަހާނާގެ މޫނަށް ބަލައިލީ ހިނިތުންވަމުންނެވެ. އޭރު ފަނޑުއަލީގެ ތެރެއިން ޝަހާނާގެ ހުދު ދަތްތައް ޖާވިދަށް ފެނުނެވެ.

" ހާދަ އަވަހަކަށް ހިނިއައީ؟ ޝަހާ އަލަށް މާލެދާއިރު އަހަރެންވެސް ވަރަށް ދާހިތްވެޔޭ!"

ޝަހާނާގެ މޫނާ ގާތްވެލަމުން ޖާވިދް ބުންޏެވެ. އެއާއިއެކު އުފަލުން ގޮސް ޝަހާނާއަށް ބާރަށް ހީގަނެވުނެވެ.

" އަހަރެން އެކަނި ފޮނުވަން ޖެހިލުން ވަނީތަ؟"

" ތިހާ ރީތި އަނތްބަކު ލިބުނީމަ ގެއްލިދާނެތީ ކާކުތަ ޖެހިލުން ނުވާނީ؟ ގައިމުވެސް އަހަރެން ވަރަށް ބިރުގަނޭ"

ޖާވިދް ބޭނުންވީ ޝަހާނާ އުފަލުން ފޮޅުވާލާށެވެ.

" އަޅެދޯ! ތިޔަ ގަސްދޮށުގައި ރޭގަނޑު ނުތިބެބަލަ! މިހާރު ވަރަށް ވާލުގެ އުނދަގޫ ބޮޑޭ! ބޮަލަށް ހީސްވެސް ލައިފާނެ.. ދޭ! ދޭ! ގެއަށް ވަދޭ"

ފުޅިއެއް ހިފައިގެން ފެން ބަލައި ނިކުތް ފާއިޒާއަށް ޖާވިދްމެން ފެނުމުން ބުންޏެވެ. އެއާއިއެކު ޝަހާނާއާއި ޖާވިދް ވަގުތުން ތެދުވެއްޖެއެވެ.

" މަންމާ! ޝަހާ ޑޮކްޓަރަށް ދައްކާލަން މާލެ ދާންވެގެން ހާރޫންއަށް މި ގުޅާލީ!"

ޖާވިދްގެ ޖުމްލައިން ފާއިޒާ ހުއްޓުނެވެ. އަދި ހެވިފައި ހުރެ ޖާވިދާއި ދިމާލަށް އައެވެ.

" އެހެންތަ؟ ޝަހާނާއަށް ކިހިނެއްވީ؟"

ފާއިޒާ ސުވާލުކުރިއެވެ،

" އެއީ ދެން ކުދި ތަދުތަދު އަރާތީވެ އެތެރެހަށީގެ މީހަކަށް ދައްކާލަން ވެގެން.. ހާރޫން ބުނީ އަންނާށޯ އަވަހަށް!"

ޖާވިދް އާދައިގެ ގޮތަކަށް ބުންޏެވެ.

" އާނ! ކިރިޔާވެސް އުނދަގުލެއް ވަންޏާ އަބަދުވެސް ޑޮކްޓަރަށް ދައްކަން ވާނެ! ޖާވިދް ހާރޫންއަށްދޯ ގުޅީ؟ އެކޮއި ކިހިނެއްތަ؟ އެކޮއި ކީއްވެތަ އަހަރެމެންނަށް ނުގުޅަނީ؟ މައިންބަފައިން މަތިން ހަނދާންނެތުނީތޯ އަހާބަލަ!"

ފާއިޒާ ހިނިތުންވަމުން އެހެން ބުނެލި ނަމަވެސް އޭނާ ދެރަވާނެވަރު ޖާވިދަށް ވިސްނެއެވެ. އެހެންކަމުން ޖާވިދް ބޭނުންވީ މަންމަ ހިތްހަމަ ޖައްސައިދޭށެވެ.

" ކޮއްކޮ އަހަންނާވެސް ވާހަކައެއް ނުދައްކައޭ މަންމާ! އަދި ހަމައަކަށް އެޅޭނެ.. ޝަހާ އެކޮޅަށް ގޮސް ކޮއްކޮ ހަމައަކަށް އަޅުވާލާނޭ ދޯ! "

ޖާވިދް ބުންޏެވެ.

" ޔަޝްމީ ބުންޏޯ ގުޅާނަމޭ! އެހެންވެ އޭނަ ގުޅަންދެން މި ހުންނަނީ! ހާރޫން ބުނީ އަދި ޔަޝްމީއަށް ވަގުތު ބޭނުންވާނެޔޯ ހަމައަކަށް އެޅެން. ކުއްލިގޮތަކަށް ކައިވެނި ކުރަން ޖެހުނީމަ އެހެން ވެދާނެއެއްނުދޯ! ހާރޫން ރަނގަޅުކަމުން މަންމަމެން އެހާ ބޮޑަކަށް ނުވިސްނަން އެކަމަކާ މިހާރު"

ފާއިޒާ އެހެން ބުނެލުމަށްފަހު ތާންގީއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޝަހާނާއަށް ހުރެވުނީ މަޑުމަޑުން ހީލަ ހީލައެވެ.

" މަންމަމެން ބޭނުންވާކަންތައް ވީމަ ދެން ކޮންކަމަކާދޯ ވިސްނަންވީ"

ފާއިޒާ ތަންކޮޅެއް ދުރަށް ދިޔުމާއެކު މަޖާ ގޮތަކަށް ޝަހާނާ ބުންޏެވެ. އެއާއިއެކު ޖާވިދް ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ބަލައިލިއެވެ. އެހެންކަމުން ޝަހާނާ އަވަސް އަވަހަށް ގެއާއިދިމާލަށް ހިނގައިގަތެވެ.

***

ހެނދުނު ހެނދުނާ ޔަޝްމީ ނިކުމެލީ ކޮފީއެއް ބޯހިތުންނެވެ. ނަމަވެސް ސޯފާގައި ނިދިފައި އޮތް ހާރޫން ފެނުމުން އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ ކުރިން ހާރޫން ވަރަށް އަވަހަށް އޮފީހަށްދާކަން ޔަޝްމީއަށް އެނގެއެވެ. ނަމަވެސް މިއަދު އޭނާ ނިދާފައި އޮތުމުން ޔަޝްމީގެ ހިތަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. ހާރޫންއަށް ގޮވާލަން ނުކެރިގެން ޔަޝްމީ ބަދިގެއާ ދިމާލަށް ދިޔައީވެސް އޭނާއަށް ބަލަމުންނެވެ. ޔަޝްމީ ގޮސް މޭޒުމަތީގައި ތަންކޮޅެއް ބާރަށް ޖޯޑު ބަހައްޓާލީ، ހާރޫންއަށް ހޭލެވޭތޯއެވެ. ކަންތައްވީ އޭނާ ބޭނުންވި ގޮތަށެވެ. އެއަޑަށް ހާރޫންއަށް ހޭލެވުނެވެ. އިސާހިތަކު އޭނާ ބަދިގެއާ ދިމާލަށް ބަލައިލަމުން ތެދުވެއްޖެއެވެ. ކުޑަމޭޒުގަނޑު މަތީގައި އޮތް ފޯނު ނަގާ ގަޑިން ވީވަރު އޭނާ ބަލައިލީވެސް އެހާމެ އަވަހަށެވެ.

" އޯ ޝިޓް! ރިސޯޓަށް ދާ ގަޑިވެސް ޖެހިއްޖެ..."

ހާރޫން އެހެން ބުނަމުން އެއް އަތުން މޫނު ފުހެލިއެވެ.

" ރިސޯޓޭ؟ "

ހާރޫންގެ ޖުމްލައިން ލިބުނު ހައިރާންކަމާއެކު ޔަޝްމީއަށް ބުނެވުނެވެ. އެއާއިއެކު ހާރޫންއަށް ފަރުވާތެރިކަމާއެކު ޔަޝްމީގެ މޫނަށް ބަލައިލެވުނެވެ.

" ޔެސް! އެއީ 9 ޖަހާއިރަށް މީޓިންގ އަކަށް ދާން ޖެހޭތީވެ! ބަޔަކަށް ގަޑި ކިޔާފައި އަހަރެން ނުގޮއްސިއްޔާ ވަރަށް ސަކަރާތްވާނެ.."

އެހެން ބުނުމަށްފަހު އޭނާ ފޯނު ކަންފަތުގައި ޖެހިއެވެ.

" ހެލޯ! އެމީހުންނަށް ރޫމް ހަމަޖައްސައިދީ! ދެން ބުފޭއަށް ދަޢުވަތުދޭތި.. ބުނޭ މީޓިންގ މިރެޔަށް ފަސްވި ވާހަކަ."

އެހެން ބުނުމަށްފަހު އޭނާ ފޯނު ކަނޑާލުމުން ޔަޝްމީއަށް ލިބުނު ހައިރާންކަން އިތުރު ވެގެން ދިޔައެވެ.

" ގަޑި ޖެހުނީމަ، މާ ބޮޑު ޚަރަދެއްނު ކުރަން ތި ޖެހުނީ ؟ "

ކޮފީ މެޝިނާއި ދިމާލަށް އެނބުރިލަމުން ޔަޝްމީ ބުނެލީ މަލާމާތުގެ ރާގަކަށެވެ.

" އަހަންނާމެދު ތިހާ ވަރަށް ވިސްނީތީ ޝުކުރިއްޔާ! "

ދާދި ގާތުން ހާރޫންގެ އަޑު އިވުމާއެކު ސިހިފައި ޔަޝްމީއަށް ތެޅި ގަނެވުނެވެ.

" ނު...ވިސް...ނަން.."

ޔަޝްމީއަށް ބުނެލެވުނީ ލަސްލަހުންނެވެ. އޭރު ހާރޫން ހުރީ އޭނާއާ ދާދި ގާތުގައެވެ. ހާރޫންގެ ވަރުގަދަ އިސްތަށިގަނޑުވަނީ އެގޮތް މިގޮތަށް ހޭވިފައެވެ. އެހެންކަމުން އަބަދުވެސް ރީތިކޮށް ފުނާއަޅާފައި ހުންނަ ހާރޫން މިހާރު ފެންނަނީ ތަފާތު ގޮތަކަށެވެ. ޔަޝްމީއަށްވެސް އެކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާއަށް ހާރޫންގެ އިސްތަށިގަނޑަށް ނަޒަރު ހިންގާލެވުނެވެ.

" އަހަރެން ހަމަ އެހާވެސް ހުތުރީތަ ފާޑަކަށް ތި ބަލަނީ ؟"

ފާރުގައި ހަރުކޮށްފައި ހުރި ހުދުކުލައިގެ ކަބަޑުގައި ބުރަކަށި ޖައްސާލަމުން ހާރޫން ބުނެލިއެވެ. އޭރު ޔަޝްމީ ކޮފީތަށި ހިފައިގެން އޭނާއަށް ފުރަގަސްދީފިއެވެ.

" އަހަރެން މިދަނީ ކޮޓަރިއަށް! "

އިތުރަށް މަޑުނުކޮށް ޔަޝްމީ ހިނގައިގަތެވެ. އޭނާ ދާ މަންޒަރު ބަލަން ހާރޫންއަށް ހުރެވުނީ ހެވިފައެވެ.

" ވާހަކައެއް ބުނަން ބޭނުން"

ހާރޫންގެ އަޑަށް، ޔަޝްމީ ހުއްޓުނެވެ. އޭނާ އެއްޗެއް ނުބުނި ކަމުގައި ވިޔަސް އަޑުއަހަން ބޭނުންކަން ހާރޫންއަށް އެނގުނެވެ.

" ޔަޝްމީގެ ފަހަރި ޑޮކްޓަރަށް ދައްކަން މިގެއަށް އަންނަ ވާހަކަ ޖާވިދް ގުޅާފައި ބުނި..."

" މިގެއަށޭ؟؟ މިގޭގައި ކޮންތާކު ހުންނަން؟"

ޔަޝްމީ ސިހިފައި އެނބުރި ބަލައިލިއެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑު ވެފައެވެ.

" ޔަޝްމީގެ ރޫމް! "

ހާރޫން ދިނީ ކުރު ޖަވާބެކެވެ. ނަމަވެސް އެގޮތް ޔަޝްމީއަކަށް ކަމަކު ނުދިޔައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ސޯފާގައި އިށީނުމަށްފަހު ކުރިމަތީގައި ހުރި ކުޑަ މޭޒުގަނޑުމަތީގައި ހޫނު ކޮފީތަށި ބެހެއްޓިއެވެ.

" އަހަރެމެން ދެމީހުން ވަކިން އުޅޭކަން އެއްވެސް މީހަކަށް އަންގާކަށް އަހަރެން ބޭނުމެއް ނޫން.. ދެމީހުން ދެ ރޫމްގައި އުޅޭކަން އޭނައަށް އެނގުނިއްޔާ އެންމެން ގާތު ބުނާނެ"

ޔަޝްމީ މުޅިން ހާސްވެއްޖެއެވެ. އެއްމިޔަކަނުން ހެވިފައި ހުރެ ހާރޫން ޔަޝްމީއަށް ބަލަހައްޓައިގެން ހުރެ، ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނެވެ.

" ދެން.. އެނގުނަސް އެގޮތް އޮތީ! ޝަހާނާ ގޮސް އެންމެން ގާތު ބުންޏަސް މައްސަލައެއްނެތެއްނު"

ހާރޫން ވާހަކަ ދެއްކީ ލަސްލަހުންނެވެ.

" ނޫން ނޫން ނޫން.. އެހެން ކަމަކު ނުދާނެ! އޭރުން މަންމަމެން ރުޅި އަންނާނެ.. އަޅޭ! ދެން ބުނި ނަމަ މިގެއަކު ރޫމެއް ނެތޭ!"

ޔަޝްމީ ރޮވޭފަދަ ގޮތަކަށް ބުންޏެވެ.

" އެހެން ނުކެރޭނެދޯ ބުނާކަށް! ދުވަހެއްގެ ކޮޅުން ވެސް އެމީހުން މިގެއަށް އައިއްޔާ އަހަރެން ހެދި ދޮގު އެނގޭނެދޯ! "

ހާރޫންގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ޔަޝްމީ އޭނާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ޔަޝްމީ ބަލާގޮތުން އޭނާ އެއްޗެއް ބުނަން ބޭނުންވާކަން ހާރޫންއަށް އެނގުނެވެ. އެހެންކަމުން ހާރޫން ދެބުމަ ހިއްލާލުމަށްފަހު ކިހިނެއްތޯވީ އެހިއެވެ.

" ދައްތަ ރަށަށް ދާންދެން އަހަރެން ތިކޮޓަރީގައި މަޑުކޮށްފާނަން އެކަމަކު ގޮތެއްގެ މަތިން!"

ޝަހާނާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. އެއާއިއެކު ހާރޫންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ.

" އަހަރެން ނިދާނީ ތިރީގައި..."

ޔަޝްމީ މަޑުމަޑުން ބުންޏެވެ.

" ތިއީ ޔަޝްމީ ބޭނުންވާ ގޮތް ކަމަށް ވަންޏާ އަހަރެން ތިކަމާވެސް ރުހެން..! މިގެއަކީ ޔަޝްމީގެ ގެއެއް. ތިނޫން އެހެން މީހަކަށް މިތަނަކަށް ބާރެއް ނުފޯރުވޭނެ.."

ހާރޫން ވާހަކަ ދެއްކީ ލޯބިންނެވެ. އަޑުއަހައިގެން އިން ޔަޝްމީއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.

***

ގަޑިން ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ޔަޝްމީ އޮތީ ސޯފާގައި ޓީވީ ބަލާށެވެ. ކުއްލިއަކަށް ބެލް ޖަހާލި އަޑު އިވުނެވެ. އެއާއެކު ސިހިފައި ޔަޝްމީ ތެދުވެއްޖެއެވެ. ހާރޫން ބައްދަލްވުމަށް ރިސޯޓަކަށް ދިޔަކަން އޭނާއަށް އެނގެއެވެ. އެހެން ނޫނަސް ހާރޫން އަތުގައި ތަޅުދަނޑިވެސް އޮންނާނެކަން ޔަޤީނެވެ. ދެން މިގަޑީގައި އެގެއަށް އަންނާނީ ކާކުބާވައޭ އޭނާ ހިތަށް އެރިއެވެ. ދެތިން ފަހަރު ބެލް ޖަހާލުމުން ޔަޝްމީގޮސް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެއާއިއެކު އޭނާއަށް ފެނުނީ ހިނިތުންވެފައިވާ މޫނެކެވެ. އެއާއިއެކު އެއީ ކާކުކަންވެސް އޭނާއަށް އެނގުނެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން އެގެއަށް އައި ހާރޫންގެ އެކުވެރިއެކެވެ.

" އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟ "

އިއްބެ އެހެން ބުނުމުން ޔަޝްމީއަށް އިންކާރު ކުރާކަށް ނުކެރުނެވެ. ހާރޫން ނެތް ވަގުތު އެގެއަށް އެއްވެސް ފިރެހެނެއް ވަންނަން ހުއްދަ ދިނުމަކީ ޔަޝްމީ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ހާރޫންގެ އެކުވެރިއެއްކަމުން އިޙްތިރާމް އަދާ ކުރުމުގެ ގޮތުން އޭނާ ދޮރު ހުޅުވާލިއެވެ. އެއާއިއެކު އިއްބެ އެތެރެއަށް ވަނެވެ.

" ހާރޫން ނެތް! ރިސޯޓުގައިވީ"

އިއްބެ ގޮސް ސޯފާގައި އިށީނުމާއިއެކު ޔަޝްމީ ބުނެލިއެވެ.

" މިރޭވެސް ރިސޯޓަށްތަ ދިޔައީ؟ "

އިއްބެ ހައިރާންވާ ފަދަ ރާގަކަށް ބުންޏެވެ. އެއްޗެއް ނުބުނެ ހުރެ، ދޮރު ލައްޕާލުމަށްފަހު ޔަޝްމީ ގޮސް ސޯފާގެ އެއްކޮޅުގައި ކޮޅަށް ހުއްޓުނެވެ.

" ހާރޫންއަށް ގުޅާލަންވީނު! "

ޔަޝްމީ އެދުނެވެ. ޖީބުން ފޯނު ނެގުމަށްފަހު އިއްބެ ދެފަރާތަށް ބޯ ހޫރާލަމުން ވާހަކަ ދެއްކިއެވެ.

" މިހާރުވެސް ފޯނު ނިވެނީ! އަހަރެން މިއައީ މިތާ މާގިނައިރު މަޑުކުރާކަށް ނޫނޭ! ފަހަރިކޮއްކޮއަށް އަހަރެން އައީމަ އުނދަގޫވީތަ؟ "

އިއްބެ ތެދުވަމުން ބުންޏެވެ. އެއާއިއެކު ޔަޝްމީ ކުޑަކޮށް ހާސްވިއެވެ. އޭނާއާމެދު ހާރޫންގެ އެކުވެރިން ހިތްހަމަ ނުޖެހިދާނެތީވެސް އޭނާ ޖެހިލުންވެއެވެ.

" ނޫނޭ! އެހެންނެއްނޫން.. ކޮފީއެއް ބޯން ވީނު"

ޔަޝްމީ އަވަސް އަވަހަށް އަހައިލީ ގަދަކަމުން ހިނިތުންވަމުންނެވެ. އެއާއިއެކު އިއްބެ ހިނިތުންވެލަމުން އަނެއްކާވެސް ސޯފާގައި އިށީނެވެ.

" ކަޅެއް އިނގޭ! "

ކޮފީ ހަދަން ބަދިގެއަށް ގޮސްވެސް ޔަޝްމީއަށް އިރުއިރުކޮޅުން އިއްބެއަށް ބެލެއެވެ. ހިތް ނުތަނަވަސްވާތީއެވެ. އިއްބެ އޭނާއަށް ބަލާކަން އެނގޭތީއެވެ. އިއްބެގެ ނިޔަތް ރަނގަޅު ނޫންހެން ހީވާތީއެވެ. ނަމަވެސް ގޯސްގޮތަކަށް ދެކެން ބޭނުން ނުވާތީ އިއްބެއާ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު ޔަޝްމީ ހިނިތުންވެލަނީއެވެ. ތުރުތުރު އަޅާ އަތަކުން އޭނާ ކޮފީތަށި ހިފައިގެން އައިސް އިއްބެގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާ ދިއްކޮށްލި ކޮފީތަށީގައި އިއްބެއަށް ހިފުނީ ޔަޝްމީގެ އަތާއިއެކުއެވެ. އެއާއިއެކު ޔަޝްމީ އަވަސް އަވަހަށް އަތް ދަމައިގަތެވެ. އޭރުވެސް އިއްބެ ޔަޝްމީއަށް ބަލަމުންދިޔައީ ކަތި ނަޒަރަކުންނެވެ.

" ހާރޫންދެކެ ވަރަށް ލޯބިވޭތަ؟ "

ޖެހިލުމެއްނެތި އިއްބެ ކޮށްލި ސުވާލުން ޔަޝްމީ ސިހިފައި ބަލައިލިއެވެ. އޭރު ޔަޝްމީގެ މޫނުމަތީގެ ކުލަވަރުވަނީ މުޅިން ބަދަލުވެފައެވެ.

" ހާދަ ރުޅިއައިސް ތި ބަލަނީ؟ ހާރޫން މިހާރުވެސް އުޅޭ ނޫޅޭ ތަނެއް ޔަޝްމީއަކަށް ނޭނގޭނެ! ގަޑިން އެގާރަ ޖަހަނީ.. އަނބިމީހާ އެކަނިމާއެކަނި ގޭގައި ތި އޮންނަނީ.. "

އޭނާގެ ވާހަކައިން ޔަޝްމީ އިތުރަށް ރުޅިއައެވެ.

" ރިސޯޓަށް މީޓިންގ ތަކަށް ގޮސް ކުރާ ކަންތައްތައްވެސް ވަރަށް އަވަހަށް ފަޅާއަރާފާނެ.. އަހަރެން މިހެން ބުނީތީވެސް ބަލައްޗޭ! "

އަތުގައި ހުރި ކޮފީތަށިން އެއްބައި ދަމާލުމަށްފަހު ތަށި ބަހައްޓަމުންވެސް އޭނާ ބަލައިލީ ޔަޝްމީއަށެވެ.

" މި ކޮފީ ވަރަށް ހިތި! ތި ކަރުގައި ހިތި ރަހަަ ލައްވައި ނުލަނީސް އަވަހަށް މިކަމުން ސަލާމަތްވޭ! "

ވިހަ ގޮތަކަށް ހެވިފައި ހުރެ އިއްބެ ދޮރާއި ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޔަޝްމީއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އިއްބެ ގޮސް ދޮރު ލައްޕާލުމުން ޔަޝްމީ ދުވެފައި ގޮސް ތަޅުލިއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އޭނާ އެންމެ ފަހުން ބުނި ޖުމްލައެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް ޔަޝްމީ ސޯފާގައި އިށީނެވެ. އަދި ދެއަތުގެ އިނގިލިތައް ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ކޮއްޕާލުމަށްފަހު އޭނާ ފުންކޮށް ވިސްނަން ފެށިއެވެ.

ހަމައެވަގުތެވެ. ކުއްލިއަކަށް ދޮރު ހުޅުވުނު އަޑަށް ޔަޝްމީ ބަލައިލިއެވެ. އޭރު ހެވިފައި ހުރެ ހާރޫން އެތެރެއަށް ވަދެގެން އާދެއެވެ.

" ޔަޝްމީ؟ ކަޅު ކޮފީވެސް ބޮންތަ؟"

ހާރޫންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ މޭޒުމަތީގައި ހުރި ކޮފީ ޖޯޑެވެ. ހާރޫން ސޯފާގައި އިށީނުމާއިއެކު ޔަޝްމީ ފުންމައިގެން ތެދުވިއެވެ.

" އަހަންނެއްނޫން.. ހާރޫންގެ އެކުވެރި އިއްބެ"

ޔަޝްމީ އެހެން ބުނުމާއިއެކު ހާރޫންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާވެސް ތެދުވެއްޖެއެވެ.

" އިއްބެއޭ؟ އިއްބެ އައީ މިގެއަށް؟ މިގަޑީގައި؟ "

ހާރޫންގެ އަޑު ފަހަރަކަށް ވުރެ ފަހަރަށް ބާރުވެއެވެ. އެހިނދު ޔަޝްމީ އެނބުރި ދެއަތް އުރާލަމުން ހާރޫންއަށް ބަލައިލިއެވެ.

" ކިހިނެއްވީ؟ "

ޔަޝްމީ ސުވާލުކުރިއެވެ.

އޭރުވެސް ހާރޫން ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައިކަން ޔަޝްމީއަށް އެނގުނެވެ.

" އަހަރެން ރިސޯޓަށް ދަމުންވެސް އިއްބެއަށް ގުޅިން.. ބުނިން ރިސޯޓަށޭ މިދަނީ! ދެން އަހަރެން ނެތިސް އޭނަ އަންނަންވީ ކީއްވެ؟ "

ހާރޫން އެހެން ބުނުމުން ޔަޝްމީއަށްވެސް ލިބުނީ ހައިރާންކަމެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (25)

ސިލްސިލާ ވާހަކަ: ޝިކާޔަތު (25)

(ނިމުނީ)