ހދ. މަކުނުދޫ ފަޅުގައި ސޮނެވާ އިން ހަދާ ރިސޯޓު މިއަހަރު ހުޅުވަން ނިންމައިފިއެވެ.

ސޮނެވާގެ ބާނީ ޝިވްދަސާނީ ސޯނޫ މިކަން ހާމަކުރެއްވީ ޓްރެންޑް ފޯކާސްޓިން ކުންފުނި، ޑަބްލިއުޖީއެސްއެން ގެ ވެބިނާއެއްގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ސޯނޫ ވިދާޅުވީ އެ ރިސޯޓަށް ގާތްގަނޑަކަށް 40 މިލިއަން އެމެރިކާ ޑޮލަރު (614 މިލިއަން ރުފިޔާ) ހަރަދުވެފައިވާނެ ކަމަށާއި މި ރިސޯޓުގައި ވެސް ފަތުރުވެރިންނަށް ޕްރައިވަސީ އާއެކު އުޅެވޭނެ ކަމަށެވެ. އަދި ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލަން ލަގްޒަރީ ވިލާތަކާއި ރެސިޑެންސްތައް ވެސް ހުންނާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ވިލާއަކަށް ވެސް ގާތްގަޑަކަށް ތިން މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާނެ ކަމަށާއި މިއިން ކޮންމެ ވިލާއެއްގައި ޕްރައިވެޓް ބަޓްލަރަކާއި ކައްކާއެއް އަދި ވެއިޓަރެއް ހުންނާނެ ކަމަށެވެ.

"ސޮނޭވާ ސީކްރެޓް”ގެ ނަން ދީފައިވާ މި ރިސޯޓާއި ބެހޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނީ މިއަހަރުގެ ސެޕްޓެމްބަރު ގައިި ކަމަށް ވެސް ސޯނޫ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިންގަމުން އަންނަ ސޮނޭވާ ބްރޭންޑަކީ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ވައްޓަފާޅި ބަދަލުކޮށްފި ބްރޭންޑެކެވެ.

އެގޮތުން ފަތުރުވެރިންގެ ކޮޓަރިތައް ފަރުމާކޮށްފައިވާ ގޮތާއި އެމީހުންނަށް ދޭ ޚިދުމަތްތަކުގެ ވައްޓަފާޅިއަށް ބަދަލު ގެނައި ބްރޭންޑަކީ ސޮނެވާ ބްރޭންޑެވެ.

އެ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހިންގާނެ ތިންވަނަ ރިސޯޓެވެ.

ސޮނޭވާ އިން މިހާރު ހިންގާ ރިސޯޓްތަކަކީ ސޮނެވާ ފުށި، ސޮނެވާ ޖާނީ އެވެ. މީގެ އިތުރުން އަކުއާގެ ނަމުގައި އެ ކުންފުނިން ޗާޓާޑް ޔޮޓެއް ގެންގުޅެއެވެ.

ހދ. އަތޮޅުގައި މިވަގުތު އޮންނަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ އޭ އިން ހިންގާ ހޮނޑާފުށި ރިސޯޓު އެކަންނެވެ. މިއީ 118 އެނދުގެ ރިސޯޓެކެވެ.