އައްޑޫ ސިޓީ އަށް ތައުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް، އައްޑޫ ސިޓީ ކައުންސިލުން ޝުކުރު އަދާކުރައްވައިފިއެވެ.
އެ ކައުންސިލުން، ރައީސް އަށް ޝުކުރު އަދާކުރެއްވީ އެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި އައްޑޫސިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާގުޅޭގޮތުން ބޭއްވެވި މަޝްވަރާގައެވެ.
އައްޑޫސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުގެ މެންބަރުން ވަނީ އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ކުރެވިފައިވާ މުހިންމު ގިނަ ކަންތައްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރެވި، ކެތްލެބްގެ މަސައްކަތް ވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކޮށްފައިވާ މަސައްކަތްތަކާއި ތައުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި ކުނީ މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީ ވަސީލަތް އިތުރުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ، އިޖުތިމާއީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު އިތުރުކަންކަމާއި ހައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރައްވައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.
ރައީސް އައްޑޫސިޓީ އަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!