މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ހދ. މަކުނުދޫ ބޯޓެއްގައި ރޯވެއްޖެއެވެ.

މަކުނުދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބުދުﷲ މާހިދު "ތިލަދުން" އަށް ވިދާޅުވީ، އެ ބޯޓުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Ad
rt

"މުޅި ބޯޓުގައި ވަނީ ރޯވެފައި، އެއް ވެސް މީހަކަށް އަނިޔާއެއް ނުވޭ" މާހިދު ވިދާޅުވިއެވެ.

''ހޮރީޒިއާ 2'' ނަމަކަށް ކިޔާ މި ބޯޓުގައި 10 މީހުން ތިބިއިރު އެ އެންމެން ވެސް ވަނީ ސަލާމަތްތެރިކަމާއެކު ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓު ލޯންޗަކަށް ނަގާފައެވެ.

އެ ބޯޓުގައި ދަތުރުކުރި މީހަކާ ހަވާލާދީ ލަނޑާގިރާވަރު ރިސޯޓްގައި ހުރި މީހަކު "ތިލަދުން" އަށް ބުނީ ބޯޓުގައި ރޯވީ އިންޖީނު ރޫމްގެ ބެޓެރީއެއް ޝޯޓްވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން އެމްއެެންޑީއެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން މިފަދައިން ވިދާޅުވެފައި ވީނަމަވެސް އެބޯޓަކީ މަކުނުދޫ އާއި މާލެ އާއި ދެމެދު ދަތުރު ކުރާ ބޯޓެކެވެ. ނަމަވެސް ރަސްގެތީމަށާއި އަލިފުއްޓަށް މި ބޯޓު ޖައްސައެވެ.

"މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރު"

އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.

މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައި ކަމަށާއި، ބ. އޭދަފުށީ ސީއެމްބިއުލާންސާއި ޅ. މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް މިހާރު ދަނީ އެސަރަހަށްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.