ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމު ކޮށްގެން މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.

Ad
rt

ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ފެސްޓިވަލުގައި ބައިވެރިވާއިރު، މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާއިގުޅުން ހުރި ރާއްޖޭގެ ޖަމިއްޔާތައް ވެސް ބައިވެރިވާނެއެވެ. އަދި ސިޔާސީ ލީޑަރުންނާއި މެރިން އީކޯ ސިސްޓަމް އިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލާއި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިފެސްޓިވެލްގައި ސީޝެލްސްސް އެގްރިކަލްޗަރ މިނިސްޓަރ ވެސް ކީނޯޓް ސްޕީޗެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، ދާއިރާގެ ފަންނީ ބޭފުޅުންގެ ވާހަކަ ދެއްކުމާއި ޕްރެޒެންޓޭޝަންތަކުގެ އިތުރުން ސުވާލާއި ޖަވާބުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ސްކޫލުގެ ކުދިންގެ މެދުގައި ބާއްވާ ބަހުސް މުބާރާތެއް އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ އޮޑިޓޯރިއަމްގައި ބޭއްވުމަށް ވެސް ނިންމާފައި ވެއެވެ.

މި ފެސްޓިވަލުގެ ފުރަތަމަ ދެ ދުވަހު ދުނިޔޭގެ އެކި ހިސާބުތަކުން ބައިވެރިވާ މުރަކައިގެ ތަޖުރިބާކާރުންނާއި, ސައިންސްވެރިންނާއި އެންވައިރަމެންޓަލިސްޓުން، އާންމުންނަށް އަމާޒުކޮށްގެން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭގޮތަށް ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާނެއެވެ.

ފެސްޓިވަލުގެ ތިން ވަނަ ދުވަހު އައްޑޫގެ ޔުނެސްކޯ ނޭޗަރ ޕާކާއި ހުޅުމީދޫގެ ނޭޗަރ ޕާކަށް ޒިޔާރަތް ކުރުމަށް ވެސް ނިންމާފައި ވެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި ކޮރަލް އިންސްޓިޓިއުޓް ގުޅިގެން ބާއްވާ "ކޮރަލް ފެސްޓިވަލް 2023" ސްޕޮންސަރ ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް, ވައިޓް އިންސްޓިޓިއުޓް, ނޫ ރާއްޖެ, ސޮނޭވާ, އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސް, އިކުއެޓަރ ވިލެޖް, ޕެބްލްސް އަދި މޯލްޑިވިއަން އެއަރލައިންސް ހިމެނެއެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ފުރަތަމަ ކޮރަލް ފެސްޓިވަލް ބޭއްވީ 2020 ވަނަ އަހަރު ކ. ތުލުސްދޫގައެވެ.