ހައްދާ ތަކެތީގެ ފޫ ގިރޭ ބަލި ނުވަތަ ބްލޮސަމް އެންޑް ރޮޓަކީ ހައްދާތަކެތީގެ (މީގެ ފަހުން 'މޭވާގެ') ފޫ ނުވަތަ އެންމެ ތިރީ ކޮޅު ގިރޭ ބައްޔެވެ.
ވިލާތު ބަށި، ބަށި، ކަރާ އަދި އަނބަށް ވެސް މި ބަލި ޖެހެއެވެ. މިއީ ބޭނުންވާ މިންވަރަށް ގަހުން މޭވާއަށް ކެލްސިއަމް މާއްދާ ފޯރުނުކޮށްދެވި، ކެލްސިއަމް މަދުވުވުން ޖެހޭ ބައްޔެކެވެ.
ކަރަލުގެ ފީ ގިރޭ ބަލި
ފުރަތަމަ މޭވާގެ ފުލުގައި ފެން އެރިފައި ހުންނަ ގޮތަށް ރީނދޫކުލައަކަށް ލަކެއް ޖަހައެވެ. ދެން އެތަނުގެ ކުލަ މުށިކުލައަށް ބަދަލުވެ ގިރެން ފަށައެވެ. އެންމެ ފަހުން ދިޔަ ހެދި ފާވެފައި ހުންނަ ކަޅު ލައްގަނޑަކަށް ބަދަލުވެއެވެ.
މި ބަލި ގިނައިން ޖެހެނީ މޭވާގެ ފުލަށް ކަމުގައިވިޔަސް ބައެއް ފަހަރު އެއްފަރާތަކަށްވެސް ޖެހެއެވެ. އަދި އެއްވެސް އަލާމާތެއް ބޭރުން ފެންނަން ނުހުންނަ ގޮތަށް މޭވާގެ އެތެރެއަށްވެސް މިބަލި ޖެހެއެވެ.
ފޫގިރޭ ބަލި އެއް ފަރާތައް ޖެހިފައި
ދިވެހިރާއްޖޭގެ ފަސްގަނޑަކީ ކެލްސިއަމުން މުއްސަނދި ފަސްގަނޑެއް ކަމަށް ވިޔަސް، ބައެއް ފަހަރު ގަހުގެ މައިގަނޑުން އެކަށީގެންވާ މިންވަރަށް މޭވާއަށް ކެލްސިއަމް ނަގައި ނުދެވޭ ފަހަރު އާދެއެވެ. މިހެން ދިމާވަނީ ފަސްގަނޑުން ގަސް ނަގާ އެހެން މާއްދާތަކާ ހެދި ކެލްސިއަމްއަށް މޭވާއަށް ވާސިލުނުވެވިގެންނެވެ.
މިސާލަކަށް ބައެއްފަހަރު ޕޮޓޭސިއަމް އަނެއްބައި ފަހަރު ނައިޓްރޮޖަން ކެލްސިއަމަށް ހުރަސް އަޅައެވެ. ފަސްގަނޑު މާބޮޑަށް ހިކުމާއި މާ އަވަސް އަވަހަށް ފަސްގަނޑުގެ ތެތްކަމުގެ ނިސްބަތް ބަދަލުވަމުން ދިޔުމަކީ ވެސް މި ބަލި ޖެހިދާނެ އިތުރު ސަބަބުތަކެވެ.
ސިއްހަތު ރަންގަލޫ ގަހަކުން ފޫގިރޭ ބަލި ފެނނަ ނަމަ ނިއުޓްރޮޖެން މަދުކޮށްލުމަކީ ހައްލެއް
މި ޙާލަތުގައި ކެލްސިއަމް މާއްދާ އެކުލެވޭ ކާނާއެއް އިސްޕްރޭކޮށްގެން ފަތްތަކުގެ ޒަރީއާއިން ދިން ކަމުގައިވިޔަސް މޭވާތަކަށް މީގެ އަސަރެއް މާބޮޑަށް ކުރާ ކަމަކަށް ފާހަގަވެފައެއް ނުވެއެވެ.
ފޫ ގިރޭ ބަލި ޖެހެނީ ކެލްސިއަމް އުނިވުމުގެ ސަބަބުން ގަހުގެ ސެލްތަކުގެ ސެލް ފާރުތަށް ތުނިވެ ބައްޔަށް ސެލްގެ މެދަށް ސަވާރުވެވޭތީ އެވެ. އެހެންކަމުން ކެލްސިއަމް މަދުވުމުން ތަފާތު އެހެނިހެން ބަލިތަކުން ވެސް ގަހަށް ދިފާޢުނުވެވިދާތަން އާދެއެވެ.
ފޫ ގިރޭ ބަލިން ރައްކާތެރިވުމުގެ ގޮތުން ގަސް ހައްދަމުން ގެންދާ ފަސްގަނޑުގެ ހުތްކަން 6.5 ގައި ބެހެއްޓުމަށް މަސައްކަތްކުރެވިދާނެއެވެ. ފަސްގަނޑުގައި އެކުލެވޭ ލައިމްގެ (އުވައިގެ) ނިސްބަތް މަތިކުރުމަށް ލައިމް އެކުލެވޭ އެއްޗެހި ފަސްގަނޑާ އެއްކުރެވިދާނެއެވެ.
ފަސްގަނޑާއި އެއްކުރާ ލައިމް
މީގެ އިތުރުން ގަސް ފެހިކޮށް ވަރުގަދަޔަށް ހެދިފައި ހުރެ މޭވާއިން ފޫ ގިރޭ ބަލި ފެންނަ ނަމަ ނައިޓްރިޖަންގެ ސަބަބުން ކެލްސިއަމްއަށް ހުރަސްއެޅެނީ ކަމަށްބަލައި ނައިޓްރިޖަން މާއްދާ އެކުލެވޭ ކާނާ ދިނުން ހުއްޓައިލެވިދާނެ އެވެ.
މަތިވަރު ވަރަށް ބޮޑަށް ރަނގަޅުވެފައި އޮވެމެ ފޫ ގިރޭ ބަލި ޖެހޭ ޙާލަތުގައި ޕޮޓޭސިއަމްގެ ސަބަބުން ކެލްސިއަމް ދައުރުވުމަށް ހުރަސްއެޅެނީ ކަމަށްބަލައި ޕޮޓޭސިއަމް އިން ގަސް މަޙުރޫމްކޮށްލަން ވިސްނިދާނެއެވެ.
ފޫ ގިރޭ ބައްޔަކީ ގަހުގެ އެތެރޭގެ ނިޒާމުގައި ކެލްސިއަމް މަދުވުމުން ޖެހޭ ބައްޔެކެވެ. ބަލި ޖެހުމަށްފަހު ޖަހާ ލަކުގައި އިތުރު ފަންގަސް ބައްޔެއް އަށަގަތުންވެސް އެކަށީގެން ވެއެވެ.
އާއްމު ފަންގަސް ބަލިތަކާ ފޫ ގިރޭ ބައްޔާ ޢަލާމާތްތަކުގެ ގޮތުން އެއްގޮތް ކަމެއް ހުރިނަމަވެސް، ސީދާ ފަންގަސް އިން ވުޖޫދުވާ ބަލިތައް ޖެހޭ އިރު މޭވާގެ އިތުރުން ގަހުގެ ފަތްތަކާއި އެހެން ބައިތަކުންވެސް އެ ބަލިތަކުގެ އަސަރު ފެންނަން ހުރެއެވެ.
ފޫ ގިރޭ ބަލީގެ ހައްލަކީ ކެލްސިއަމް
އެހެންކަމުން ފޫ ގިރޭ ބައްޔަަށް ފަރުވާ ކުރުމަށް ފަންގިސައިޑު ޖެހުމަކީ އެންމެ ރަނގަޅު ޙައްލުކަމުގައެއް އަޅުގަނޑުމެން ނުދެކެމެވެ. އޭގެ ބަދަލުގައި ކެލްސިއަމް މާއްދާ އެކުލެވޭ ކާނާއެއް ގަހަށް ދިނުމާއި ކުރިން ދެންނެވުނު ފަދަ، ގަހުގެ އެތެރޭގައި ކެލްސިއަމް ދައުރުކޮށްދޭ ގޮތްތައް އިޚުތިޔާރުކުރެވިދާނެ އެވެ.
މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!