ރާއްޖޭގައި ނަގާ ޓެކްސް ބޮޑު ނުކުރުމަށް ށ. ފުނަދޫ ކައުންސިލުން ގޮވައިލައިފިއެވެ.
އެ ކައުންސިލުން މިފަދައިން ގޮވައިލެއްވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެނައުމަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާއި ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޓެކްސް ބޮޑުކޮށްފިނަމަ ރައްޔިތުން ޟަރޫރީގޮތުންނާއި އެނޫން މުހިއްމު ބޭނުންކުރަންޖެހޭ ތަކެތީގެ އަގު ވަރަށްބޮޑުތަނުން އުފުލޭނެ ކަމަށެވެ. އަދި އެ ކަމަކީ މަސްވެރިންނާއި އެނޫންވެސް ތަފާތު އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކަށް ލިބޭ އާމްދަނީ މަދުވާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަން ކުރުމަށް ބަންނަމުންދާ ފައިބަރު ދޯނި ބަނުން ހުއްޓި މަސްވެރިކަން ކުރުމަށް ބަނދެފައިވާ ދޯނިފަހަރަށް މަހަށް ނުފުރި، މަހުގެ އަގުވެއްޓި، މަސް ކިލޯއަކަށް ލިބޭ އަގަށްވުރެ ތެލުގެ އަގުބޮޑުވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަމިއާއެކު އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ބޮޑުތަނުން މަދުވެ މަސްވެރިކަމުގެ ސިނާޢަތާއި އެނޫންވެސް ތަފާތު މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތައް ވެސް ބަނގުރޫޓްވުމުގެ އިންޒާރު ދެމުންދާ ކަމަށާއި ބޭންކްތަކުން އާއްމު ރައްޔިތުން ނަގާފައިވާ ލޯނުތައް ނުދެއްކި ރައްޔިތު މީހާގެ ޢާއްމު ދިރިއުޅުމުގެ ހަރަދު ބޮޑުވެފައިވާ ކަމަށެވެ.
މިފަދަ ހާލަތެއްގައި ޤައުމުގެ އިގްތިސާދު އޮތްކަމަށް ބުނާއިރު، ސަރުކާރު ޚަރަދު ބޮޑުވެފައިވާ ކަމަށާއި، އެހެންކަމުން ''ނިކަމެތި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް ރައްޔިތުން ނިކަމެތިކޮށްލުމުގެ ސިޔާސަތު ހުއްޓައިލުމަށް'' ގޮވައިލާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ބޮޑުތަނުން އިތުރުވެ، ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުން އަންނަކަމަށް ސަރުކާރުން ބުނަމުންދާއިރު، ރައްޔިތުންގެ އަތުން ނަގަމުން ގެންދާ ޓެކްސް ބޮޑު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ކައުންސިލުން ގޮވައިލާ ކަމަށް ފުނަދޫ އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފުނަދޫ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ތަމްސީލް ކުރަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ބޭފުޅުންނެވެ. ފަސް ވަނަ ގޮނޑި ތަމްސީލް ކުރައްވަނީ މިނިވަން މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!